ފޭދޫ އާ ސްކޫލުގެ މަސައްކަތް ލަސްވީ ކޮންސެޕްޓަށް ބަދަލުގެނެސް 10 ކުލާސްރޫމް އިތުރުކުރަން ޖެހުމުން

އައްޑޫ ސިޓީ ފޭދޫގައި އަލަށް އިމާރާތްކުރާ ސްކޫލުގެ މަސައްކަތް ލަސްވީ ކޮންސެޕްޓަށް ބަދަލު ގެނެސް 10 ކުލާސްރޫމް އިތުރުކުރަން ޖެހުމުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ދެ ސެޝަނަށް ހިންގަމުންދާ ފޭދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އާ ސްކޫލެއް އެޅުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ މަސައްކަތް ލަސްވެއްޖެ ކަމަށާއި ލަސްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ކޮންސެޕްޓަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށެވެ. ކޮންސެޕްޓަށް ގެނައީ ފުދޭވަރަކަށް ބޮޑު ބަދަލެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ބަދަލު ގެނައީ ގާތްގަޑަކަށް 10 ކުލާސްރޫމް އިތުރުކުރެވޭ ގޮތަށް ކަމަށެވެ.

މިނިސްޓަރު ޝަފީޢު ވިދާޅުވީ ގެންނަން ޖެހޭ ބަދަލުތައް މިހާރު ގާތްގަޑަކަށް ނިމިފައިވާ ކަމަށެވެ.

ފޭދޫ އާ ސްކޫލުން އިމާރާތް ކުރަނީ އެރަށުން ހިއްކި ސަރަހައްދުގައި 96،500 އަކަފޫޓް ހިމެނޭ ސަރަހައްދެއްގައެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ފޭދޫ ސްކޫލް އިމާރާތް ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ފޭދޫ ސްކޫލާ ގުޅޭ ގޮތުން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ކުރިން ވިދާޅުވެފައި ވަނީ، އެ ސްކޫލުގެ އިމާރާތަކީ މުޅި ރާއްޖެއިން ވެސް ފާހަގަކޮށްލެވޭ އިމާރާތެއް ކަމަށާއި ޒަމާނީ ޚިދުމަތްތަކާއި އާ ކަންތައްތަކެއް އެ އިމާރާތުގައި ހަމަޖައްސާފައިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އަލަށް ޤާއިމް ކުރާ، ޑޭ ކެއަރ ސެންޓަރަކާއި ލޭންގުއޭޖް ލެބަކާއި ފީފާ އިން ޤަބޫލުކުރާ ފެންވަރުގެ ޓާފްއެޅި ދަނޑެއް އެ ސްކޫލުގައި ޤާއިމް ކުރައްވާނެ ކަމަށެވެ. ޑޭ ކެއަރ ސެންޓަރުގެ އެހީގައި ޓީޗަރުންގެ އަމިއްލަ ދަރިން ގޮވައިގެން ސްކޫލް މާޙައުލަށް ނުކުމެވޭނެ ކަމަށް ވެސް މިނިސްޓަރު، ޑރ. ޝަފީއު ވިދާޅުވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *