ކިޔަވަން ފަހި މާހައުލެއް ގާއިމްކޮށްދޭ ގޭގެއަށް ދޭނީ، "ފަހިވެށި" ބެޖް، "ގުރަހަ އެވޯޑް" ދެނީ ގޭތެރޭގަ އާއި ގެއިން ބޭރުގައި ދަރިވަރުން ވަގުތު ހޭދަކުރާގޮތް މޮނިޓަރކޮށްގެން
ނޮޅިވަރަމު ސްކޫލުން "ފަހިވެށި" ބެޖް ތައާރަފުކޮށް "ގުރަހަ އެވޯޑް" ދޭން ނިންމައިފިއެވެ.
"ފަހިވެށި" ޕްރޮގްރާމަކީ، ކިޔަވަން ފަހި މާހައުލެއް ގޭތެރޭގައި ޤާއިމްކޮށް ދިނުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން ކާމިޔާބު ކަމާއެކު ކުދިންނަށް ކިޔެވުމަށް ފަހި މާހައުލެއް ގާއިމުކޮށްދޭ ގޭގެއަށް "ފަހިވެށި" ބެޖެއް ދޭން ވަނީ ނިންމާފައެވެ. "ގުރަހަ އެވޯޑް" ދެނީ ގެއާއި ގެއިން ބޭރުގައި ދަރިވަރުން ވަގުތު ހޭދަކުރާ ގޮތް ބަލައި މޮނިޓަރކުރުމަށްފަހު ކާމިޔާބުކަމާއެކު ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށެވެ.
ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލް ފަޒީ އަބްދުލް ޤަފޫރު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލުގެ ނަތީޖާއަށް ބޮޑު ބަދަލެއް ގެންނަން ބޭނުންނަމަ ހަރުދަނާ ގޮތެއްގައި ރޭވިގެން ދުރުމުސްތަޤުބަލަށް ފައިދާ ކުރާނެ ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެފަދަ މަސަކަތްތަކެއްގެ ތެރެއިން "ފަހިވެށި" ބެޖާއި "ގުރަހަ އެވޯޑް"ގެ ވެސް މައިގަނޑު ބޭނުމަކީ ދަރިވަރުންގެ ނަތީޖާއަށް ހެޔޮ ބަދަލެއް ބެލެނިވެރިންނާއި ސްކޫލާ ގުޅިގެން ގެނައުން ކަމަށް ފަޒީ ވިދާޅުވިއެވެ.
"ކިޔަވާ ކުއްޖަކަށް ކިޔަވަން ފަހި މާހައުލެއް ގޭތެރެއިން ހޯދައިދޭން ޖެހޭ. އެއާއެކު ގޭތެރޭގައާއި މުޖްތަމައުގެ ތެރޭގައި އެކުދިން އުޅޭ ގޮތް ވެސް ބެލެން އެބަޖެހޭ. ކިޔެވުމާ އެއްވަރަށް އަޚްލާޤަށް ވެސް ސަމާލުކަން ދޭން ޖެހޭ. މި ހުރިހާ ކަމަކަށް ބެލިގެން ވަށައި ޖެހޭ ހައްލެއް ހޯދައިދޭން މަސައްކަތް ކުރަނީ" ފަޒީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ސްކޫލުން ފެށި އެ ޕްރޮގްރާމްތަކަށް ބެލެނިވެރިންގެ އިތުބާރު އޮތް ކަމަށާއި އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ފަޒީ ވިދާޅުވީ، އެ ޕްރޮގްރާމްގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ޕީޓީއޭގެ އިސްނެގުމާއެކު އެ އެސޯއިސޭޝަނުން ކުރިއަށް ގެންދާ ގޮތަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދަރިވަރުގެ ކިޔެވުމަށް ގޭތެރެއިން ފޯރުކޮށްދޭން ޖެހެނީ، ނުވަތަ ހޯދައިދޭން ޖެހެނީ ލަގްޒަރީ ފެންވަރުގެ އެއްޗެއްސެއް ނޫން ކަމަށާއި ބޭނުންވަނީ ފިލާވަޅު ދަސްކުރުމަށާއި ފިލާވަޅުހަދަން ހަމަޖެހިލައިގެން އިށީންނާނެ ޚާއްޞަ ތަނެއް ކޮންމެ ގެއެއްގައި ވެސް ހުރުމެވެ.

