ދުޅަހެޔޮ ސިއްޙަތަކަށް އަހުލުވެރި ކުރުމުގެ ޤައުމީ ކެމްޕެއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ފަށައިފިއެވެ.
މި ކެމްޕެއިން، މިއަދު ހަވީރު ފައްޓަވައި ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
މި ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ، އެއީ ޤައުމުގެ މުސްތަޤުބަލް އިތުރަށް ދުޅަހެޔޮކޮށް އެންމެން ގުޅިގެން ކުރާ މަސައްކަތެއްގެ ފެށުން ކަމަށާއި އެ މަސައްކަތުގެ ފެށުން އައީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ހެލްތް ޕްރޮޓެކްޝަން އެޖެންސީއާ ޑަބްލިޔުއެޗްއޯއާ ގުޅިގެން ކުރި ސާރވޭގެ ކަންބޮޑުވާ ނަތީޖާތަކުގެ ސަބަބުން ކަމަށެވެ.
އެ ދިރާސީން ފާހަގަވީ، ޖިސްމާނީ ހަރަކާތްތައް މަދުވުމާއި ސިއްޙަތަށް ގެއްލުން ހުރި ކާނާ ބޭނުންކުރުމުގެ އާދަތައް އިތުރުވުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ގައިންގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ އެހެނިގެން ކަންތައްތައް އިތުރުވަމުންދާ ކަމަށެވެ. މި ހޯދުންތަކުން ވަގުތުން ފިޔަވަޅުއަޅަންޖެހޭ ކަންއަންގައިދޭ ކަމަށް ވެސް ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
މި ދިރާސާގެ ނަތީޖާތަކަށް ބިނާކޮށް އެމްއެންޔޫއިން ވަނީ އެކި ގޮތްގޮތުން ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިކުރުވުމަށް މަސައްކަތްތަކެއް ފަށާފައިކަން ޑރ. ޝެހެނާޒު ފާހަގަކުރެއްވިއެވެ. މުޖްތަމައު ހޭލުންތެރިކުރުވުމަށް މިހާތަނަށް ކުރިއަށް ގެންދިޔަ ކަންތައްތަކުގެ ތެރޭގައި، އިތުރަށް ދިރާސާތައް ކުރުމާއި އެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުން ދިގު ހިނގުން ނަމުގައި ކެމްޕެއިނެއް ފެށުމާއި 10،000 ފިޔަވަޅުގެ ޗެލަންޖެއް ކުރިއަށް ގެންދިއުން ހިމެނެއެވެ. އަދި އެމްއެންޔޫ މެރަތަންއަކީ ވެސް އޭގެތެރޭގައި ހިމަނައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ޝެހެނާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދެމެހެއްޓެނިވި ގޮތުގައި އެ ހަރަކާތްތައް ކުރިއަށް ގެންގޮސް، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތް ކުރުމަށް އަމާޒުހިފީ އެހެން އިދާރާތަކާ ގުޅިގެން ގައުމީ ފެންވަރުގައި ކެމްޕެއިނެއް ފަށަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ޔުނިވާސިޓީއާ ހަވާލުކުރެއްވުމުން ކަމަށެވެ.

ޑރ. ޝެހެނާޒު ވިދާޅުވީ، ޤައުމީ ފެންވަރުގެ ހަރަކާތްތައް ކުރިއށް ގެންދާނީ އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކަމަށެވެ. ސިއްހަތަށް ފައިދާ ހުރި ކާނާ ބޭނުންކުރުމުގެ އާދާ އާލާކުރުމަށް ފައިދާ ހުރި ކާނާގެ ބާވަތްތަކާ ގުޅޭ ގޮތުން ޚާއްޞަ ޕްރޮގްރާމެއް ރޯދަމަހުގެ ތެރޭގައި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގެ ދަރިވަރުންނާއި މުވައްޒަފުން ކުރިއަށް ގެންދާނެ ކަމަށާއި އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ޔުނިސެފާ ގުޅިގެން ކަމަށެވެ.
މި ކެމްޕޭނު ފެށުމުގެ ހަރަކާތް މިރޭ 20:00ން 22:00އަށް ކުރިއަށްދާއިރު، އެމްއެންޔޫ މައިކެމްޕަހުގައި ޚާއްޞަ ސްޓޯލްތަކެއް ހުންނާނެއެވެ. މި ސްޓޯލްތަކުން ދުޅަހެޔޮ ސިއްހަތަކަށް ކޮންމެހެން އެންގެންޖެހޭނެ މައުލޫމާތު ފޯރުކޮށްދޭނެއެވެ.
ފޯރުކޮށްދޭނެ މައުލޫމާތު ތަކުގެ ތެރޭގައި:
- ގައިންގަޔަށް ނާރާ ބަލިތަކާއި އެ ބަލިތަކުން ރައްކާތެރިވުމުގެ ގޮތްތައް
- ދުންފަތުގެ އިސްތިޢުމާލުން ދުރުހެލިވުމާ ގުޅޭ މާހިރުންގެ ލަފާ
- ޞިއްޙަތަށް ފައިދާހުރި ކެއުމުގެ އާދަތަކާއި ކާނާގެ ރޭވުންތައް
- މަސައްކަތާއި ދިރިއުޅުމުގެ ހަމަހަމަކަން ދެމެހެއްޓުމާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ އުކުޅުތައް
- ދުވަހުގެ އާދަކާދައިގެ ތެރެއަށް ޖިސްމާނީ ހަރަކާތްތައް ހިމެނުމުގެ ފަސޭހަ ގޮތްތައް
- އަމިއްލަ ޞިއްޙަތު ބެލެހެއްޓުމަށް އެހީތެރިވެދޭ އަސާސީ ޞިއްޙީ ޗެކަޕްތައް ހިލޭ ހެދުމުގެ ފުރުޞަތު ލިބޭނެއެވެ.
އެމްއެންޔޫއިން ބުނީ، ތިބާގެ ދުޅަހެޔޮކަމަށް އިސްކަންދީ، މުޖުތަމަޢުގެ ޞިއްޙަތު ކުރިއެރުވުމުގައި ޙިއްޞާވުން މުހިންމު ކަމަށެވެ.
advertisment
ހިޔާލު