އުފަންދުވަހު މަންމަ ދިން ހަދިޔާއިން ހޯދީ އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ

ގއ. ދެއްވަދޫގައި ހުންނަ ސުލްޠާން މުހައްމަދު ސްކޫލުގެ އަޙްމަދު އަޝްހަމް ސައީދު ހޯދީ އެ ސްކޫލުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. ރަށު ސްކޫލުން ކިޔަވައިގެން އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދުމަކީ އެއީ ކުޑަ އުފަލެއް ނޫނެވެ. ޤައުމީ ގަދަ ދިހައެއްގައި އެ ސްކޫލުގެ ދަރިވަރުން ހިމެނުނަސް ޔުނިޔޭގެ ރޭންކިންއަށް ދެއްވަދޫގެ ނަން ލިޔެދިން ހަމައެކަނި ދަރިވަރަކީ އެއީއެވެ.

އަޝްހަމްއަކީ، ފާއިތުވި ދިރާސީ އަހަރު ސުލްޠާން މުހައްމަދު ސްކޫލުގެ ކެޕްޓަން ވެސް މެއެވެ. ސާނަވީ އިމްތިޙާނުގެ ގަދަ ދިހައެއްގެ ތެރޭގައި ނުހިމެނުނަސް އޭނާ ހޯދި ކާމިޔާބީން ސްކޫލާއި ރަށާއި އާއިލާއަށް ވެސް ގެނުވީ އުފާވެރިކަމެވެ.

މަންމަގެ ހަދިޔާ- ދުނިޔޭގެ ވަނައަކަށް ދިއުމުގެ ސިއްރު

އަޝްހަމްއަކީ ކުޑައިރުއްސުރެ ވެސް ފޮތް ކިޔަން ޝައުޤު ހުރި ކުއްޖެކެވެ. އެހެންވެ، ދިހަ ވަނަ އުފަން ދުވަހުގެ ހަދިޔާއަކަށް މަންމަ ދިނީ، ޕާރސީ ޖެކްޝަން ސީރީޒްގެ ފޮތްތަކެވެ. އެ ފޮތްތައް ކިޔައި ނިންމާލިއިރު އަޝްހަމްއަށް އިނގިރޭސި ބަހަށް އޮތް ލޯތްބާއި ފޮތް ކިޔަން އޮތް ޝަޢުޤުވެރިކަން ބޮޑުވިއެވެ. އޭގެ ފަހުން ގިނަ އަދަދެއްގެ ފޮތްތަކެއް އޭނާއަށް ލިބުނެވެ. ލިބޭ ފޮތްތައް އިތުރުވަމުން ގޮސް ގުރޭޑް 10 ނިންމާލިއިރު އޭނާގެ ކުޑަކުޑަ ލައިބްރަރީއަށް ފުދޭ ވަރަކަށް ގިނަ ފޮތްތައް އޮތީ ޖަމާ ކުރެވިފައެވެ. އެ ލައިބްރަރީގައި ހުރި ކޮންމެ ފޮތެއް މަދުވެގެން ދެތިން ފަހަރު ކިޔާވެސް ލެވިއްޖެއެވެ. އެ ލައިބްރަރީ މުއްސަނދި ކޮށްފައި ވަނީ ބައޮގްރަފީއާއި ފެންޓަސީ ފަދަ ތަފާތު ވައްތަރުގެ ފޮތްތަކުންނެވެ.

" މަންމަގެ އެ ހަދިޔާއިން ފޮތުގެ ތެރެއަށް ވަދެވުނީ. އެ ސީރީޒްގެ ފޮތްތައް ނިންމާލިއިރު، އިތުރަށް ކިޔަން ޝަޢުޤުވެރިކަން އިތުރުވީ" އަޝްހަމް ބުންޏެވެ.

އަޝްހަމް ބުނީ، އޯލެވެލްއާ ހަމައަށް އައިއިރު އިނގިރޭސި ވާހަކަތައް ފަހުން ކިޔަން ފެށީ ހަމައެކަނި ވާހަކައެއް ކިޔާލުމުގެ ބޭނުމުގައި ނޫން ކަމަށާއި އިނގިރޭސި މާއްދާއަށް ޚާއްޞަކޮށްގެން އިނގިރޭސީގެ ފެންވަރު މަތިކުރަން އެ ވާހަކަތަކުގެ ބަސްމަގާއި ޖުމްލަތައް ގެނެސްފައި ހުންނަ ގޮތް ބަލައި އެގޮތަށް ލިޔަން މަސައްކަތް ވެސް ކުރި ކަމަށެވެ.

އަޝްހަމް ބުނީ، ޑިޖިޓަލްކޮށް ފޮތްކިޔައިގެން، ފޮތުން ކިޔުމުން އެ ލިބޭ ހިތްހަމަ ޖެހުން ނުލިބޭ ކަމަށެވެ. އެހެންވެ އޭނާ އިސްކަންދެނީ ފޮތުން ކިޔާށެވެ.

" ފޮތުން ކިޔުމުގައި ދެ ބޭނުމެއް ވޭ. އެއްކަމަކީ ޑިޖިޓަލް ވަޞީލަތްތަކާ ދުރުވާނެ ވަގުތު ހޯދުން. ދެވަނަ ކަމަކީ ފޮތުން ކިޔަމުންދާއިރު އެ ލިބޭ ހިތްހަމަ ޖެހުން. ޑިޖިޓަލްކޮށް ނޫނީ އޮންލައިންކޮށް ކިޔާއިރު ފޮތެއް ކިޔާލުމުގެ އެ ހިތްހަމަ ޖެހުން ނުލިބޭ"

ވާހަކަ ސީރީޒީއެއްގެ ފޮތެއް ކިޔައިފިނަމަ އެ ސީރީޒެއްގެ ހުރިހާ ފޮތެއް ކިޔާފައި ނޫނީ އަޝްހަމް ހުއްޓައެއް ނުލައެވެ. އަދި ސީރީޒެއްގެ ފޮތް ސެޓެއް އެއްފަހަރާ ލިބިއްޖެނަމަ ގިނަ ވެގެން ތިން ދުވަހުން ފޮތެއް ނިންމައެވެ. ހެރީ ޕޮޓާގެ ސީރީޒްގެ ހަތް ފޮތް އެއްކޮށް ނިންމަން އަޝްހަމް ހޭދަކުރީ 21 ވަރަކަށް ދުވަހެވެ. އެއީ ފޮތަކަށް ތިން ދުވަހެވެ.

ސްކޫލުގެ ލައިބްރަރީން ފޮތް ގެނެސްގެން ކިޔުމަކީ ވެސް ޤަވާއިދުން އޭނާ ކުރި ކަމެކެވެ.

އަޝްހަމްގެ ލައިބްރަރީއަށް އިތުރުވި މަދު ފޮތެއް ފިޔަވާ ހުރިހާ ފޮތަކީ އޭނާގެ ބައްޕަ ހޯދައިދިން ފޮތްތަކެވެ. އެ ލައިބްރަރީގައި 500 އާ ކައިރިކުރާ އަދަދަކަށް ފޮތް ހުރި ކަަމަށް އަޝްހަމް ބުންޏެވެ. މަތީ ސާނަވީއަށް ކިޔަވަން ބަދަލުވާން ޖެހުމުން އޭނާގެ ރައްޓެހިންނަށް އޭގެ ތެރެއިން ބައެއް ފޮތް ހަދިޔާ ވެސް ކުރިއެވެ.

" އެ ހުރިހާ ފޮތެއްހެން ހޯދައިދިނީ ބައްޕަ. އެކަމަށްޓަކައި ބައްޕައަށް ޚާއްޞަ ޝުކުރެއް އަދާކުރަން"

މިހާތަނަށް ކީ ވާހަކަތަކަށް ބަލާއިރު، އަޝްހަމަށް އެންމެ ކަމުދިޔައީ އެމެރިކާގެ ލިޔުންތެރިޔާ ގިލިއަން ފްލިން 2012 ވަނަ އަހަރު ގެނެސްދިން ގޯން ގާލްއެވެ. މިއީ ކްރައިމް ތުރިލާ ނޮވެލް އެކެވެ. ކްރައުން ޕަބްލިޝިން ގްރޫޕުން މި ވާހަކަ ޝާއިއުކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި ވާހަކަ މަގުބޫލުވެ، ނިއުޔޯކް ޓައިމްސްގެ ބެސްޓް ސެލާ ލިސްޓަށް ވެސް އެރިއެވެ.

ކުލާސް ކުދިންގެ ތެރޭގައި ވެސް އޮތީ ވާދަވެރި ކަމެއް

އަޝްހަމް ބުނީ، ގުރޭޑް 10 ގައި ކިޔެވިއިރު ކުލާހުގައި އެންމެ ދިހަ ކުދިން ތިބުމުން ކިޔަވަން ވަރަށް ފަސޭހަވި ކަމަށެވެ. އެއީ، ހުރިހާ ކުދިންނަށް ސަމާލުކަން ދީގެން ކިޔަވައިދޭން މުދައްރިސުންނަށް ވެސް ލިބޭ ފުރުޞަތެއް ކަމަށެވެ.

އަޝްހަމް ބުނީ، އިނގިރޭސި މާއްދާ ކިޔަވައިދިން ޓީޗަރަކީ މޮޅު ޓީޗަރެއް ކަމަށާއި، ޓީޗަރުގެ ސަބަބުން ކުލާސް ކުދިންގެ މެދުގައި ވާދަވެރިކަމެއް އުފެދި އެންމެ މަތިން ސްކޯ ހޯދުމުގެ ޝަޢުޤުވެރިކަން ބޮޑުވި ކަމަށެވެ. އެ ޝަޢުޤުވެރިކަމުގައި ގިނަ މަސައްކަތް ތަކެއް އަޝްހަމްވެސް ކުރިއެވެ. އެ ހުރިހާ ކުދިންގެ ތެރެއިން ކުރި ހޯދީ އަޝްހަމެވެ.

" ކުދިންގެ މެދުގައި އޮތް ވާދަވެރިކަމުގައި ފޮތް ކިޔުން ފަދަ މަސައްކަތްތައް ކުރިއަށްވުރެ ވެސް އިތުރުވި" އަޝްހަމް ބުންޏެވެ.

ރަށުން ސާނަވީ ނިންމައި މަތީ ސާނަވީއަށް އަޝްހަމް ކިޔަވަމުން ދަނީ ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީންނެވެ. އިނގިރޭސިއާއި ބައޮލޮޖީއަށް ޚާއްޞަ ޝަޢުޤުވެރިކަމެއް ހުއްޓަސް ކުރިއަށް ދާނެ ދާއިރާއެއް އަދި ކަނޑައެއް ނާޅައެވެ.

އަޝްހަމް ބުނީ، އޭނާއަށް ލިބުނު ކާމިޔާބީގައި ސުލްޠާން މުހައްމަދު ސްކޫލާއި ޓީޗަރުންގެ ބައިވެރިވުން އޮތް ކަމަށާއި އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ. ޚާއްޞަކޮށް އިނގިރޭސި މާއްދާ ކިޔަވައިދިން ޓީޗަރުގެ ނަން އޭނާ ވަކިން ފާހަގަކުރިއެވެ.

އަޝްހަމް ބުނީ، ފޮތްކިޔުމަކީ ކޮންމެ ކުއްޖެއްގެ ވެސް އާދައަކަށް ހަދަންޖެހޭ ކަމަށާއި، ފޮތްތެރި ކަމުގެ ތެރެއިން ހުރިހާ މާއްދާއަކަށް ވެސް ފަރުވާ ލިބޭ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *