އަމިއްލަ ޚަރަދުގައި މިޞްރާއި ސަޢުދީ ފަދަ ޤައުމުތަކުގައި އިސްލާމީ ޢިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީއެއް ދޭން ވަނީ ނިންމާފައި
މާސްޓަރސް އާއި ޕީއެޗްޑީގެ ގިނަ ފުރުޞަތުތަކާ އެކު ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މި ހަފްތާގައި އިޢުލާންކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓަރު، ޑރ. މުޙައްމަދު ޝަހީމް ވިދާޅުވީ، ސްކޮލަރޝިޕްތަކަށް ޚަރަދު ކުރަނީ ޒަކާތު ފަންޑުގެ ފީ ސަބީލި ﷲ ބައިން ކަމަށާއި، ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަޞްރެއް ކަމަށެވެ.
މިޞްރާއި ސަޢުދީ ފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ ޢިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީއެއް ދޭން ނިންމައި އެކަން ވެސް ސްކޮލަރޝިޕާއެކު އިޢުލާންކުރާނެ ކަމަށާއި އަދި މެޑިސިންގެ ދާއިރާއިން ސުޕަރ ސުޕެޝަލިސްޓުން ނެތް މުހިންމު ބައެއް ދާއިރާތަކަށް ވެސް އެހީ ދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ، ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ޙާފިޒުން އުފެއްދުމުގެ މަޝްރޫޢުތަކަށް ވެސް ޚަރަދު ކުރެވޭނެ ކަމަށާއި އެއީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ، ޒަކާތު ފަންޑުގެ ފަޤީރުންނާއި މިސްކީނުންގެ ބައިން ފަޤީރުންގެ ބޭސް ފަރުވާއާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ވެސް ހޭދަކުރަމުންދާ ކަމަށެވެ.
ޒަކާތު ފަންޑުން ސްކޮލަރޝިޕް ދޭނެ އުޞޫލެއް ކަނޑައަޅައި ގެޒެޓް ކޮށްފައި ވަނީ 31 ޑިސެމްބަރު 2024ގައެވެ.
2024 ވަނަ އަހަރު ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ފައިސާ ލިބިފައިވެއެވެ. މިއީ ދިވެހި ތާރީޚުގައި އެންމެ ގިނަ ޢަދަދަކަށް މުދަލު ޒަކާތަށް ފައިސާ ލިބުނު އަހަރެވެ. 2025 ގެ ފުރަތަމަ ކުއާޓަރގައި 34 މިލިއަންވަނީ ލިބިފައެވެ. އަދި މިއަހަރަކީ ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ވެސް ލިބު އަހަރެވެ. އަދި ހަމަ ހަމަ ގޮތެއްގައި ރާއްޖޭގެ ފަޤީރުންގެ މެދުގައި ފިޠުރު ޒަކާތް ފުރަތަމަ ފަހަރަށް ބެހިގެން ދިޔައީ ވެސް މިއަހަރުގައެވެ.
advertisment
ހިޔާލު