އަންނަ ހޯމަ ދުވަހު ރޯދަމަސް ފެށޭއިރު، ސްކޫލްތަކުގައި ކިޔަވައިދޭނެ ވަގުތުތައް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.
ސްކޫލްތަކަށް އެ މިނިސްޓްރީން ފޮނުވި ސާކިއުލާގައިވާ ގޮތުން، ސްކޫލްތަކުގެ ކިޔެވުން ފަށާނީ ހެނދުނު 8:30އާއި 9:00އާ ދެމެދުގައެވެ. ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާނީ 8:30ގައެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވާ ގޮތުގައި، ކިޔަވައި ދިނުމުގެ ދަންފަޅި މެންދުރު ފަހު 3:00ގެ ކުރިން ނިންމަން ޖެހެއެވެ. ކިޔަވައިދޭ ޕީރިއަޑެއްގެ ދިގުމިން ވާންޖެހޭނީ 30 މިނެޓާއި 45 މިނެޓްގެ ވަގުތަކަށެވެ. އަދި ރޯދަ މަހުގެ ދެ ހަފްތާ ތެރޭ ހުރިހާ މާއްދާއެއް ކިޔަވައިދޭ ގޮތަށް ހަމަޖައްސަން ޖެހެއެވެ.
ދަންފަޅިތަކަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މިހާރު ގެނައި ބަދަލާއެކު، އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުންނަށް ދުވާލަކު ކިޔަވައިދޭނީ ދޮޅު ގަޑިއިރަށެވެ. ގްރޭޑް 1 އިން 6 އަށް ކިޔަވައިދޭނީ ދެ ގަޑިއިރާ 30 މިނެޓަށެވެ. ގްރޭޑް 7 އިން 12 އަށް ކިޔަވައި ދޭނީ 3 ގަޑިއިރަށެވެ.
ސާކިއުލާގައި ބުނެފައި ވަނީ، ޓީޗަރުންގެ މަސައްކަތު ގަޑި ވެސް ދުވާލަކު 4 ގަޑިއިރަށްވުރެ އިތުރު ނުކުރުމަށެވެ. އެއާއެކު އިދާރީ އޮފީހުގެ މަސައްކަތްތައް މެދު ނުކެނޑޭނެހެން އިދާރީ މުވައްޒަފުންގެ ގަޑިތައް ރޭވުމަށާއި ކިޔެވުމުގެ ދަންފަޅިތައް ރާވާއިރު، ވަގުތަށް ނަމާދުކުރެވޭނެ ގޮތަށް އިންތިޒާމް ހަމަޖެއްސުމަށެވެ.
ހަވީރު 4ން ފެށިގެން ރޭގަނޑު 9:00 އާ ދެމެދު ސްކޫލުގައި އެއްވެސް ހަރަކާތެއް ނުހިންގަން ވެސް އެ ސާކިއުލާގައި އިރުޝާދު ދިފައިވެއެވެ. ރޭގަނޑު ހަރަކާތްތައް ހިންގާނަމަ 9:00 އާއި 10:30އާ ދެމެދު ހިންގަން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ.
އަލަށް ގެންނަ ބަދަލާއެކު ރޯދަ މަހުގެ ފަހު ދިހައިގައި ސަރުކާރު ބަންދުވާނެތީ އެ ދުވަސްތަކުގައި ކިޔެވުމެއް ނޯންނާނެއެވެ.
advertisment
ހިޔާލު