ފުވައްމުލަކުގެ ތާރީޚާއި ސަގާފަތާ ބެހޭ މަޢުލޫމާތު އެއްކުރުމުގައި ސްކޫލްތަކުގެ ދަރިވަރުން ވެސް ބައިވެރި ކުރަނީ

ފުވައްމުލަކުގެ ތާރީޚާއި ސަގާފަތާ ބެހޭ މަޢުލޫމާތު އެއްކުރުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

ތާރީޚާއި ސަގާފަތާ ބެހޭ މަޢުލޫމާތު އެއްކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު ފުވައްމުލަކު ސިޓީކައުންސިލުން ހުޅުވާލީ އިސްރަށްވެހިންނާއި ޒުވާނުންގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނަށެވެ. އެ މަސައްކަތުގައި ގޫގުލް ފޯމެއް ފުރާލައިގެން ބައިވެވެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުގެ ކައުންސިލް އެގްޒެކެޓިވް އާމިނަތު ޝެހެނާޒު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، އެ ކައުންސިލުގެ ދަށުން ހިންގާ ޕަބްލިކް ލައިބްރަރީން ކުރިއަށް ގެންދާ ފުވައްމުލަކުގެ ތާރީޚާއި ސަގާފަތާ ބެހޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް އެތައް އަހަރުތަކަކަށް ދިމިގެން ދާނެ ކަމަށާއި އެކަމުގައި ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކުރަން ނިންމީ އެކަމުގެ ތެރެއިން ދަރިވަރުންނަށް ތާރީޚާއި ޘަޤާފަތަށް އަހުލުވެރިވުމަށް ގިނަ ފުރުޞަތުތަކެއް ހޯދައިދެވޭނެތީ ކަމަށެވެ.

"މައުލޫމާތު އެއްކުރުމަށް ޝައުޤު ހުންނަ ކޮންމެ ފަރާތަކަށް ވަކި އުމުރެއް ނެތި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލީ. ބޭނުމަކީ އެންމެންގެ ބައިވެރިވުމާއެކު ކުރެވޭ މަސައްކަތަކަށް އެކަން ހެދުން" ޝެހެނާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މަސައްކަތް ކުރިއަށް ގެންދަނީ ދާއިރާތައް ވަކިކޮށް، ކޮންމެ ދާއިރާއަކުން ވެސް ލިބެން ހުރި މައުލޫމާތާއި ފޮޓޯއާއި އޯޑިއޯ އަދި ވީޑިއޯވެސް ހޯދައިގެން ކަމަށެވެ.

default

ޝެހޭނާޒު ވިދާޅުވީ، ފުވައްމުލަކު ތާރީޚާއި ސަގާފަތުގެ މުހިންމު ބަޔަކީ އިސްރަށްވެހިންގެ ހަނދާން ކަމަށާއި އެބޭފުޅުންގެ ވާހަކަތަކުގެ އޯޑިއޯއާއި ވީޑިއޯ ވެސް ނަގާނެ ކަމަށެވެ.

"މައުލޫމާތު އެއްކުރުމާއި ނެގުމާއި ގިނަ ދުވަހަށް ރައްކާކުރުމުގައި ޓެކްނޮލޮޖީގެ ބޭނުން ފުޅާދާއިރާއެއްގައި ހިފާއިރު، އެކަން ކަމަށް އަހުލުވެރިވަމުން އަންނަ ބަޔަކީ ކިޔަވާ ކުދިން. މިފަދަ މުހިންމު މަސައްކަތެއްކުރާއިރު، އެކުދިންގެ ޚިޔާލާއި ވިސްނުމާއި އެކުދިންގެ ބޭނުން ވެސް ހިފަންޖެހޭ" ޝެހެނާޒު ވިދާޅުވިއެވެ.

އެއްކުރާ ތާރީޚާއި ޘަޤާފަތާ ގުޅުން ހުރި ފޮޓޯ ހިމަނައިގެން މައުރަޒުތައް ބޭއްވުމާއި ވެބްސައިޓްތައް މެދުވެރިކޮށް އެ މައުލޫމާތު ލިބޭނެ ގޮތް ހެދުމާއި ފުވައްމުލަކަށް ޚާއްޞަ ޑިޖިޓަލް ލައިބްރަރީއެއްގެ ޚިދުމަތް ޤާއިމް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޝެހެނާޒު ވިދާޅުވިއެވެ.

"ޑިޖިޓަލް ލައިބްރަރީއަކުން ބްރޭންޑެއްގެ ގޮތުގައި ފުވައްމުލައް އިސްތިހާރު ކުރެވޭނެ" ޝެހެނާޒު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *