ރާއްޖޭގެ ފުރަތަމަ މެޑިކޯ- ލީގަލް ކޮމްފަރެންސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިން އިން ބާއްވަން ތައްޔާރުވެއްޖެއެވެ. ކޮންފަރެންސް ބާއްވަނީ އަންނަ އެޕްރީލް މަހުގެ 28-30އަށް އެމްއެންޔޫގައެވެ.
ތިން ދުވަހަށް ދެމިގެންދާ މި ކޮންފަރެންސްގެ ފުރަތަމަ ދެ ދުވަހު ކުރިއަށް ގެންދާނީ ރިސަރޗް ކަރުދާސްތައް ހުށައެޅުމެވެ. މި ކޮންފަރެންސްގެ މައިގަނޑު ތީމުގެ ދަށުން ހަތަރު ސަބް ތީމްއެއް ކަނޑައަޅާފައިވެއެވެ. އެއީ:
1- ފޮރެންސިކް ސައިންސާއި ޕްރެންސިކް މެޑިސިންގެ އެންމެ ފަހުގެ ހޯދުންތައް
2- ކުލިނިކަލް ފޮރެންސިކް މެޑިސިން
3- ބޭސްވެރިކަމުގެ އިހުމާލު: ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ފަރުވާ
4- ހޮސްޕިޓަލްތަކުގެ އެޑްމިނިސްޓްރޭޝަނަށް ކުރިމަތިވާ ސިއްޚީ ގާނޫނީ މައްސަލަތައް
މި ކޮންފަރެންސްގެ ފަހު ދުވަހު ކުރިއަށް ގެންދާނީ ކުޑަކުދިންނަށް ކުރާ ގޯނާތައް އަވަހަށް ދެނެގަތުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވާނީ ރާއްޖޭގެ ތަޖުރިބާކާރު ބޭފުޅުންނާއި ކޮންފަރެންސަށް ވަޑައިގަންނަވާ ބޭރުގެ މާހިރުންނެވެ.
އެމްއެންޔޫ ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒާ ޢަލީ ވިދާޅުވި ގޮތުގައި، ސިއްޙީދާއިރާއާ ގުޅުންހުރި ޤާނޫނީ މައްސަލަތައް ހުށައެޅޭ އަދަދު އިތުރުވަމުންއައި ކަމުގައި ވިޔަސް ޕޮރެންސިކް މެޑިސިންގެ ރޮނގުން ތަޢުލީމު ޙާޞިލްކޮށްފައިވާ ބޭފުޅުން ރާއްޖޭގައި ވަރަށް މަދެވެ. އެހެން ކަމުން މިފަދަ ކޮންފަރެންސް ތަކުގެ ޒަރިއްޔާއިން އެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތު ރިސަރޗްތަކުގެ އެހީގައި ހުށައަޅައިދިނުމަކީ ސިއްޙީ ޚިދުމަތްތެރިންނަށް މައުލޫމާތު އިތުރު ކުރުމަށް ލިބިގެންދާނެ ފުރުޞަތަކަށް ވާނެއެވެ.
މި ކޮންފަރެންސްގައި 2 ކީ ނޯޓް ސްޕީކަރުންގެ އިތުރުން ގެސްޓް ސްޕީކަރުން ތަޤުރީރު ކުރަން ވަނީ ހަމަޖެހިފައެވެ.
މި ކޮންފަނެންސްގައި ބައިވެރިވުމަށް މިހާތަނަށް 7 ޤައުމެއްގެ ބައިވެރިންގެ ފަރާތުން 46 ކަރުދާސް ހުށައަޅާފައިވެއެވެ. އަދި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވެސް އޮތީ ހުޅުވާލާފައެވެ.
މިއީ އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިން އިން ބާއްވާ މިފަދަ ބައިނަލްއަޤްވާމީ ފުރަތަމަ ކޮންފަރެންސެވެ.
advertisment
ހިޔާލު