މަކުނުދޫ ދެ މިސްކިތުގައި އިމާމުވެ ހުކުރު ކުރީ އިސްލާމް މުދައްރިސާއި ދަރިވަރު

ރައްޔާން (ކ) އާއި އިސްލާމް މުދައްރިސް އަޝްފާގު ހުކުރު ހުޠުބާ ކިޔަނީ: މިއީ މަކުނުދޫއާއި އެ އެރަށު ސްކޫލަށް ވެސް ތާރީޚީ ދުވަހެއް-

މަކުނުދޫ ސްކޫލަށް މިއަދު މިއީ ތާރީޚީ ދުވަހެކެވެ. އެ ރަށުގެ ދެ މިސްކިތުގައި އިމާމުވެ ހުކުރު ކުރީ އިސްލާމް މުދައްރިސާއި އެ އެ ސްކޫލުގެ ދަރިވަރެކެވެ.

މަކުނުދޫ ސްކޫލުގެ އިސްލާމް މުދައްރިސް އަޝްފާޤް ޢާދަމް އިމާމުވެ ހުކުރު ނަމާދު ކުރީ އެ ރަށު ބޮޑު މިސްކިތް، މަސްޖިދުއް ތަޤްވާގައެވެ. މަކުނުދޫ ސްކޫލުގެ ދަރިވަރު މުހައްމަދު ރައްޔާން އިމާމްވެ ހުކުރު ކުރީ މަސްޖިދުއް ސިއްދީޤުގައެވެ. ގުރޭޑް 10ގައި ކިޔަވަމުން އަންނަ ރައްޔާނަށް އިސްލާމް މާއްދާ ކިޔަވައި ދެނީ ވެސް އަޝްފާގެވެ.

ހުކުރުކޮށް ނިމުމުން ގިނަ ބަޔަކު ވަނީ ރައްޔާނަށް މަރުހަބާ ކިޔައި ކުރިއަށް ދިއުމަށް ހިތްވަރު ދީފައެވެ.

މަކުނުދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ލުތުފީ ވެސް ވިދާޅުވީ، "މިއަދަކީ އެ ސްކޫލަށް ތާރީޚީ ދުވަހެއް" ކަމަށެވެ.

އިމާމުވެ ޖަމާއަތުގައި މީގެ ކުރިން ވެސް ރައްޔާން ނަމާދު ކުރެއެވެ. ހުކުރު ނަމާދު އިމާމުވެ ކުރި މިއީ ފުރަތަމަ ފަހަރެވެ. އޭނާ ވަނީ ޒުވާން ޚަތީބުންނަށް ހިންގި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެ ހުޠުބާ ކިޔުމުގެ ހުއްދަ ވެސް ހޯދާފައެވެ.

އިމާމުވެ އަޝްފާޤު ހުކުރު ކުރަން ފެށީ 2016 ވަނަ އަހަރުން ފެށިގެންނެވެ.

އަޝްފާޤް  ފާހަގަކުރި ގޮތުގައި ރައްޔާނަކީ ދީނީ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދޭ އަޚްލާގު ރަނގަޅު ކަންތައްތަކުގައި އިސްނަގައިގެން މަސައްކަތް ކުރާ ދަރިވަރެއް ކަމަށެވެ.

" އިސްލާމް މާއްދާގައި ވެސް ވަރަށް ގިނައިން ސުވާލުކޮށް އޮޅުން ފިލުވާނެ. އަދި އަމިއްލައަށް ވެސް ދިރާސާކޮށް މައުލޫމާތު ހޯދާނެ" ރައްޔާނާ ބެހޭ ގޮތުން އަޝްފާޤު ކިޔައިދިނެވެ.

ރައްޔާން ބުނީ، އޭނާއަށް ހުޠުބާ ލިބުނުއިރު، ބޮޑު މިސްކިތުގައި ހުކުރު ކުރަނީ ކާކުކަމެއް ކުރިން ނޭނގޭ ކަމަށާއި އެކަން އެނގުނީ ސަރ، އޭނާ ޓެގް ކޮށްފައި އިނުމުން ކަމަށެވެ.

" އަޅުގަނޑަށް ހުޠުބާ ލިބުނުއިރު ނޭނގެ ބޮޑު މިސްކިތުގައި ހުކުރު ކުރަނީ ސަރކަމެއް. މާފަހުން އަޅުގަނޑު ޓެގްކޮށްފައި އިނީމާ އެނގުނީ. ވަރަށް އުފާވި އިއްތިފާގުން އެގޮތަށް ދިމާވީމާ. ވަރަށް ގިނަ މީހުންގެ ތަޢުރީފު ވެސް ލިބުނު" ރައްޔާން ވިދާޅުވިއެވެ.

ރައްޔާން ބުނީ، ހުޠުބާ ކިޔަވަން ޝަޢުޤު އުފެދުނީ ގުރޭޑް 6ގައި އުޅުނުއިރު، ސްކޫލުން ކުރިއަށް ގެންދިޔަ މުބާރާތެއްގައި ބަންގިއާއި ހުޠުބާ ކިޔަން ޖެހުމުންނެވެ. އޭރުއްސުރެ އެކަމަށް އޮތް ޝައުޤުވެރިކަމުގައި މިސްކިތާ ގާތް ވަމުން ދިޔަ ކަމަށާއި ބަންގި ގޮވައި އިމާމުވެ ނަމާދު ކުރުމުގެ ފުރުޞަތެއް ހޯދީ މިސްކިތުގެ އިމާމުގެ ކައިރީގައި ބުނެގެން މިސްކިތުގެ އިމާމް ދިން ފުރުޞަތެއްގައި ކަމަށެވެ. އޭގެ ފަހުން އިމާމުން ޗުއްޓީއަށް ދާ ދުވަސްތަކުގައި މިސްކިތާ ހަވާލުވެ އިމާމުވެ ނަމާދު ކުރަމުން އޭނާ ގެންދެއެވެ.

ރައްޔާނަކީ މަކުނުދޫ ސްކޫލުގެ އިސްލާމް ކުލަބުގެ ރައީސެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *