ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުންދޫކުރާ ލޯނަށް އެދި ލިބުނު އެޕްލިކޭޝަންތަކުގެ ނަތީޖާ މާދަމާ އިޢުލާނުކުރާނެ ކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ، ހުސްވި މެއި މަހުގެ ދެ ވަނަ ދުވަހަށް މުއްދަތު ހަމަވިއިރު 1709 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. މިއަހަރު ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުޠުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދެއްވަން ސަރުކާރުން ނިންމާފައިވާތީ، ލޯނު ލިބޭ ދަރިވަރުންގެ ޢަދަދު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލިއިރު މިނިސްޓްރީއިން އިޢުލާނުކުރި 500 ފުރުޞަތަށްވުރެ ގިނަވާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ލިސްޓް އިޢުލާނުކުރާއިރު، ލޯނަށް އެދި ހުށަހަޅާ 'މައިއެޑިޔު' ޕޯޓަލްއިން އެކަން ދަރިވަރުންނަށް އެންގޭނެ ކަމަށާއި، އެޕްލިކޭޝަން ސްޓޭޓަސްއަށް އައި ބަދަލު އީމެއިލް މެދުވެރިކޮށްވެސް އެންގޭނެ ކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.
އ ވުވާރާއިން ބުނީ، ސްޓޭޓަސް ބަދަލުވާއިރު ޑިސްކޮލިފައި ވެފައިވާނަމަ ޑިސްކޮލިފައިވި ސަބަބުވެސް އެނގޭނެ ކަމަށެވެ. އަދި އެ ސަބަބާމެދު އިތުރު ސުވާލެއް އޮވެ ޝަކުވާ ހުށަހަޅަން ބޭނުންނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 27 ޖޫން 2024 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ޝަކުވާ ހުށަހަޅާނެ އީމެއިލް އެޑްރެސް ފަހުން އިޢުލާނު ކުރާނެ ކަމަށް ވެސް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުންޏެވެ.
advertisment
ހިޔާލު