މަރިޔަމް މިސްގެ ޚިދުމަތުގެ އަގުވަޒަން ކުރަން މަކުނުދޫ ސްކޫލުން 42 ދުވަހުގެ ކައުންޑައުންއެއް

މަކުނުދޫ ސްކޫލުގެ މުދައްރިސް މަރިޔަމް އަލީއަށް ޚިދުމަތުން ވަކިވާނެތީ އެކަން ފާހަގަ ކުރުމުގެ ގޮތުން 42 ދުވަހުގެ ކައުންޑައުންއެއް އެ ސްކޫލުން ފަށައިފިއެވެ. މަރިޔަމް މިސްއަށް 65 އަހަރު ފުރި ޚިދުމަތް ރިޓަޔަރ ކުރަނީ އަންނަ އެޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ. އެ ދުވަހަށް އެ ސްކޫލަށް އޭނާ ޚިދުމަތް ކުރާތާ 42 އަހަރު ފުރޭނެއެވެ. އަދި އޭނާއަކީ އެ ސްކޫލަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުވައްޒަފެވެ. ޚިދުމަތުން ވަކިވާއިރު 42 އަހަރާއި ދެ މަހާއި 29 ދުވަސް ފުރޭނެއެވެ.

42 ދުވަހުގެ ކައުންޑައުންގައި ކޮންމެ ދުވަހަކު ވެސް މަރިޔަމް މިސްއަށް ފިލައެއް ހަނދިޔާ ކުރާނެއެވެ. އެ ސްކޫލުގެ ހުރިހާ މުވައްޒަފުންގެ ހިތުގެ ޝުއޫރުތައް އެ ހުރިހާ ފިލާތަކުގައި ލިޔެފައިވެއެވެ.

މަކުނުދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ލުތުފީ ވިދާޅުވީ، މަރިޔަމް މިސްގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް އެ ސްކޫލުން ކުރިއަށް ގެންދާނެ ކަމަށާއި މިހާރު ކުރިއަށް ގެންދަނީ ކައުންޑައުންއެއް ކަމަށެވެ. އަދި ޚިދުމަތުން ވަކިވާ ދުވަހު ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

ލުތުފީ ވިދާޅުވީ، އެ ސްކޫލަށް އެކި ދުވަސްވަރު މަތިން އަގު ނުކުރެވޭ ޚިދުމަތްތަކެއް މަރިޔަމް މިސް ކޮށްފައިވާ ކަމަށާއި، އެ ސްކޫލް ހިންގުމުގައި އެންމެ އިސް ވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ކަމަށެވެ. އަދި ލީޑިންގ ޓީޗަރުކަން ވެސް އެއް ދުވަސްވަރެއްގައި ކޮށްފައިވާ ކަމަށެވެ. މިހާރު ކިޔަވައި ދެމުން ގެންދަނީ ޕްރައިމަރީ ގުރޭޑްތަކަށް ދިވެހި މާއްދާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *