އޯލެވެލްގެ އިނގިރޭސި މާއްދާއިން ކެމްބްރިޖްގެ ލާރނަރސް އެވޯޑާއި އިކޮނޮމިކްސްއިން ރާއްޖެއިން އެއްވަނަ އޭނާ ހޯދާފައިވޭ
އިނގިރޭސި މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ލިބުނު ވާހަކަ މަންމަ ބުނުމުން މުޙައްމަދު ޝިޒާން އިސްމާއިލަށް ލިބުނީ ހައިރާންކަމެކެވެ. ފުރަތަމަ އެއީ ސީރިއަސްކަމާއެކު މަންމަ ދެއްކި ވާހަކައެއް ކަމެއް އޭނާ އަށް ޤަބޫލެއް ނުކުރެވުނެވެ.
"އުއްމީދުކުރި ވަނައަކަށް ނުވާތީ މަންމަ އެ ވާހަކަ ބުނީމާ ވެސް ޤަބޫލެއް ނުކުރެވުނީ. އިނގިރޭސި މާއްދާއިން އެއްވަނަ ލިބުމުން ހަޤީޤަތުގައި ވެސް ކުއްލި ޝޮކެއް ލިބުނީ" ކަނޑުހުޅުދޫ ސްކޫލުން އޯލެވެލް ނިންމި ޝިޒާން ބުންޏެވެ.
ޝިޒާނަށް އިކޮނޮމިކްސްއިން ރާއްޖެއިން އެއްވަނަ ވެސް ލިބުނެވެ. ޝިޒާން ހޯދީ ކަނޑުހުޅުދޫ ސްކޫލުގެ ދަރިވަރަކު އޯލެވެލްގައި ހޯދި އެންމެ ރަނގަޅު އެއް ނަތީޖާއެވެ. ދުނިޔޭގެ ފެންވަރުގެ ވަނައެއް ހޯދި ފުރަތަމަ ދަރިވަރަކީ ވެސް އޭނާއެވެ.
ކަނޑުހުޅުދޫ ސްކޫލުގެ ޕްރިންސިޕަލް އަޝްރަފު އަބްދުﷲ ދަރިވަރު ނޫހަށް ރޭ ވިދާޅުވީ، ރަށު ސްކޫލުގައި ކިޔަވައިގެން ޝިޒާން ހޯދައިދިނީ އެ ސްކޫލަށާއި އެ ރަށަށް ބޮޑު ޝަރަފަކާއި ފަޚުރެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިބުނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ރަނގަޅު ނަތީޖާއެއް ނެރެން ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއް" އަޝްރަފު ވިދާޅުވިއެވެ.

އަޝްރަފު ވިދާޅުވީ، މިދިޔަ އަހަރު އެ ސްކޫލުން އޯލެވެލް ހެދި 9 ދަރިވަރުންގެ ތެރެއިން ތިން ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނި، 90 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވެފައިވާ ކަމަށެވެ.
ޝިޒާނަށް ލިބުނީ ހަތް އޭ ސްޓަރ އާއި އެއް އޭ ލިބިގެން އޯލެވެލްގެ ގަދަ ދިހައެއްގެ ދެވަނައެވެ. ގަދަ ދިހައެއްގެ އެއްވަނައަށް ނޭރުނީ ދިވެހިން އޭ އެއް ލިބުމުންނެވެ.
ދަރިވަރު ނޫހަށް ޝިޒާން ބުނި ގޮތުގައި، ކިޔަވާހިތްވާ ދަރިވަރަކު ކިޔަވަން ވަކި ތަނެއް ނެތް ކަމަށާއި އޭނާގެ ނަތީޖާއިން ސާބިތުކޮށް ދެވުނީ އަޒުމަކާއެކު މަސައްކަތްކޮށް ހިތްވަރު ކުރެވިއްޖެނަމަ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެ ކަމެވެ.
ޝިޒާން ބުނީ، ފިލާވަޅު ދަސްކުރަން އޭނާ ގެންގުޅުނު ފޯމިއުލާއަކީ ފިލާވަޅުތަކާއި މުދައްރިސުންދޭ ނޯޓްސްތައް ފަހުމުވާ ވަރަށް ކިޔައިގެން ދަސްކުރުން ކަމަށާއި ފަހުން ރިކޯލް ކުރެވޭ ވަރަށް، ފިލާވަޅުތަކުގެ ތެރެއަށް ވަދެވޭ ވަރަށް ފަރިތަކުރާ ކުރުން ކަމަށެވެ. އަދި އާބާދީ މަދު ސްކޫލްތަކުގައި ކިޔަވަން މާ ފަސޭހަ ކަމަށާއި ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ލިބޭ އެޓެންޝަން މާ ބޮޑުކަމަށް، ވިލާ އިންޓަރނޭޝާނަލް ހައި ސްކޫލުން އޭލެވެލް ހަދަމުންދާ ޝިޒާން ބުންޏެވެ.
ޝީޒާންގެ އުއްމީދަކީ އޯލެވެލްގައި ލިބުނު ފަދަ ނަތީޖާއެއް ނޫނީ އެއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދައި، ސްކޮލަރޝިޕެއްގައި ޑޮކްޓަރީކަން ކިޔަވަން ރާއްޖެއިން ބޭރަށް ދިއުމެވެ. އެ އުއްމީދުގައި ކުލަޖައްސަން ކުރިއަށް ވުރެ މާ ބުރަކޮށް ކިޔެވުމުގައި ވަގުތު ހޭދަކުރާ ކަމަށް ވެސް ޝިޒާން ބުންޏެވެ.

ޝިޒާން ބުނީ، އޭނާގެ ފަރާތުން ރަށާއި ސްކޫލަށް ރީތި ނަމެއް ހޯދައިދެވުނީތީ އުފާވާ ކަމަށާއި އޭނާ އެންމެ އުފާވަނީ އެކަމުގެ ސަބަބުން އޭނާގެ މަންމައަށް ލިބުނު އުފާ ކަމަށެވެ.
ކާމިޔާބު ހޯދަން އޭނާ ކުރި ދަތުރުގައި އެހީތެރިވެދިން މީހުންގެ ލިސްޓްގެ އެންމެ ކުރިއަށް ގެނައީ މަންމައެވެ. އެއަށްފަހު ސްކޫލާއި ކިޔަވައިދެއްވި ހުރިހާ ޓީޗަރުންނާއި ޕްރިންސިޕަލްގެ ނަން ފާހަގަކުރެއްވިއެވެ.
ރަށުގައި ތިބި ކިޔަވާ ކުދިންނަށް ޝިޒާން ދިން ނަސޭހަތަކީ މިއެވެ. "ކިޔަވާހިތުން ކިޔެވުމާ ކުރިމަތިލާށެވެ. ކުޑަރަށެއް ބޮޑުރަށެއް ކިޔެވުމުގައި ތަފާތެއް ނެތެވެ. އެ ތަފާތު ފެންނާނީ ތިމާ ކުރާ މަސައްކަތާއި ހިތްވަރުންނެވެ."
ޝިޒާން ސާބިތުކޮށްދިނީ އެކަމެވެ. އޭނާ ހޯދި ކާމިޔާބަކީ ކަނޑުހުޅުދޫގެ ކޮންމެ ރައްޔިތަކު މިއަދު ފަޚުރުވެރިވުން ހައްޤު ކާމިޔާބެކެވެ.
advertisment
ހިޔާލު