ހއ. އަތޮޅު މަދަރުސާގައި ސްޓަޑީ ކޭމްޕްތައް ބާއްވަނަ ހޯރަފުށީ ކައުންސިލުން 40،000 ރުފިޔާގެ އެހީއެއް ވެދީފިއެވެ. މި އެހީ ދިނީ ހޯރަފުށީ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުންނެވެ.
ހއ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ހުސައިން ނައީމް ދަރިވަރު ނޫހަށް މިރޭ ވިދާޅުވީ، ސްޓަޑީ ކޭމްޕް ބާއްވަން ކައުންސިލުން ފޯރުކޮށް ދިނީ ބޮޑު އެހީތެރިކަމެއް ކަމަށާއި އަންނަ ދިރާސީ އަހަރުގެ ތެރޭގައި ގުރޭޑް 10ގެ ދެ ބެޗްގެ ކިޔެވުން ކުރިއަށްދާއިރު ދަތިކަމެއް ނެތި ސްޓަޑީ ކޭމްޕްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ކައުންސިލުން ދިން އެހީތެރިކަމާއެކު ސްޓަޑީ އެންމެ ކޭމްޕެއް ބޭއްވުމުގެ ބަދަލުގައި ކޮންމެ ދެ މާއްދާއަކަށް ކޭމްޕެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ކޭމްޕްތައް ބާއްވާނީ ދިރާސީ އަހަރުގެ ދެވަނަ ޓާމުން ފެށިގެން އެކި ދުވަސްތަކަށް ބަހާލައިގެން ހޮނިހިރު އާދީއްތަ ދުވަހު ކަމަށެވެ.
ހުސައިން ވިދާޅުވީ، ސްޓަޑީ ކޭމްޕްތަކަށް އަމާޒުކޮށްގެން ރިސޯސް ބޭފުޅުން ގެންނާނީ އުތުރާއި ދެކުނާއި އަދި މާލެއިން ކަމަށާއި ރަނގަޅު ޓީޗަރުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
"މީގެ ކުރިން ބޭއްވި ސްޓަޑީ ކޭމްޕްތަކުގެ ފައިދާ ދަރިވަރުންނަށް ކުރި. އޭގެ ހެއްކަކީ އިމްތިޙާނު ތަކުން ދަރިވަރުން ހޯދަމުންދާ ނަތީޖާއަކީ" ހުސައިން ވިދާޅުވިއެވެ.
އަންނަ އެޕްރީލް/މެއިގައި ފަށާ އޯލެވެލް އިމްތިޙާނުގައި އެ ސްކޫލުގެ 40 ދަރިވަރުން ބައިވެރިވާނެއެވެ.
advertisment
ހިޔާލު