ށ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރުންނަށް ސަރާ އަޙްމަދު ޝަހީމް އާއި މަލާކް އަޙްމަދު ފައިސަލް ހޮވައިފިއެވެ.
2022-2023 ވަނަ ދިރާސީ އަހަރު، އެންމެ މޮޅު ދަރިވަރަކީ ސަރާއެވެ. 2023-2024 ވަނަ ދިރާސީ އަހަރުގެ އެންމެ މޮޅު ދަރިވަރަކީ މަލާކެވެ.
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ގުރޭޑް 12ގައި މިހާރު ކިޔަވަމުންދާ ސަރާ، އޯލެވެލްގެ ގަދަ ދިހައެއްގެ ހަ ވަނަ ހޯދިއެވެ. އޭނައަކީ އެ އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ.

ސީއެޗްއެސްއީ ހުޅުމާލެގެ ގުރޭޑް 11 ގައި ކިޔަވަމުން އަންނަ މަލާކަށް އޯލެވެލްގައި ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ދިހަ ވަނައެވެ. އޭނާ އަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ.
ސަރާ ދަރިވަރު ނޫހަށް ބުނީ، އޭނާ އުއްމީދު ކުރީ އިނގިރޭސި މާއްދާއިން ދަށްވެގެން އޭއެއް ލިބޭނެ ކަމަށެވެ. އެކަމަކު ލިބުނީ ބީއެކެވެ. އަދި ދިވެހިން އޭ ސްޓަރއަކަށް އުއްމީދު ކުރެވުނު ނަމަވެސް ލިބުނީ އޭ އެކެވެ.
ސަރާ ބުނީ، ރަނގަޅު ނަތީޖާއަކަށް އެދިގެން ނަމާދުކޮށް އަބަދުވެސް ދުއާ ކުރާ ކަމަށާއި އުއްމީދަކީ އޭލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދައި، ސްކޮލަރޝިޕެއްގެ ދަށުން މެޑިސިން ކިޔަވަން ރާއްޖެއިން ބޭރަށް ދިއުމެވެ.

މަލާކް ބުނީ، އޯލެވެލް މަރުހަލާ ނިންމާލީ ވަރަށް ގިނަ ގޮންޖެހުންތަކެއް ގިރާކުރުމަށްފަހު ކަމަށާއި، މިހާރު މަސައްކަތް ކުރަނީ އޭލެވެލްގައި ރަނަގަޅު ނަތީޖާއެއް ހޯދަން ކަމަށެވެ. އޭނާގެ ވެސް އުއްމީދަކީ ސްކޮލަރޝިޕެއްގެ ދަށުން ރާއްޖެއިން ބޭރުން މެޑިސިން ކިޔެވުމެވެ.
advertisment
ހިޔާލު