ތައުލީމާއި ރިސަރޗް ދާއިރާއިން، މެލްބަން ޔުނިވަރސިޓީއާއި އެމްއެންޔޫ ގުޅިގެން މަސައްކަތް ކުރަނީ

ތައުލީމުގެ ދާއިރާއިން ދެވޭ ޚިދުމަތް ފުޅާކުރުމާއި ރިސަރޗް ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް އޮސްޓްރޭލިއާގެ މެލްބަން ޔުނިވަރސިޓީއާއެކު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އެއްބަސްވެއްޖެއެވެ.

ގުޅިގެން މަސައްކަތް ކުރުމަށް މިއަދު ވި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ އައިޝަތު ޝެހެނާޒް އާދަމެވެ. މެލްބަން ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ، އެ ޔުނިވަރސިޓީ ތަމްސީލު ކުރައްވާ ރޮންޑާ ޑި ބިޔަސް އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޔޫގެ ސީނިއާ މެނޭޖްމަންޓާއި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސުޕް އެވެ.

މި ރަސްމިއްޔާތުގައި ޑރ. ޝެހެނާޒް އާދަމް ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޝަރަފުވެރި މުއައްސަސާއެއް ކަމަށްވާ މެލްބަން ޔުނިވާސިޓީއާ ގުޅިގެން އެމްއެންޔޫގެ ލަނޑުދަނޑިތަކާއި އުންމީދުތައް ހާސިލްކުރުމުގެ ގާބިލްކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.

މި އެއްބަސްވުމުން ދައްކުވައިދެނީ ބައިނަލްއަޤްވާމީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށާއި، ޢިލްމީ އަދި ރިސާރޗް އެކްސެލެންސް ކުރިއެރުވުމަށް ދެ ޔުނިވަރސިޓީން ވެފައިވާ ހިއްސާ ކަމަށް ޑރ. ޝެހެނާޒު ވިދާޅިވިއެވެ. އަދި މި ޕާޓްނަރޝިޕްގެ ސަބަބުން ދަރިވަރުންނަށާއި، ފެކަލްޓީތަކަށާއި، ދެ ޔުނިވަރސިޓީން ޚިދުމަތްކުރާ ފުޅާ މުޖުތަމަޢުތަކަށް ފައިދާކުރާނެ، ގުޅިގެން ކުރެވޭ ދިރާސާތަކާއި، އެކަޑަމިކް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ބައިވެރިވުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *