ބައްޕަގެ ހަނދާނުގައި ދެމެހެއްޓެނިވި ސަދަޤާތެއްގެ ގޮތުން އިމާރާތް ކުރީ ގދ. އަތޮޅު މަދަރުސާގައި މިސްކިތެއް

ބައްޕަގެ ކުއްލި ވަކިވުމާއެކު، ބައްޕަގެ ހަނދާނުގައި ގދ. އަތޮޅު މަދަރުސާގެ ގޯތިތެރޭގައި މިސްކިތެއް އިމާރާތްކޮށްފިއެވެ. މި މިސްކިތް އިމާރާތް ކުރީ، ގައްދޫ ޒަމާނީ ވިލާ މުޙައްމަދު އިސްމާޢީލްގެ ހަނދާނުގައި އޭނާގެ ދަރިފުޅު އަލީ މުރުތަޟާއެވެ.

40 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށް އިމާރާތް ކުރި މަސްޖިދުލް މުޙައްމަދު އިސްމާއިލްގެ މަސައްކަތް ނިންމައި ފެބުރުވަރީ މަހުގެ 27 ވަނަ ދުވަހު، މިސްކިތް ހުޅުވައި ދިނީ، މުހައްމަދު އިސްމާއިލްގެ އަނބިކަނބަލުންނެވެ.

މުޙައްމަދު އިސްމާއިލް ނިޔާވީ ކުއްލިއަކަށް ހިތް ހުއްޓިގެންނެވެ. ނިޔާވިއިރު ނުވަ ދަރިން ތިއްބެއެވެ. މުރުތަޟާއަކީ އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ.

ދަރިވަރު ނޫހަށް މިއަދު މުރުތަޟާ ބުނީ، ބައްޕަގެ ހަނދާނުގައި މިސްކިތެއް އިމާރާތް ކުރީ، އެ ފުރުޞަތު ސްކޫލުން ތަނަސްވަސްކޮށްދިނުމުން، ބައްޕަގެ ހަނދާނުގައި ދެމިގެންދާ ސަދަޤާތެއް ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެކަމުގައި ބައްޕަގެ ހުރިހާ ދަރިންގެ އެއްބާރުން ލިބުނު ކަމަށް އޭނާ ބުންޏެވެ.

ގދ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ފާޠިމަތު ނާހިދާ ވިދާޅުވީ، އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދައާއެކު މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރަން ފެށީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކަމަށާއި މިސްކިތުގެ މަސައްކަތް ނިންމަން ހަވާލުކުރި ފަރާތަށް އެކަން ނުވެގެން، އެންމެ ފަހުން މަސައްކަތް ނިންމީ މަރުހޫމް އިސްމާއިލްގެ އާއިލާއިން ކަމަށެވެ.

ނާހިދާ ވިދާޅުވީ، އެ ސްކޫލަށް މިސްކިތެއް ލިބުމަކީ އެއީ ދަރިވަރުންނާއި މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި މީގެ ކުރިން ދަރިވަރުން ނަމާދަށް ފޮނުވަނީ ކައިރި މިސްކިތަށް ކަމަށެވެ.

"ދިރާސީ އާ އަހަރާއެކު ޖަމާއަތުގައި ދަރިވަރުންނާއި މުވައްޒަފުންނަށް ވެސް ނަމާދުކުރެވޭ ގޮތަށް ޓައިމްޓޭބަލް އަޅުގަނޑުމެން އެކުލަވާލާނީ. ދަރިވަރުންގެ ތެރޭގައި ވެސް އެބަތިބި އިމާމުވެ ނަމާދުކުރާ ކުދިން. އެ ދަރިވަރުންގެ ބޭނުން ހެޔޮ ގޮތުގައި އަޅުގަނޑުމެންނަށް ހިފޭނެ" ނާހިދާ ވިދާޅުވިއެވެ.

އެ މަދަރުސާއަށް މިސްކިތެއް ހަދިޔާ ކުރެއްވީތީ، މުޙައްމަދު އިސްމާއިލްގެ އާއިލާއަށް އެ މަދަރުސާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

"ތިޔަ ކޮށް ދެއްވި ހެޔޮކަމުގައި މާތްﷲ ބަރަކާތް ލައްވާށި. އާމީން" ސްކޫލުގެ ފޭސްބުކްޕޭޖުގައި ލިޔެފައިވެއެވެ.

ގދ. އަތޮޅު މަދަރުސާގައި 300 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *