ފ. އަތޮޅު މަދަރުސާގެ ދަރިވަރުން 35 ކިލޯގެ ލެޓިއުސް ވިއްކައިފި

ރޯދައަށް، ފ. އަތޮޅު މަދަރުސާގެ ހެބިޓެޓް ކުލަބުގެ ދަރިވަރުން ހެއްދި ލެޓިއުސް ވިއްކައިފިއެވެ.

ވެލްނެސް މެޓަރސްގެ އެހީތެރިކަމާއެކު އެ ސްކޫލުގައި ޤާއިމް ކުރި ހައިޑްރޮފޯނިކް ސިސްޓަމުގައި ހެއްދި ލެޓިއުސް ގަސްތަކުން 35 ކިލޯ، 120 ބޮނޑި ލެޓިއުސް ކަނޑާ ލެވުނު ކަމަށް ފ. އަތޮޅު މަދަރުސާއިން ބުނެއެވެ. 35 ރުފިޔާއަށް ލެޓިއުސް ބޮނޑިއެއް ވިއްކައިގެން އެ ދުވަހު 4200 ރުފިޔާ ލިބުނެވެ.

އެ ފައިސާ އެ ސްކޫލުން ބޭނުން ކުރަނީ ދަރިވަރުންނާ ގުޅުން ހުރި ހަރަކާތްތައް ކުރިއަށް ގެންދާށެވެ.

އެ ސްކޫލުގެ ލީޑިންގ ޓީޗަރު އަޙްމަދު ފާރިޝް ވިދާޅުވި ގޮތުގައި ލެޓިއުސް ހެއްދުމުގެ މަސައްކަތް ފެށީ ހުސްވި ފެބުރުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ. ހެއްދި ލެޓިއުސް ކެނޑީ މި މަހުގެ 14ވަނަ ދުވަހުއެވެ.

އޭނާ ވިދާޅުވީ، ލެޓިއުސް ހެއްދުމުގެ ހުރިހާ މަރުހަލާއެއްގައި މަސައްކަތް ކުރީ ދަރިވަރުން އަމިއްލައަށެވެ. ސިސްޓަމް ރެޑީކޮށް ބެލެހެއްޓުމާއި އޮށް އިންދުމާއި ހަމައިން ފެށިގެން ކެނޑުމުގައި ވެސް ދަރިވަރުން ބައިވެރިވި ކަމަށެވެ.

" ހައިޑްރޮފޯނިކްސްގައި ގަސްހައްދާއިރު އެ އަޅާ ސޮލިއުޝަންގެ އިތުރުން އެއްވެސް ކެމިކަލެއް ނާޅަން. ސިއްޙަތަށް ޚާއްޞަ ސަމާލުކަންދީގެން އެންމެ ރަނގަޅަށް ހައްދަން މަސައްކަތް ކުރީ" ފާރިޝް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ މަހަކު އެއް ފަހަރު ލެޓިއުސް ކެނޑޭވަރަށް އެ ސްކޫލުގައި އެ މަސައްކަތް މިހާރު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ފާރިޝް ވިދާޅުވީ، ލެޓިއުސް ފަދަ ބާވަތްތަކަށް ޑިމާންޓް އެބައޮތް ކަމަށާއި އެއީ ފުޅާދާއިރާއެއްގައި ހެއްދިދާނެ ބާވަތެއް ކަމަށެވެ.

ފ. އަތޮޅު މަދަރުސާގައި 300އާ ކައިރިކުރާ އަދަދަކަށް ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *