އޯލެވެލްގައި އުއްމީދު ކުރީ އިކޮނޮމިކްސްއިން ދުނިޔޭގެ ވަނައަކަށް، އެކަމަކު ލިބުނީ ބިޒްނަސްއާއި އިނގިރޭސިން
އޯލެވެލްއަށް ތައްޔާރު ވަމުން ދިޔައިރު ކަލާފާނު ސްކޫލުން ކިޔެވި އަލީ ޒާއިން އަޙްމަދު، ކުރި އުއްމީދަކީ އޯލެވެލްއިން އެއްވަނަ ހޯދުމާއި މަދުވެގެން އެއް މާއްދާއިން ދުނިޔޭގެ ވަނައެއް ހޯދުމެވެ. އެ އުއްމީދުގައި ކުލަޖައްސަން އޭނާ ކަނޑައެޅި އަޒުމާއެކު ކުރިއަށް ހިނގީ މައިންބަފައިންނާއި މުދައްރިސުން ދެއްކެވި މަގުންނެވެ. ނަތީޖާއަކަށް ވީ، އުއްމީދު ކުރި ނަތީޖާ ހޯދައި ކަލާފާނު ސްކޫލުން އެންމެ ރަނގަޅު ނަތީޖާ، ފާއިތުވި އަހަރު ހޯދި އެއް ދަރިވަރުގެ ގޮތުގައި އެ ސްކޫލް ނިންމާލުމެވެ.
ޒާއިން އަށް، އަށް މާއްދާއިން އޭ ސްޓަރ ލިބުނެވެ. އަދި ސެކަންޑް ލެންގުއޭޖުގެ ގޮތުގައި އިނގިރޭސި މާއްދާ އަދި ބިޒްނަސްއިން މުޅި ދުނިޔެއިން އެއްވަނަ ލިބުނެވެ. މިއީ އޭނާއަށް ވެސް ސަޕްރައިޒް ނަތީޖާއެކެވެ.

"އިކޮނޮމިކްސް އިން ދުނިޔޭގެ ވަނައަކަށް އުއްމީދު ކުރީ. އެކަމަކު ލިބުނީ ބިޒްނަސްއާއި އިނގިރޭސިން ވެސް ދުނިޔެއިން އެއްވަނަ" ޒާއިން ދަރިވަރު ނޫހަށް ކިޔައިދިނެވެ.
ޒާއިން ބޭނުންވި ނަތީޖާ ހޯދަން އޭނާ މަސައްކަތް ފެށީ ގުރޭޑް 9ން ފެށިގެންނެވެ. ދުވަހުން ދުވަހަށް ފިލާވަޅު މުޠާލިޔާކޮށް، ޕާސްޓް ޕޭޕަރުތައް ހަދަން ފެށިއެވެ. މުދައްރިސުންނާއެކު ރަނގަޅު ގުޅުމެއް އުފައްދައި، އެމީހުންގެ އިރުޝާދާއެކު ކިޔަވަން ދޭ ސަމާލުކަން އިތުރުކުރިއެވެ. މޮކް އެގްޒާމަށް ދިޔައިރު ފެންނަމުން ދިޔައީ އޭގެ ނަތީޖާއެވެ. އޯލެވެލް އިމްތިޙާނުގައި އިށީނީ، ވެސް ސްކޫލުން ނެގި ހުރިހާ އިމްތިޙާނަކުން އޭ ސްޓަރ ހޯދައި، ބޮޑު ޔަޤީން ކަމަކާ އެކުގައެވެ.
ޒާއިންއަކީ އެއްވެސް މާއްދާއަކުން ޓިއުޝަން ނެގި ދަރިވަރެއް ނޫނެވެ. ކޮންމެ އިމްތިޙާނަކުން އޭ ސްޓަރ ހޯދޭތީ، ޓިއުޝަނަށް ދިއުން އޭނާއަށް މުހިންމެއް ނޫނެވެ. ހާހުން ޚަރަދުކުރަން ޖެހޭ ޓިއުޝަންތަކުގެ ބަދަލުގައި އެހީ ހޯދީ ޒާއިންގެ ބަހުންނަމަ އޭނާއަށް ކިޔަވައިދިން "ވޯލްޑް ކުލާސް ޓީޗަރުންގެ" ކައިރިންނެވެ. އޭނާ ހަދާ ޕާސްޓް ޕޭޕަރުތައް މާކުކޮށް އެއަށް ކޮމެންޓް ކުރަނީ އެމީހުންނެވެ. އެއީ ކުރިއަށް ދިއުމަށް އޭނާއަށް ކޮށުނު އިތުރު މަގެކެވެ.

ޒާއިންއަށް އުނދަގޫ ވަކި މާއްދާއެއް ނެތެވެ. އެކަމަކު ދިވެހި މާއްދާއާ މެދު ތަފާތު ވިސްނުމަކުން އޭނާ ދެކުނެވެ. އެ މާއްދާއަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ޓެސްޓް ކައިރިވީމާ މުދައްރިސާއެކު ގިނަ ވަގުތު ހޭދަކުރިއެވެ. ދޭހައިގެ ބަޔަށް އަމާޒުކޮށް ގިނަ ޕްރެކްޓިސްތަކެއް ކުރިއެވެ.
ޒާއިން ބުނީ އިމްތިހާނަށް، ދެ ހަފްތާކުރިން ކޮންމެ މާއްދާއެއް ވެސް ވަކިން މުޠާލިޔާކޮށް ނިންމާ ކަމަށެވެ. އެހެން ހެދުމުން ފިލާވަޅުތައް ދަސްނުވެދާނެ ކަމުގެ ބިރު ޓެސްޓް ކައިރިވާއިރު ނޯންނަ ކަމަށެވެ.
"ދެ ހަފުތާ ކުރިން ހުރިހާ މާއްދާއެއް މުޠާލިޔާކޮށް ނިންމާލުމުން ޓެސްޓް ކައިރިވާއިރު ފިލާވަޅު ދަސްނުވެދާނެ ކަމުގެ ބިރެއްނޯވޭ. އެކަމަކު އަބަދުވެސް ބިރުހީވަނީ، ގަޑިއަށް އިމްތިޙާން ނިންމާ ނުލެވިދާނެތީ" ޒާއިން ބުންޏެވެ.

ޒާއިންއަށް ލިބޭ ހިތްހަމަޖެހުމަކީ މަންމައާއި ބައްޕަ އަދި އާއިލާއިން ދޭ ސަޕޯޓެވެ. ކުޑައިރެކޭ ތަފާތެއް ނެތި މިހާރު ވެސް އޭނާގެ މަންމަ ދަނީ ކޮންމެ ދުވަހަކުހެން އޭނާގެ ފޮތްތައް ބަލައި ޗެކްކުރަމުންނެވެ. އެއްވެސް ފިލާވަލެއް ގެއްލިފައި އޮތްތޯ ބަލަމުންނެވެ.

"އަޅުގަނޑުގެ ކިޔެވުމުގެ ކަންތައްތައް ދާ ގޮތް މަންމަ ވަރަށް ކައިރިން އަބަދުވެސް ބަލާނެ. ފިލާވަޅެއް ގެއްލިފައި އޮތްތޯ، ސުވާލުތަކަށް އަޅުގަނޑު ދީފައިވާ ޖަވާބާ ގުޅިގެން މުދައްރިސުން ކޮށްފައި ހުންނަ ކޮމެންޓްތައް ބަލައި، އަޅުގަނޑާ މަޝްވަރާ ވެސް ކުރާނެ. އެއީ ކިޔެވުމަށް ލިބޭ ހިތްވަރެއް" ޒާއިން ބުންޏެވެ.
މަންމައެކޭ އެއްގޮތަށް ބޭނުންވި ކޮންމެ ކަމެއްގައި ބައްޕަގެ އެހީތެރިކަން އޭނާއަށް އަބަދުމެ އައީ ލިބެމުންނެވެ. އެ ދެ މީހުންގެ ސަޕޯޓަކީ އެއީ ވަރަށް ބޮޑު ހިތްވަރެކެވެ. އޭގެ ސަބަބުން އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވިއެވެ.

ސްކޫލުގެ ކެޕްޓަންގެ ޒިންމާއަކީ ލީޑަރެއްގެ ގޮތުން ކުރިއަށް ދިއުމަށް ސްކޫލް ދައުރުގައި ކޮށޭ މަގެކެވެ. ސްކޫލްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މުހިންމު ރޯލެއް ކެޕްޓަނެއްގެ ޒިންމާއެއްގެ ގޮތުން ކުރިއަށް ގެންދާއިރު، ކުޅިވަރަށް ވުރެ ބޮޑަށް ޒާއިންގެ ޝައުޤު ހުންނަނީ އަދަބީ ކަންތައްތަކަށެވެ. ވާހަކަދެއްކުމާއި މަޒުމޫނު ލިޔުމުގެ މުބާރާތްތަކުގައި ބައިވެރިވެ އެއްފަހަރަށްވުރެ ގިނަ ފަހަރު ވަނީ ސްކޫލަށް ވަނަ ހޯދާދީފައެވެ. އަދި ވާހަކަ ދެއްކުމާއި މަޒުމޫނު ލިޔުމުގެ މުބާރާތްތަކުން ގަދަ ދިހައެއްގެ ތެރޭގައި އޭނާ ވަނީ ހިމެނިފައެވެ.

ޒާއިން ބުނީ، ކިޔަވަން ވަގުތު ހުސްކުރުމުގެ ބޭނުމުގައި ބައެއް ދަރިވަރުން އިތުރު ހަރަކާތްތަކުގައި ބައިވެރިނުވާ ކަމަށެވެ. އެއީ އެ ދަރިވަރުން ހަދާ ގޯހެއް ކަމަށް ޒާއިން ދެކެއެވެ. އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީ ކިޔެވުމަށް އޮތް ހުރަހެއް ކަމަށް އޭނާ ނުދެކެއެވެ. ކާމިޔާބު ދަރިވަރަކަށް ވަނީ އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުން ކިޔެވުމުގައި ވެސް ކުރި ހޯދީމައެވެ. އޭނާގެ ތަޖުރިބާއަކީ ވެސް އެއީއެވެ.

"މޮޅެތި ނަތީޖާ ހޯދާ ދަރިވަރުންގެ ތެރޭގައި ގިނަ ހަރަކާތްތަކެއްގައި އުޅޭ ދަރިވަރުން މަދެއް ނޫން. ބައެއް ދަރިވަރުންނަށް ދިމާވާ މައްސަލައަކީ ވަގުތު މެނޭޖް ކުރުމުގައި ބެލެންސެއް ނުގެންގުޅެވުން. ވަގުތު ބެލެންސް ކުރެވޭނަމަ އެ މައްސަލައެއް ދިމައެއް ނުވާނެ" ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން އޭލެވެލްއަށް މިހާރު ކިޔަވަމުންދާ ޒާއިން ބުންޏެވެ.

ޒާއިންގެ ތަޖުރިބާގައި އޭނާ އެހެން ކުދިންނަށް ދޭ މެސެޖެއް އެބައޮތެވެ. އެއީ ދުރާލާ މަސައްކަތް ކުރަން ފެށުމެވެ. ވަކިން ޝެޑިއުލެއް ހަދައިގެން އެއާ އެއްގޮތަށް މަސައްކަތް ކުރުމެވެ. އެއާއެކު ހާޞިލްކުރަން ބޭނުންވާ އަމާޒު އަބަދުވެސް ހިތުގައި ބޭއްވުމެވެ.
"އަމާޒެއް އޮންނަންވާނެ. އެ އަމާޒަށް ދިއުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ފޯކަސްކުރުން މުހިންމީ"
advertisment
ހިޔާލު