އެމްއެންޔޫ މެރަތަން މިއަދު ހަވީރު ފަށަނީ، ކުޑަކުދިންނަށް މަޖާ ދުވުމުގެ ހަރަކާތްތަކެއް

އެމްއެންޔޫ މެރަތަންގައި 1100 ދުވުންތެރިން ބައިވެރިވިއިރު، އޭގެތެރޭގައި ބޭރުގެ 80 ދުވުންތެރިން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) މެރަތަން މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށާނެއެވެ. ދެ ދުވަހަށް ދެމިގެންދާ މި މެރަތަންގެ ފުރަތަމަ ދުވަހު ބާއްވަނީ "ކިޑްސް ޑޭޝް"ގެ ނަމުގައ 4 އަހަރާއި 7 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށް ގެންދާ ފަން މެރަތަންއެކެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ މިއަދު ހަވީރު 4-6 އަށެވެ.

އެމްއެންޔޫ މެރަތަން ކުރިއަށް ދާނީ މިރޭ ދަންވަރު 2:00ން ހެނދުނު 8:00 އަށެވެ.

އެމްއެންޔޫގެ މެރަތަން އިންތިޒާމް ކުރަނީ އެ ޔުނިވަރސިޓީގެ ވިޔަފާރި ކުންފުނި "ޔުނިވިޔަ ހޯލްޑިން" އިންނެވެ. އެކުންފުންޏަށް އެހީތެރި ވަނީ މެރަތަން ބޭއްވުމުގައި 11 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޓީއެފްޖީއެވެ.

ރާއްޖޭގައި ތައުލީމު ފޯރުކޮށްދޭ މުއައްސަސާއަކުން ބާއްވާ ފުރަތަމަ މެރަތަން އެމްއެންޔޫއިން ބާއްވާއިރު، މި މެރަތަންގައި ބައިވެރިވާން 1100އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެފައިވެއެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުގެ 80 ފަރާތެއް ހިމެނެއެވެ.

އެމްއެންޔޫ މެރަތަންގައި، ކަނޑައަޅާފައި ވަނީ ހަތަރު ކެޓަގަރީއެކެވެ. އެއީ 42  ކިލޯ މީޓަރުގެ ފުލް މެރަތަން އާއި 21 ކިލޯ މިޓަރުގެ ހާފް މެރަތަން އާއި ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރެވެ. މިއިން ކޮންމެ ކެޓަގަރީއަކުން އެންމެ އަވަހަށް ނިންމާ ފިރިހެން އަދި އަންހެން ތިން ދުވުންތެރިންނަށް 3000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާ ދެމެދުގެ ފައިސާގެ އިނާމް ވަނީ ކަނޑައަޅާފައެވެ.

މެރަތަންއަށް ކަނޑައަޅާފައިވާ އިނާމްތައް:

  • މެރަތަން ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 10،000 ރުފިޔާ
  • ހާފް މެރަތަން ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް ‎7،500 ރުފިޔާ
  • 10ކިލޯމީޓަރުގެ ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 5،000 ރުފިޔާ
  • ފަސް ކިލޯމީޓަރުގެ ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް ‎ 3،000 ރުފިޔާ

ފަސް ކިލޯމީޓަރުގެ ރޭސްތައް ދުވަން ކަނޑައެޅިފައިވަނީ މި ކަމަށް ކަމާބެހޭ މުވައްސަސާގެ މަޝްވަރާއާއި ހުއްދައާ އެކު ކަނޑައަޅާ ލޫޕެއްގައެވެ.

އެމްއެންޔޫއިން ނިންމާފައި ވަނީ، ކޮންމެ އަހަރަކު ވެސް މި މެރަތަން ކުރިއަށް ގެންދާށެވެ.

މެރަތަން ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒު އާދަމް ވިދާޅުވެފައިވަނީ، މި މެރަތަން ވާނީ އެމްއެންޔޫއިން ދަރިވަރުންނަށް ފޯރުކޮށް ދޭން މަސައްކަތް ކުރާ ވަށައި ޖެހޭ ތަޢުލީމުގެ އަސާސްތަކަށް މިސްރާބު ޖަހާ ދަތުރަކަށް ކަމަށާއި އެއީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށާއި ރަނގަޅު އަޚްލާޤީ ސުލޫކީ މިންގަނޑެއް ހިފެހެއްޓުމަށާއި އުފާވެރި މާހައުލެއް ބިނާ ކުރުމުގެ ދަތުރެއް ކަމަށެވެ.

" ބޫޓްތަކުގެ ނާޑުވާ ބާރަށް އައްސާލެއްވުމަށްފަހު ހިނގާފައި ވިޔަސް، ދުވެފައި ވިޔަސް، ފިޔަވަޅުތައް އަޅަމުން ގެންދާއިރު އަޅުގަނޑުމެންނަން ހަނދާންކޮށް ދެނީ ދިރިއުޅުމަކީ ވެސް މެރަތަންއެއްކަން. އެއީ، ދިރިއުޅުމެކޭ އެއްފަދައިން މެރަތަންއެއްގެ ކާމިޔާބީގެ ފަހަތުގައި ވަނީ އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި ޕޮޒިޓިވްކޮށް ނުވަތަ ހެޔޮކޮށް ވިސްނުމާއި، ދިމާވާ ދަތިތައް އަދި ހުރަސްތައް ގިރާކުރާނެ މަގުތައް ހޯދާ، ލަނޑުދަނޑިތައް ކަނޑައަޅައި އެ އަމާޒަށް ވާޞިލްވޭތޯ މަސައްކަތް ކުރުން" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *