– 10 މަދަޙަ ހިމެނޭ އަލްބަމެއް، 40 ދުވަހަށް ކުރިއަށް ގެންދާ އަޞްރު ވިތު އެދުރު، ދަރިވަރުންގެ ދީނީ ދަރުސް
ބަރަކާތްތެރި ރަމަޟާންމަސް އިޙުޔާ ކުރުމާއެކު ދީނީ ކަންތައްތަކަށް ދަރިވަރުން އަހުލުވެރިކޮށް ހޭލުންތެރި ކުރުވުގެ މަޤްޞަދުގައި، ގދ. ތިނަދޫ އަބޫބަކުރު ސްކޫލުން މުހިންމު ތިން ޙަރަކާތެއް ކުރިއަށް ގެންދިޔައެވެ. އޭގެ ތެރެއިން ދެ ޙަރަކާތެއް މިހާރު ނިމިފައިވާއިރު، އެއް ޙަރަކާތް މިހާރު ވެސް ކުރިއަށް ގެންދެއެވެ.

ރޯދަމަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި ޙަރަކާތްތަކަށް ދަރިވަރުންގެ ޝައުޤުވެރިކަން ވަރަށް ބޮޑު ކަމަށް އެ ސްކޫލުން ފާހަގަ ކުރެއެވެ.
'އަލި ނޫރު' މިއީ، ބަރަކާތްތެރި ރަމަޟާންމަސް އިޙްޔާކުރުމުގެ ގޮތުން، އަބޫބަކުރު ސްކޫލުން ސިލްސިލާކޮށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މަޤްޞަދަކީ، ދަރިވަރުންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމާއެކު ދަރިވަރުންގެ ކިބައިގައި ހުންނަ ހުނަރުތައް ބޭނުންކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ލިއްބައިދީ، ދަރިވަރުން ދިރިއުޅުމަށް ތައްޔާރު ކުރުމެވެ. މިގޮތުން، މަދަޙަ ކިއުމާއި، ހުށަހެޅުންތެރިކަމާއި، އަމިއްލަ ނަފުސަށް އިތުބާރުކުރުމާއި، ސްޓޫޑިއޯ ރެކޯޑިންގެ އިތުރުން ވީޑިއޯ ކެމެރާ ކުރިމަތީގައި ހުށަހެޅުމާއި، މިފަދަ ވީޑިއޯ ތައްޔާރުކުރުމުގެ ފަންނީ މަސައްކަތްތައް ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.

މަދަހަ ކިއުމުގެ ޙަރަކާތް އެ ސްކޫލުގައި ކުރިއަށް ގެންދާތާ މިއީ ތިން ވަނަ އަހަރެވެ. "އަލިނޫރު"ގެ ނަމުގައި ކޮންމެ އަހަރަކު ވެސް އާ 10 މަދަޙަ އެ ސްކޫލުގެ ދަރިވަރުން ރެކޯޑްކޮށްގެން ނެރެއެވެ. މި އަހަރު ނެރުނު މަދަޙަތައް އެސް.އެސް.ޓީވީން މިހާރު ދައްކަމުން ވެސް ގެންދެއެވެ. އަބޫބަކުރު ސްކޫލުގެ ފޭސްބުކް ޕޭޖުންނާއި އެ ސްކޫލުގެ ޔޫޓިއުބު ޗެނަލުން ވެސް މި މަދަޙަތައް ބަލައިލެވޭނެއެވެ.
މި މަސައްކަތުގައި ދަރިވަރުން ތައްޔާރު ކުރުމުގައި އެ ސްކޫލުގެ ހީވާގި މުދައްރިސުންނާއި ލޮބުވެތި ބެލެނިވެރިން، އަދި މި ޕްރޮގްރާމް ވިލަރެސް ކުރެއްވި ލީޑިންގ ޓީޗަރ ހިދާޔާ އަޙްމަދާއި، ބުންނަރު ސްޓޫޑިއޯއާއި، އަޙުމަދު އިޝާރުގެ އިތުރުން ދަރިވަރުން ތަމްރީނު ކޮށްދެއްވި، އެ ސްކޫލުގެ މުދައްިސުން ކަމުގައިވާ، ޢަޒުމާ މުޙައްމަދު، ޝަމާ ސުޢޫދު، ނާޖިޔާ ޒާހިރު، ޖީޒާ ޙަސަން، އަދި ޢަބްދުޝާމިނާއި ޙަމްދޫނާ ޙަސަން އަދި ޢަބްދުﷲ ޙަސަނުގެ އިތުރުން ޓެކްނިކަލް ޓީމުގެ މެމްބަރ ލިރުޣާމަށް އެ ސްކޫލުން ޝުކުރު އަދާކުރެއެވެ.

'އުނގެނޭ ދުލަކުން' މިއީ، ބަރަކާތްތެރި ރަމަޟާންމަސް އިޙްޔާކުރުމުގެ ގޮތުން، އަބޫބަކުރު ސްކޫލުން ސިލްސިލާކޮށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މަޤްޞަދަކީ، ދަރިވަރުންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމާއެކު ދަރިވަރުންގެ ކިބައިގައި ހުންނަ ހުނަރުތައް ބޭނުންކުރުމުގެ ފުރުޞަތު ލިއްބައިދީ ދަރިވަރުން ދިރިއުޅުމަށް ތައްޔާރު ކުރުމެވެ. މިގޮތުން، ވާހަކަދެއްކުންތެރިކަމާއި، ހުށަހެޅުންތެރިކަމާއި، އަމިއްލަ ނަފުސަށް އިތުބާރުކުރުމާއި، ވީޑިއޯ ކެމެރާ ކުރިމަތީގައި ހުށަހެޅުމާއި، މިފަދަ ދަރުސްތައް ވީޑިއޯކޮށް ތައްޔާރުކުރުމުގެ ފަންނީ މަސައްކަތްތައް ތަޖުރިބާ ކުރުމުގެ ފުރުޞަތު ވެސް ދަރިވަރުންނަށް ލިބިގެންދިޔައެވެ.

ދީނީ ދަރުސް ތައްޔާރު ކުރުމުގައި އެހީތެރިވެދެއްވި އަރުތަ ޖަމްޢިއްޔާ އަށާއި، ދަރިވަރުން ތައްޔާރު ކޮށްދެއްވި، އެ ސްކޫލުގެ މުދައްރިސުން ކަމުގައިވާ، ފުރޫޝާ އަޙްމަދު، ހަޝްމު ނާޒިމް، ޔާސްމީން އިބްރާހީމް، ނަޒީހަތު ޢަބްދުﷲ، މަރްޔަމް ޝިއުދަތު އިސްމާޢީލް، ޝަމާ ސުޢޫދުގެ އިތުރުން ލޮބުވެތި ބެލެނިވެރިންނާއި، މި ޕްރޮގްރާމް ވިލަރެސް ކުރެއްވި ލީޑިންގ ޓީޗަރ މަރްޔަމް ނަސީމާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު އެ ސްކޫލުން ޝުކުރު އަދާކުރެއެވެ.
"އަސްރު ވިތު އެދުރު" މިއީ ދަރިވަރުން ނަމާދަށް އަހުލުވެރި ކުރުވުމުގެ ގޮތުން، އަޞްރު ނަމާދު ޖަމާއަތުގައިކޮށް، މިސްކިތުގައި އެ ސްކޫލުގެ މުދައްރިސަކާއެކު ވަގުތު ކޮޅެއް ހޭދަކުރުމަށް ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ. ކީ ސްޓޭޖް 2ގެ ފިރިހެން ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި ބައިވެރިވެ، އެ ސްކޫލުގެ 68 ދަރިވަރުން ހުރިހާ ނަމާދެއް ޖަމާޢަތުގައި ކޮށްފައިވެއެވެ. ސާޅީސް ދުވަހަށް ކުރިއަށް ގެންދާ މި ޙަރަކާތް މިހާރު ވެސް ކުރިއަށް ގެންދެއެވެ.

އަބޫބަކުރު ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޢަޖީބު ދަރިވަރު ނޫހަށް ވިދާޅުވީ، އަޞްރު ނަމާދަށްފަހު ކޮންމެ ދުވަހަކު ވެސް ތިނަދޫގެ ހަތަރު މިސްކިތެއްގައި އެ ސްކޫލުގެ ފިރިހެން މުދައްރިސުން ދަރިވަރުންނާއެކު ނަމާދުކޮށް ވަގުތުކޮޅެއް ހޭދަކުރަމުންދާ ކަމަށެވެ. ބޭނުމަކީ ޖަމާޢަތަށް ނަމާދަށް ދިއުމަށް ދަރިވަރުންނަށް ބާރުއެޅުމާއި ޒިކުރުތައް ކިޔައި، ފައިދާ ހުރި މުހިންމު ވަގުތުކޮޅެއް ދަރިވަރުންނާއެކު ހޭދަކުރުން ކަމަށެވެ.

" މީހެއްގެ ގައިގައި ދާއިމީ ގޮތެއްގައި ކަމެއް ހަރުލައްވަން މެދުނުކެނޑި 40 ދުވަހުގެ މުއްދަތަކަށް ކަމެއް ކުރުމަކީ، އެކަށީގެންވާ މުއްދަތެއްކަމަށް ވަރަށް ގިނަ މީހުން ޤަބޫލުކުރޭ. އެހެންކަމުން 40 ދުވަސް ވަންދެން މެދުނުކެނޑި ޖަމާޢަތުގައި ނަމާދު ކުރުން ކުރިޔަށް ގެންދިއުމުން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ދަރިވަރުން ޖަމާޢަތުގައި ނަމާދުކުރުމަށް ޝައުޤުވެރިވެ އެ އާދަ ދަރިވަުންގެ ކިބައިގައި ހަރުލަމުންދާ މަންޒަރު." އަޖީބު ވިދާޅުވިއެވެ.
" ކީ ސްޓޭޖް 2ގައި ކިޔަވަމުންދާ 100 އަށްވުރެ ގިނަ ފިރިހެން ދަރިވަރުންގެ ތެރެއިން 68 ދަރިވަރުން ޖަމާޢަތުގައި ނަމާދު ކުރުމަކީ އެއީ މި ޙަރަކާތް ކާމިޔާބު ވަމުންދާ ކަމުގެ ހެއްކެއް. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެ ކުދިންގެ އުޅުމަށާއި އަޚްލާޤަށް ވެސް ހެޔޮ ބަދަލެއް އަންނާނެ"
އަބޫބަކުރު ސްކޫލުގައި 400އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު