ސްކޫލްތަކަށް މާލީ އެހީގެ ގޮތުގައި 300،000 ރުފިޔާ ކަނޑައަޅައި، ޕްރޮޕޯސަލް ހުށައަޅަން ކުޅުދުއްފުށީ ކައުންސިލުން ހުޅުވާލައިފިއެވެ.
"ސްކޫލް ގްރާންޓް"ގެ ނަމުގައި މާލީ އެހީ ދެނީ، ދަރިވަރުންގެ ޔުނީފޯމް ބޮޑީސްގެ ހަރަކާތްތައް ކުރިއެރުވުމަށާއި ދަރިވަރުންނަށް ކުޅިވަރު މުބާރާތައް ކުރިޔަށް ގެންދިއުމާއި ދަރިވަރުންގެ ކިޔަވައިދިނުމާ ގުޅުހުރި ވަސީލަތްތައް ހޯދައިދިނުމަށާއި، ދަރިވަރުންނަށް އަދަބީ ހަރަކާތްތައް ހިންގުމުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި ޓީޗަރުންނަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.
އެހީއަށް އެދި ޕްރޮޕޯސަލް ހުށައަޅަން ޖެހެނީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ 2:00ގެ ކުރިންނެވެ.
ހުށައަޅާ ޕްރޮޕޯސަލަށް ބަލައި ކޮންމެ ސްކޫލަކަށް ދޭން ކައުންސިލުން ކަނޑައަޅާފައި ވަނީ ސްކޫލަކަށް 100،000 ރުފިޔާއެވެ.
"ސްކޫލް ގްރާންޓް" ދޭ އުޞޫލުގައި ބަޔާން ކޮށްފައިވާ ގޮތުން މި އެހީ ދެނީ އަހަރަކަށެވެ. މާލީއެހީ ދިނުމުގައި ބަލަނީ، ހުށައަޅާ ހަރަކާތްތައް މަޤްޞަދާއި ދާއިރާތަކާ ގުޅުމާއި، ހަރަކާތްތަކަށް ހުށައަޅާފައިވާ ބަޖެޓަކީ އެކަށީގެންވާ ބަޖެޓަކަށްވުމާއި ހުށައަޅާ ޕްރޮޕޯސަލްގައި ހުރިހާ ބައިތަކެއް ހަމަވޭތޯއެވެ.
ކުޅުދުއްފުށީގައި ސަރުކާރުން ހިންގަމުން އަންނަނީ ދެ ސްކޫލެކެވެ. އެއީ އޭލެވެލްއާ ހަމައަށް ކިޔަވައިދެމުން އަންނަ ޖަލާލުއްދީން ސްކޫލާއި ގުރޭޑް 10އާ ހަމައަށް ކިޔަވައިދެމުން އަންނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި އަފީފުއްދީން ސްކޫލެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަންނަނީ އެ ސްކޫލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި މާލީ އެހީތެރިކަން ވެސް ހިމެނެއެވެ.
advertisment
ހިޔާލު