ސަރުކާރުން ފެށި ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތަކެއް މި އަހަރުގެ ނިޔަލަށް އޭސީކޮށް ނިންމަން ކަނޑައަޅާފައިވާއިރު، މިހާތަނަށް 23 ސްކޫލެއްގެ 401 ކުލާސްރޫމް އޭސީ ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ނޫސްވެރިންނާ ބައްދަލުކޮށް އެމަނިކުފާނު ވިދާޅުވީ، ސާރުކާރުން ހިންގާ ސްކޫލުތަކުގައި ހުރި 3740 ކުލާސްރޫމުގެ ތެރެއިން އޭސީ ހަރުނުކޮށް ހުރި ހުރިހާ ކުލާސްރޫމް ތަކުގައި މި އަހަރުގެ ނިޔަލަށް އޭސީ ހަރުކޮށް ނިންމާނެ ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ، ސްކޫލްތަކުގެ ހޯލްތައް ވެސް އެ މަޝްރޫއުގެ ތެރެއިން އޭސީކޮށް ސޯލާއިން ހަކަތަ ފޯރުކޮށްދިނުމުގެ އިންތިޒާމްތައް އަންނަ އަހަރާއެކު ހަމަޖެހިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ކޫލް ސްކޫލް ޕްރޮޖެކްޓަކީ ވަރަށް މުހިންމު ޕްރޮޖެކްޓެއް ކަމަށާއި ކުލާހުގައި ކިޔަވާއިރު ކުދިންނަށް ވަރަށް ހޫނުވާ ކަމަށާއި މިއޮތްހާ ޒަމާންވިއިރުވެސް އެކަން އޮތީ އެގޮތަށް، ކަމެއް ނުކުރެވި ކަމަށެވެ.
"އަޅުގަނޑުމެން ނިންމީ އެކަން ކުރަން، އެކަން ކުރަން ނިންމައި އޭސީ ހަރުކުރަން ހަވާލުކޮށްގެން މި އުޅެނީ" ރައިސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ކޫލް ސްކޫލް ޕްރޮޖެކްޓް އިފްތިތާޙް ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ. އެ ޕްރޮޖެކްޓް ދަށުން ފުރަތަމަ އޭސީ ކުރީ ކ. މާފުށީ ސްކޫލެވެ. ކޫލް ސްކޫލް ފެށީ ދެ އަހަރުގެ ދުވަހުގެ ތެރޭގައި ހުރިހާ ކުލާސްރޫމެއް އޭސީ ކޮށްނިންމާ ގޮތަށެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ތައުލީމި ދާއިރާގެ ގިނަ މަސައްކަތްތަކެއް މިހާރު ކުރިއަށް ދާކަމަށެވެ. މި މަޝްރޫއު ތަކަކީ ކޮންޓްރެކްޓް ކުރެވި މިހާރު އަމަލީ ގޮތުން މަސައްކަތް ކުރިއަށް ގެންދާ މަޝްރޫއުތައް ކަމަށެވެ.
ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި މި އަހަރު މަސައްކަތް ނުކުރާ 68 ރަށެއްގައި ތައުލީމީ މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށެވެ.
ރައީސް ހާމަކުރެއްވި ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނައީ ކުލާސްރޫމްތައް އިމާރާތް ކުރުމުގެ މަސައްކަތެވެ. 522 ކުލާސްރުމް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ދެން އެންމެ ގިނައީ މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތެވެ. އެއީ 43 ހޯލުގެ މަސައްކަތެވެ. ދެން ހިމެނެނީ 24 ސްޓާފްރޫމުގެ މަސައްކަތާއި 9 ލައިބްރަރީއާއި ހަ ކޮމްޕިއުޓަރު ލެބާއި 19 ޖެނެރަލް ލެބެވެ.
advertisment
ހިޔާލު