"ހިރިލަންދޫ ބަސްކޮށާރު"ގެ ނަމުގައި އެރަށު މީހުން ވާހަކަ ދެއްކުމުގައި ބޭނުން ކުރާ ބަސްތައް ބޭނުން ކޮށްގެން ބަސްކޮށާރެއް އެކުލަވާލުމުގެ މަސައްކަތް އެރަށު ސްކޫލުން ފަށައިފިއެވެ. މިއީ، ހިރިލަންދޫ ސްކޫލުގެ ދިވެހި ކުލަބުން އިސްނަގައިގެން ކުރިއަށް ގެންދާ ޚާއްޞަ ހަރަކާތެކެވެ.
ހިރިލަންދޫ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު ޝައްމޫން ވިދާޅުވީ، އެ މަސައްކަތް ކުރިއަށް ގެންދަނީ ފިޔަވަހި ތަކަކަށް ބަހާލައިގެން ކަމަށާއި، މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވާނީ އެ ސްކޫލުގެ މުދައްރިސުން ކަމަށެވެ. ދެ ވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހިން ފެށިގެން ދަރިވަރުންގެ ބައިވެރިވުމާއެކު އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޝައްމޫން ވިދާޅުވިއެވެ.
ބަސްކޮށާރަށް ބޭނުންވާ މައުލޫމާތު ގޫގުލް ފޯމެއް މެދުވެރިކޮށް ފޯރުކޮށް ދޭން އެ ސްކޫޅުން މިހާރު ވަނީ ހުޅުވާލާފައެވެ.

ޝައްމޫން ވިދާޅުވީ، ހިރިލަންދޫ މީހުން ވާހަކަ ދައްކާ ޚާއްޞަ ބަހުރުވައެއް އޮންނަ ކަމަށާއި، ޒަމާނަށް އަންނަ ބަދަލާއެކު އެ ބަހުރުވައަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސް އޭގެ އަޞްލު ގެއްލެމުންދާ ކަމަށެވެ.
" ބަދަލުވަމުންދާ އޮއިވަރާއެކު އެބަޔަކު ބޭނުންކުރާ ބަހުރުވައިގެ އަޞްލު ގެއްލެމުން، މަސްހުނިވެގެން މި ދަނީ. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ވަރަށް ޤަދީމީ ބަހުރުވައެއްގެ ގޮތުގައި ހިރިލަންދޫ ބަހުރުވަ މި އޮންނަނީ" ޝައްމޫން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ކުރިއަށް ގެންދާނީ އެ ބަހުރުވަ އެނގޭ މިންވަރު ދެނެގަތުމަށް ފީލްޑް ރިސަރޗެއްގެ ތެރެއިން ޑާޓާ އެއްކުރުމުގެ މަސައްކަތްކަތް ކަމަށެވެ. ލިބޭ މައުލޫމާތު ސައްޙަކަން ކަށަވަރު ކުރާނީ އެ ރަށުގެ ދުވަސްވީ ފަރާތްތަކު ކައިރިން ކަމަށް ވެސް ޝައްމޫން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއްކުރާ ބަސްކޮށާރުގެ ތެރެއަށް ދުވަސްވީ މީހުންގެ އަތުގައި ހުރި ބަސްތައް ވެސް ހިމަނައިގެން ފޮތެއް ނެރެން ވެސް ނިންމާފައިވާ ކަމަށެވެ.
ހިރިލަންދޫ ސްކޫލުގައި 300އެއްހާ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު