ސްކޫލުތައް ފިނިކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން، އިޢާދަކުރަނިވި ހަކަތައިގެ ނިޒާމު ބޭނުންކޮށްގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގައި ހުޅުދުއްފާރުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ހޫނުގަދަ ރަށްރަށުގައި ސްކޫލްތައް ފިނިކުރެވެން ޖެހޭ ކަމަށެވެ.
ސްކޫލްތައް އޭސީ ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ފައްޓަވާފައިވާ "ކޫލް ސްކޫލް" ޕްރޮޖެކްޓާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، އެ ޕްރޮޖެކްޓް ހިންގާނީ އިއާދަކުރަނިވި ހަކަތައިންކަމަށާއި އެ މަސައްކަތަށް ރަނގަޅު ކުރިއެރުމެއް ލިބިފައިވާކަމަށާއި، މިއަހަރުތެރޭގައި ހުޅުދުއްފާރު ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތައް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރައްވާނެކަމަށެވެ.
" މަސައްކަތްކުރައްވަނީ ސެޕްޓެމްބަރު މަހުގެ ކުރިން އެ މަޝްރޫޢު ނިންމަން" ރައީސް ވިދާޅުވިއެވެ.
ހުޅުދުއްފާރު ސްކޫލަށް ޖާގަ އިތުރުކުރުމަށް ފަށާފައިވާ މަޝްރޫޢު ކުރިއަށް ނުދާތީ، ރައީސް ވިދާޅުވީ އެރަށު ސްކޫލަށް 12 ކްލާސް ރޫމް އިތުރުކުރުމުގެ މަޝްރޫޢު ކޮންޓްރެކްޓަރަށް ކުރިއަށް ގެންދެވޭނެ ގޮތް ހައްދަވައި ދެއްވައި އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.
ކޫލް ސްކޫލް ޕްރޮޖެކްޓް އެޑިޔުކޭޝަން މިނިސްޓްރީން ފެއްޓެވީ ދެ އަހަރުގެ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމުމުގެ ގޮތުންނެވެ.
ކޮމިއުނިޓީގެ އެހީތެރިކަމާއެކު ބައެއް ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް މިހާރުވެސް ބައެއް ސްކޫލްތަކުން ކުރިއަށް ގެންދެއެވެ.
advertisment
ހިޔާލު