ދަރިވަރުންގެ ނަތީޖާ ދަށްވުމުގައި، ޤައުމީ މަންހަޖުގައި ކިޔަވައިދޭން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ވަގުތާއި ކޮލިޓީ ޓީޗަރުން ނުލިބުމުގެ މައްސަލަ ފާހަގަ ކުރެވިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިދިޔަ އަހަރުގެ ތަޢުލީމީ ދާއިރާ ކުރިއަށްދިޔަ ގޮތާ ބެހޭގޮތުން މަޝްވަރާކުރުމަށް "އެނުއަލް ޖޮއިންޓް އެޑިޔުކޭޝަން ސެކްޓަރ ރިވިއު"ގެ ނަމުގައި ކުރިއަށްގެންދާ ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޑރ. އިސްމާއިލް ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި އެޑިޔުކޭޝަން ނިސްޓްރީގެ ތެރެއިން ބަލަމުން ދިޔައީ ދަރިވަރުންގެ ނަތީޖާ ދަށްވެދާނެ ސަބަބުތައް ދެނެގަންނަން ކަމަށާއި ނެޝަނަލް ކަރިކިއުލަމް ފްރޭމް ވޯކްގައި، ނެޝަނަލް ކަރިކިއުލަމްގެ އަސާސް އޭގެ މައްޗަށް ބިނާވެފައި އޮތް ސްކިލްސްތަކާއި ހުނަރުތައް ދަރިވަރުންނަށް އުނގައްނައިދިނުމަށްޓަކައި ވަކި މިންވަރަކަށް ކިޔަވައިދޭން ޖެހޭ ކަމަށް ކަނޑައަޅާފައި އޮތްއިރު އެ ބުނާ މިންގަނޑަށް ކިޔަވައިދެމުން ނުގެންދެވޭ ކަމަށެވެ.
މިސާލެއްގެ ގޮތުގައި ވަޒީރު ނެންގެވީ ކީ ސްޓޭޖް އެކަކާއި ދޭއްގައި ހަފްތާއަކު ކިޔަވައިދޭން ކަނޑައަޅާފައި އޮތް މިންވަރަށެވެ. ހަފްތާއަކު 35 ޕީރިއަޑް، 1575 މިނެޓް ކިޔަވައިދިނުމުގައި ދަރިވަރުން އުޅެން ވާނެ ކަމަށް ބުނެފައިވާއިރު، ދުވާލަކަށް ގަޑިތައް ބަހާލާއިފިކަމަށް ވަނީނަމަ އެއީ އެއީ 5ގަޑިއިރާއި 15 މިނެޓް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއީ ކަރިކިއުލަމުގެ ކޮންޓެންޓް އުނގެނުމުގައި ދަރިވަރުން ހޭދަކުރަން ޖެހޭ ވަގުތު" ޑރ. އިސްމާއިލް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކީ ސްޓޭޖް3 އާއި 4 އަށް ބަލައިފިކަމަށް ވަނީނަމަ ހަފްތާއަކު 1800 މިނެޓް، ނުވަތަ ދުވާލަކު ހަ ގަޑިއިރު ކިޔަވައިދޭން ޖެހެއެވެ.
" ކޮންޓެންޓް އުނެގެނުމުގައި އެކްޓިވްކޮށް ކުލާސްރޫމުގައި ހަ ގަޑިއިރު ހޭދަކުރަން އެބަ ޖެހޭ. އަޅުގަނޑު ހިތާމައާއެކު ދަންނަވަން ޖެހެނީ މި ވަގުތު ދަރިވަރުންނަށް އަޅުގަނޑުމެންނަކަށް ނުދެވެއޭ" ތައުލީމީ ދާއިރާގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވިއެވެ.
"އިންސްޓްރަކްޝަނަލް ޓައިމްއެއް ޕްރޮޓެކްޓެއް ނުކޮށްދެވެއޭ އަޅުގަނޑުމެންނަކަށް. މި އިންސްޓްރަކްޝަނަލް ޓައިމް ޕްރޮޓެކްޓެއް ނުކޮށްދެވޭ ކަމަށް ވަނީނަމަ ކިހިނަކުންތޯ އަޅުގަނޑުމެންނަށް ދަރިވަރުންނަށް ކޮންޓެންޓް އިންޓަރެކްޓްކޮށް، ކޮލެބްރޭޓިވްކޮށް، އެކުދިން ހިމަނައިގެން ޝާމިލުކޮށްގެން ކިޔަވައިދޭނީ" ދަރިވަރުންގެ ނަތީޖާ ދަށްވުމުގައި ފާހަގަވި އެންމެ މުހިންމު ކަންތައް ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
ޕްރައިމަރީ އެޑީޔުކޭޝަނަކީ އޭގެ މައްޗަށް ދަރިވަރުންގެ ތައުލީމު ބިނާވާ މަރުހަލާ ކަމަށާއި ޕްރައިމަރީ އެޑިޔުކޭޝަންގެ ވާހަކަ އަޅުގަނޑުމެން ނުދައްކާކަމުގައި ވާނަމަ އަޅުގަނޑުމެންނަށް ނަތީޖާ ފެންނާނީ ގުރޭޑް 10 ނޫނީ 12 ނިންމާ ހިސާބުން ކަމަށާއި، ޕްރައިމަރީ ގުރޭޑްތަކުގެ ތިން މާއްދާގެ ނަތީޖާ ހުރީކަންބޮޑުވާ ހިސާބެއްގައިކަން މިނިސްޓަރު ވަނީ ހަނދާންކޮށްދެއްވާފައެވެ.

ދަރިވަރުންގެ ނަތީޖާ ދަށްވާ ދެވަނަ ސަބަބެއްގެ ގޮތުގައި އެޑިޔުކޭޝަން މިނިސްޓަރު ފާހަގަކުރެއްވީ ކޮލިޓީ ޓްރެއިންޑް ޓީޗަރުން ނެތުމެވެ.
" ވަރަށް ބޮޑު ޓީޗާސް ޝޯޓޭޖެއް އެބައޮތް. ޓީޗަރސް ޝޯޓޭޖެއް އޮތީމާ ވާގޮތަކީ ޓްރެއިން ނުވެ ތިބި ޓީޗަރުން ބޭނުން ކުރަން މިޖެހެނީ"
ޑރ. އިސްމާއިލް ވިދާޅުވި، ޕްރައިމަރީ ގުރޭޑްތަކަށް ބެލި ކަމުގައި ވިޔަސް 250 ޓީޗަރުން މިހިދުން މިހިނދަށް ބޭނުންވާ ކަމަށެވެ. އަދި އެންމެ ބޮޑަށް އެހީތެރިކަމާއި އަޅާލުން ބޭނުންވާ ސްޓޫޑެންޓްސް ވިތް ލަރނިންގ ޕްރޮފައިލްއަށް އެޑްރެސް ކުރުމަށްޓަކައި ގާތްގަޑަކަށް 600 އެއްހާ ޓީޗަރުން ބޭނުންވާ ކަމަށެވެ.
" މިއީ އަޅުގަނޑުމެންގެ ޓީޗަރސް ޝޯޓޭޖަށް ހުރި އުދާސްތައް ކަންބޮޑުވުންތައް. ކުދިންނަށް އަޅައިލައިގެން ކުދިންގެ ވިސްނުމާއި ފިކުރަށް ރިޔާއަތްކޮށްގެން ކިޔަވައިދޭނެ ފެންވަރު ރަނގަޅު ޓީޗަރުން ނެތް ކަމުގައި ވަނީނަމަ އޭގެ އަސަރު ދަރިވަރުންގެ އުނގެނުމަށް، ލަރނިންގ އަށް ކުރާނެ. މިއީ ދެވަނަ ޗެލަންޖެއްގެ ގޮތުގައި ފާހަގަ ވެފައިވާ ކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.
advertisment
ހިޔާލު