އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މުޅިން އަލަށް ބާއްވަން ފެށި ނޫރުލް އަޛާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ ސުލައިމް މުޙައްމަދު ލަޠީފް ޙާސިލްކޮށްފިއެވެ.
މި މުބާރާތުގެ ފައިނަލް ރައުންޑް ބާއްވާފައިވަނީ މިރެއެވެ. މި ރައުންޑުގައި 6 ބައިވެރިއަކު ވާދަކުރިއިރު، ބައިވެރިންނަށް ހަވާލުކުރެވުނު މަސައްކަތަކީ ޙިޖާޒް ރާގަށް ބަންގިއާއި ޤަމަތް ދިނުމެވެ.
މުބާރާތުގެ އެއްވަނަ ޙާޞިލްކުރި ސުލައިމް މުޙައްމަދު ލަޠީފަށް ޓްރޮފީއާއި ހަނދާނީ ލިޔުމުގެ އިތުރުން ހާއްސަ އިނާމުތަކެއްގެ ގޮތުގައި 75 އިންޗީގެ ޓީވީއަކާއި، ދިގުފަރު އައިލެންޑް ރިޒޯޓުގެ ސްޓޭއަކާއި، އެސްޓީއޯގެ ހާއްސަ އިނާމެއްވެސް ވަނީ ދެއްވާފައެވެ. މި އިނާމުތައް ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި މުބާރާތުގެ ދެވަނަ ޙާސިލްކުރީ ޙަމްޒާ ބިން ހަސަންއެވެ. އަދި ތިންވަނަ ހާސިލްކޮށްފައިވަނީ މުޙައްމަދު ހަނޫން ހުސައިންއެވެ. ހަތަރުވަނަ ހަނީޒް ހަނީފްއަށް ލިބުނުއިރު ފަސް ވަނަ ލިބިފައިވަނީ އިސްމާޢިލް އިފްރާޙް އިބްރާހިމް އަލީއަށެވެ. އަދި ހަވަނަ ލިބިފައިވަނީ މާޠިޢު އަޙްމަދު ނާޒިމްއަށެވެ. މި ހުރިހާ ބައިވެރިންނަށްވެސް ވަނީ ޓްރޮފީއާއި ހަނދާނީ ލިޔުމާއި ޙާއސަ އިނާމުތަކެއް ދެއްވާފައެވެ.
މި މުބާރާތަކީ ރީތި ރާޤުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުޤުވެރިކަން އުފެއްދުމާއި ޤައުމުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަ ކުރުމާއި ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމާއި މި ފަންނުގެ ރޫޙު އާލާކުރުމާއި ދިރުވުމާއި ކުރިއެރުވުމާއި އަދި މިއީ ދާއިރާއެއްގެ ގޮތުގައި ފާހަގަކޮށް މި ދާއިރާގައި އުޅުއްވާ ބޭފުޅުންގެ އަގުވަޒަންކުރުމާއި މާލެސިޓީއާއި މުޅި ރާއްޖޭގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކުރުމެވެ.
މި މުބާރާތުން ވަނަތަކަށް އަންނަ ބައިވެރިންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، 1446 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
advertisment
ހިޔާލު