"މި ޕްރޮގްރާމްތަކުގައި ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑުވާނެ. އަޅުގަނޑުމެން ދޭ ސުވާލުކަރުދާހަށް ތެދުބަހުން ޖަވާބު ދިނުމަކީ އެއީ ބެލެނިވެރިޔާގެ ޒިންމާއެއް. އޭގެ މައްޗަށް ބިނާކޮށް، އަދި ގޭގެއަށް ކުރާ ޒިޔާރަތުން ފެންނަ ކަންތައްތައް މޮނިޓަރކުރުމަށްފަހު އަޅުގަނޑުމެން ޖަޖްކުރަމުން ގެންދާނީ" ފަޒީ ވިދާޅުވިއެވެ.
700 އެއްހާ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުންދާ ނޮޅިވަރަމް ސްކޫލުގައި މި ޕްރޮގްރާމްތައްް ކުރިއަށް ގެންދަން ނިންމާފައި ވަނީ ނަމާަދުކުރަން މަޖުބޫރުރު އުމުރުފުރައިން މަތީ ގެ ދަރިވަރުންނަށެވެ.
"މިއީ ކާމިޔާބު ކަމާއެކު އެހެން ސްކޫލްތަކުގައި ތަޖުރިބާ ކޮށްފައިވާ ކޮންސެޕްޓެއް. އެ ކޮންސެޕްޓަށް [ނޮޅިވަރަމު]ގެ މާހައުލަށް ފެތޭ ގޮތަށް ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްގެން އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ. މި ޕޮރޮގްރާމް ރަސްމީކޮށް ފަށައިގަތުމުގެ ކުރިން ބެލެނިވެރިންނަށް ތައްޔާރުވާން ވަގުތު ދޭނެ. އޭގެ ފަހުން ޕްރޮގްރާމް ފަށާނީ" ފަޒީ ވިދާޅުވިއެވެ.

ފަޒީ ދެކެވަޑައިގަންނަވާ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ދާއިރު ކުދިންގެ އުޅުމާއި އަޚްލާގް އަދި ކިޔެވުމާ ގުޅޭ ވަރަށް ގިނަ މައުލޫމާތު އެނގިގެންދާނެއެވެ. އޭގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށާއި ރަނގަޅު ނަތީޖާއެއް ހޯދައިދިނުމަށް ނިންމަން ޖެހޭ މުހިންމު ނިންމުންތައް ނިންމަށް މަގުފަހިވެ، އެކަށީގެންވާ ރަނގަޅު ޕްލޭނެއް އެކުލަވާލެވޭނެ ކަމަށް އޭނާ ޤަބޫލުކުރައްވައެވެ.
"ކުދިން ގޭގައި ވަގުތު ހޭދަކުރާ ގޮތާއި އާންމުކޮށް ނިދާ ގަޑިތަކާއި ފޯނާއި ޓެބްލެޓް އަދި ޓީވީ ބެލުމުގައި ވަގުތު ހޭދަކުރާގޮތާއި ގެއިން ބޭރުގައިއުޅޭ ވަގުތާއި އާއިލާއާއެކު ވަގުތު ހޭދަކުރާ ގޮތާއި ކިޔެވުމާއި ފިލާވަޅު ހެދުމުގައި ވަގުތު ހޭދަކުރާ ގޮތް މި ޕްރޮގްރާމުގެ ތެރެއިން އެނގިގެންދާނެ" ފަޒީ ވިދާޅުވިއެވެ.
މި ޕްރޮގްރާމްތަކުން ހޮވާ ދަރިވަރުންނަށް އެކަށީގެންވާ ރަނގަޅު އިނާމެއް ދޭން ބެލެނިވެރިން ވަނީ ނިންމާފައެވެ.
advertisment
ހިޔާލު