މި އަހަރުގެ އޯލެވެލް އިމްތިޙާން މާދަމާ ފަށާނެއެވެ. ސްކޫލްތަކުން އަންނަނީ ދުރާލާ އިމްތިޙާނަށް ތައްޔާރު ވުމުގެ މަސައްކަތް ކުރަމުންނެވެ. އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ދަރިވަރުންނަށް ބާރުއެޅުމުގެ ގޮތުން ސްކޫލްތަކުން އަންނަނީ ހަރަކާތްތަކެއް ރާވައި ހިތްވަރު ދެމުންނެވެ. މިކަމުގައި ސްކޫލްތަކުގެ އިތުރުން ރަށްރަށުގެ އިދާރާތަކާއި ބެލެނިވެރިން ބައިވެރިވެއެވެ.
މި އަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިޙާނުގައި 8362 ދަރިވަރުން ބައިވެރިވެއެވެ. ކެމްބްރިޖް އިމްތިޙާނުގައި 7666 ދަރިވަރުން ބައިވެރިވާއިރު އެސްއެސްސީގައި ހިމެނޭ ދިވެއްސާއި އިސްލާމު މާއްދާގައި 7519 ދަރިވަރުން ބައިވެރިވެއެވެ.

ށ. މިލަންދޫ ސްކޫލުން މި އަހަރު އޯލެވެލް ހަދާ ދަރިވަރުންނަށް މުއައްސަސާތަކާއި މިލަންދޫ ސްކޫލް ގުޅިގެން ކުރިއަށް ގެންދިޔައީ "ވަދާޢީ ހިތްވަރުދިނުން"ގެ ނަމުގައި ޚާއްޞާ ބައްދަލުވުމެކެވެ.
އޯލެވެލް އިމްތިޙާނުގައި ހަނިމދޫ ސްކޫލުން ބައިވެރިވާ ދަރިވަރުންނަށް މޯޓިވޭޝަނަލް ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޅޮހީ ސްކޫލުގެ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ސްކޫލާއި މުއައްސަސާތައް ގުޅިގެން އެރަށު ގޮނޑުދޮށުގައި ބޭއްވީ ޚާއްޞަ ހަފްލާއެކެވެ.

މިފަދަ ޚާއްޞަ ކަންތައްތައް އެކި ސްކޫލްތަކުން އަންނަނީ ކުރަމުންނެވެ. ދަރިވަރުންނަށް ރަނގަޅު ކާމިޔާބީއަކަށް އެދިގެން ސްކޫލްތަކުން އަންނަނީ މެސެޖްތައް ވެސް ހިއްސާ ކުރަމުންނެވެ.
އޯލެވެލް އިމްތިޙާނަށް ތައްޔާރު ވުމުގެ ގޮތުން ގިނަ ސްކޫލްތަކުން، ވަކިވަކި މާއްދާތަކަށް ޚާއްޞަކޮށްގެން ސްޓަޑީ ކޭމްޕްތައް ކުރިއަށް ގެންދިޔައެވެ. މި ކެމޭޕްތަކުގައި ކިޔަވައި ދެއްވުމަށް ތަޖުރިބާކާރު ޓީޗަރުން ރަށްރަށަށް ގެންދިޔައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި އަހަރުގެ އޯލެވެލް އިމްތިޙާން ރާއްޖޭގެ 260 ސެންޓަރެއްގައި ކުރިއަށް ގެންދާނެއެވެ.
އޯލެވެލް އިމްތިހާނުގައި މިދިޔަ އަހަރު 7،501 ދަރިވަރުން ބައިވެރިވެރިވެފައިވެއެވެ. އަދި އިސްލާމާއި ދިވެހި މާއްދާ ހިމެނޭ އެސްއެސްސީ އިމްތިހާނުގައި 7،133 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިދިޔަ އަހަރު ހެދީ 256 ސެންޓަރެއްގައެވެ.

މާދަމާ ފަށާ އޯލެވެލް އިމްތިޙާން ޖޫން 11އާ ހަމައަށް ކުރިއަށް ދާނެއެވެ.
އޯލެވެލް އިމްތިޙާނުގައި ރާއްޖޭގެ ސްކޫލަކުން ބައިވެރިވާނަމަ ފީ ދައްކައި ދެމުން އަންނަނީ ސަރުކާރުންނެވެ. ސަރުކާރުން ފީ ދައްކަމުން އައި އުޞޫލަށް އެޑިޔުކޭޝަން މިނިސްޓްރީން 2023 ވަނަ އަހަރުގެ ތެރޭގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެ ގެނައި ބަދަލާއެކު ކޮންމެ ދަރިވަރަކު ވެސް މަޖުބޫރު 4 މާއްދާގައި ބައިވެރިވާން ޖެހެއެވެ. ބައިވެރުމުގެ ފީ ދައްކައި ދެނީ ސަރުކާރުންނެވެ. އެ ބަދަލު ގެނައުމުގެ ކުރިން ފީ ދައްކަމުން އައީ މޮކް އެގްޒާމުން ފާސްވާ ދަރިވަރުންނަށެވެ. މޮކްއެގްޒާމުން ފާސްނުވާ ދަރިވަރުން އިމްތިޙާނުގައި ބައިވެރިވާން ފީ ދައްކަން ޖެހެނީ އަމިއްލައަށެވެ.

އޯލެވެލް އިމްތިޙާނުގެ މަޖުބޫރު 4 މާއްދާގެ ގޮތުގައި ކަނޑައަޅާފައި ވަނީ އިސްލާމާއި ދިވެއެއްސާއި އިނގިރޭސީގެ އިތުރުން ހިސާބެވެ.
advertisment
ހިޔާލު