ޣައްޒާ އާރާސްތު ކުރަން އެހީވާން ވ. އޭއީސީގެ ދަރިވަރުން ބޭއްވި މެންދުރުގެ ކެއުމަށް 14،000 ރުފިޔާ

ހަނގުރާމައިގެ ސަބަބުން ވީރާނާވެފައި އޮތް ފަލަސްޠީނުގެ ޣައްޒާ، އަލުން އާރާސްތު ކުރަން އެހީތެރިވުމުގެ ގޮތުން ވ. އޭއީސީގެ ދަރިވަރުން ބޭއްވި މެންދުރުގެ ފަރިއްކޮޅުން 14،637 ރުފިޔާ ހޯދައިފިއެވެ.

މިއީ އެ ސްކޫލުގެ އިސްލާމް ކުލަބު އަވިވޮށް އާއި ބިޒްނަސް ކުލަބު ވެންޗާސް އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ވ. އޭއީސީގެ ޕްރިންސިޕަލް ރާފިއު ޖަމީލު ދަރިވަރު ނޫހަށް ވިދާޅުވީ، ވިޔަފާރިއަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް ބްރެކްފާސްޓް ނޫނީ އިންޓަވަލް ޑޭގެ ގޮތުގައި ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދާ ކަމަށެވެ. ދަރިވަރުންނާއި މުދައްރިސުން މަޝްވަރާކޮށްފައި، މިދިޔަ ހޮނިހިރު ދުވަހު ދަރިވަރުން ތައްޔާރުކުރީ އެ ޕްރޮގްރާމުގެ ތެރެއިން ޣައްޒާ އާރާސްތު ކުރަން އެހީވުމުގެ ގޮތުން މެންދުރުގެ ފަރިކޮށްޅެއް ކަމަށެވެ.

"އެކަށީގެންވާ އަދަދެއް ހޯދުމުގެ ގޮތުން މެންދުރުގެ ފަރިއްކޮޅެއް ތައްޔާރު ކުރަން ނިންމީ. ކުޑަކުޑަ އާބާދީއަކުން އެކަށީގެންވާ އަދަދެއް އެއް ދުވަހުން ހޯދުނީ އެކަމުގައި ސްކޫލާއި ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑުތަރުޙީބެއް ލިބުމުން" ރާފިއު ވިދާޅުވިއެވެ.

ރާފިއު ވިދާޅުވި ގޮތުގައި، މެންދުރުގެ ފަރިއްކޮޅަށް ޕާރުސަލް ޕެކްތައް ތައްޔާރު ކުރީ ތިން ދުވަސްކުރިން އޯޑަރަށް ހުޅުވާލުމުން އޯޑަރު ލިބުނު އަދަދަށް ބަލައިގެންނެވެ. އެ ފަރިއްކޮޅުގައި ހިމެނުނު ހުރިހާ ކެއުމެއް ތައްޔާރު ކުރީ ވެސް ދަރިވަރުންގެ އިސްވެ، މުދައްރިސުންނާއި ސްކޫލުގެ ސްޓާފުންގެ ބޮޑު އެހީތެރިކަމާއެކުގައެވެ. އެކަމުގައި އަމަލީ ގޮތުން މަސައްކަތް ކުރީ އެ ސްކޫލުގެ ގުރޭޑް 7ން މަތީގެ ދަރިވަރުންނެވެ.

ރާފިއު ވިދާޅުވީ، ޣައްޒާއަށް އެހީވާން ކެއްކުމުގައި ދަރިވަރުން ބައިވެރިވީ ފޯރިއާއި ޖޯޝާއެކީގައި ކަމަށެވެ.

"ވަރަށް ފޯރީގައި ކުރާހިތުން މަސައްކަތް ކުރީ" ރާފިއު ވިދާޅުވިއެވެ.

ފަރިއްކޮޅުން ލިބުނު ފައިސާ، ހަވާލު ކުރީ "ޚިދުމަތް" ޖަމިއްޔާ އާއެވެ.

ވ. އޭއީސީގައި ފްރީ ސްކޫލުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވައިދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *