ދާލަން: ކެރިއަރއެއް ކަނޑައަޅަން އިރުޝާދު ބޭނުންވާ ކުދިންނަށް ލިބުނު ފުރުޞަތެއް

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އިންތިޒާމް ކުރި ދާލަން އެކްސްޕޯޝަރ ރޭ ނިމިގެން ދިޔައިރު، އެ އެކްސްޕޯޝަރ ވެގެން ދިޔައީ ކެރިއަރއެއް ކަނޑައަޅަން އިރުޝާދު ބޭނުންވާ ކުދިންނަށް ލިބުނު ފުރުޞަތަކަށެވެ.

"ދާލަން: ދަ ބްރިޖް ޓް ޔުއަރ ފިއުޗަރ" ގެ ބޭނުމަކީ މަތީ ތަޢުލީމާއި ހުނަރުގެ ފުރުޞަތުތަކަށް އެދޭ ދަރިވަރުންނާއި މަސައްކަތަށް ނުކުންނަން ތައްޔާރުވަމުން އަންނަ، ޒުވާނުންނާއި އަމިއްލަ ކެރިއަރއެއް ކަނޑައަޅަން އިރުޝާދު ބޭނުންވާ ކުދިންނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްތާކުން ފޯރުކޮށް ދިނުނެވެ.

ދާލަން، ކުރިއަށް ގެންދިޔާއި އިއްޔެ ހަވީރު 4ން ރޭ 10 ޖެހުމާ ހަމައަށެވެ.

ކިޔަވާކުދިންގެ ލޯނުގެ މަޢުލޫމާތު ދިނުމާއި ކެރިއަރ ގައިޑަންސާއި ދިވެހިންގެ އުފެއްދުންތެރިކަމުގެ ހުނަރު ދައްކާލުމާއި ވަޒީފާގެ ފުރުޞަތުތަކަށް ވަގުތުން އެޕްލައި ކުރެވޭނެ އިންތިޒާމުތައް ވެސް މި ދާލަން ގައި ހަމަޖައްސާދީފައި ވެއެވެ.

ދާލަން ގައި 15 ފަރާތަކުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ކުންފުނިތަކާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުގައި ހިމެނޭ މޯލްޑިވްސް ޕޮލީޓެކްނިކާއި މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީއާއި ލޭބަރ ރިލޭޝަން އެތޯރިޓީއާއި މޯލްޑިވްސް ނޭޝަނަލް ސްކިލް ޑިވަލޮޕްމެންޓް އެތޯރިޓީއާއި ޖޮބް ސެންޓަރުގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ހިމެނެއެވެ. ދެން ބައިވެރިވީ ސަރުކާރުގެ ޙިއްޞާވާ ބައެއް ކުންފުނިތަކެވެ.

ކުންފިނިތަކުން ބައިވެރިވީ، ދިރާގާއި އެމްޓީސީސީއާއި  އައިލެންޑް އޭވިއެޝަންއާއި އާރުޑީސީއާއި އެމްއޭސީއެލްއާއި ޕޯރޓްސް ލިމިޓެޑްގެ އިތުރުން ސެޓެލްކޯއެވެ.

ދާލުން ހުޅުވައިދެއްވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ. މި ރަސްމިއްޔާތުގައި އެޑިޔުކޭޝަން ދާއިރާއަށް ކަނޑައަޅާފައިވާ ނުވަ ވަޢުދަށް ޚާއްޞަ ފޮތެއް ވަނީ ނެރުއްވާފައެވެ.

ހަޔަރ އެޑިޔުކޭޝަނުން ކަނޑައެޅި މުހިންމު ކަންތައްތައް ހިމެނޭ ފޮތް މިނިސްޓަރު، ޑރ މަރިޔަމް މާރިޔާ ނެރެދެއްވަނީ: މި ފޮތުގައި ވަނީ އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަންތައްތަކުގެ ތަފްޞީލް ހިމަނާފައި- ފޮޓޯ: ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ

ހަޔަރ އެޑިޔުކޭޝަނުން ފާހަގަ ކުރި ކާމިޔާބީ ތަކުގެ ތެރޭގައި ހިމެނެނީ،

  • ދިވެހިންގެ ސަޤާފަތުގައި ހިމެނޭ ކިއްސަރު ވަޑާމުގެ ހުނަރު އިޢާދަކޮށް ހުނަރު އަށަގެންނެވޭނެގޮތް ހެދުން.
  • ދިވެހިންނަށް އިސްކަންދީގެން އެންމެންޝާމިލުވާ ގޮތަށް ވަޒީފާގެ ސިޔާސަތު އެކުލަވާލުން.
  • މިހާރު ދިވެހިންގެ އަތުން ބީވެފައިވާ ބައެއް ދާއިރާތަކަށް ދިވެހި ޒުވާނުން ބިނާކޮށް ނެރުމަށް ކަނޑައެޅުން.
  • ފެޝަން ޑިޒައިންގެ ހުނަރު އިތުރުކުރުން.
  • ރާއްޖޭގައި ކުރިއަރަމުން އަންނަ އެއްމެދު ޢިމާރާތްތައް މެނޭޖުކޮށް ހިންގުމަށް ބޭނުންވާ މީހުން ތަމްރީނުކުރުން.
  • ތިމާވެށްޓާ ގުޅުންހުރި ދާއިރާތަކުން ޚާއްޞަ ކޯސްތައް ފަރުމާކޮށް މީހުން ބިނާކުރުން.
  • އަތޮޅުތަކަށް މަތީ ތަޢުލީމު ފުޅާކުރުން
  • ރަށުން ބޭރުގައި ޢާއިލާއާއެކު ދަރިންނަށް ތިބެވޭގޮތަށް ދަނާލު އަޅަން ކަނޑައެޅުން.
  • ރާއްޖޭގައި ޢިލްމު އުފައްދައި ފެތުރުމަށް ފުރަތަމަ ފަހަރަށް ޤައުމީ ރިސާޗް ގްރާންޓް ފަންޑް ޤާއިމުކުން.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *