ތިމާވެއްޓާ ގުޅުން ހުރި ދާއިރާތަކުން ދިރާސާކުރަން 14 ދަރިވަރަކަށް 1.5 މިލިއަން ރުފިޔާގެ މާލީ އެހީ ދެނީ

ރާއްޖޭގެ ތިމާވެއްޓާ ގުޅުން ހުރި ދާއިރާތަކުން ރިސަރޗް ހަދަން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޕޯސްޓްގްރެޖުއޭޓް ހާސިލްކުރަމުންދާ  14 ދަރިވަރުންނަށް 1.5 މިލިއަން ރުފިޔާގެ މާލީ އެހީދޭން ނިންމައި، އެ އެހީއަށް އެދި ހުށަހަޅަން ތިމާވެއްޓާ ބެހޭ ވުޒާރާއިން އިއުލާން ކޮށްފިއެވެ.

މިއީ ގްލޯބަލް އެންވަޔަރަންމެންޓް ފެސިލިޓީ (ޖެފް)ގެ މާލީ އެހީއާއިއެކު އަދި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ، އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި) ގެ ނަމުގައެވެ. މި މަޝްރޫޢުގެ މަސައްކަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ވެށީގެ ނިޒާމުތައް ބަލަހައްޓައިގެން އެ ނިޒާމުތަކުގެ ދުޅަހެޔޮކަމާއި، ވިލުން ވަރުގަދަކުރުމަށާއި، ތަރައްގީގެ ހަރަކާތްތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، އަދި ޤައުމީ ތަރައްގީގެ ރޭވުންތަކުގައި ގުދްރަތީ ރައުސްމާލުގެ ހިސާބު ކިތާބު (ނެޗުރަލް ކެޕިޓަލް އެކައުންޓް) ވަޒަންކުރުމެވެ.

ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ، ނެޗުރަލް ކެޕިޓަލް އެކައުންޓިންގ ގެ މަސައްކަތަކީ ރާއްޖެއަށް މުޅިން އާ، މިކަމުގެ ޓެކްނިކަލް އެކްސްޕާޓުން ނެތް ދާއިރާއެއް ކަމަށާއި އެންދެރި ޕްރޮޖެކްޓުން މިހާރު މަސައްކަތް ކުރަމުން ދަނީ ޔުނިވަރސިޓީ އޮފް ނިއު ސައުތް ވޭލްސް (ޔޫ.އެން.އެސް.ޑަބްލިއު) އާއި އެކު މިމަސައްކަތް ރާއްޖޭގައި ގާއިމުކޮށް، މިދާއިރާއަށް މީހުން ގެ ޝައުގުވެރިކަން އިތުރު ކުރުމަށް މަސައްކަތްކުރަށް ކަމަށެވެ. ރާއްޖޭގެ ކިޔަވާ ކުދިންގެ މެދުގައި ނެޗުރަލް ކެޕިޓަލް އެކައުންޓިންގ އަދި އެކުދިންގެ ރިސާރޗް މި ދާއިރާއަށް އަލި އެޅުވުމަށް ޝައުގުވެރިކަން އިތުރު ކުރުމަށް މި ޕްރޮޖެކްޓުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ތިމާވެއްޓާ ބެޙޭ ވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ބުނީ، އެންދެރި ސްޓޫޑަންޓް ގްރާންޓް ގެ ނަމުގައި، ޕޯސްޓް-ގްރެޖުއޭޓް ޕްރޮގްރާމް ހަދަމުންދާ، ތިމާވެށީގެ ދާއިރާ އަށް ޝައުގުވެރިކަން ހުންނަ ހުރިހާ ދިވެހި ދަރިވަރުންނަށް ނެޗުރަލް ކެޕިޓަލް ވެލުއޭޝަން އަދި އެކައުންޓިންގ ގެ ރިސަރޗް ސްޓަޑީޒް ތަކަށް އަދި ބަޔޯޑައިވަރސިޓީ ކޮންޒަރވޭޝަންގެ އިތުރުން ކޯޕަރޭޓް ސެކްޓަރގެ ވިޔަފާރިއާއި އެކައުންޓިންގ ޕްރޮފެޝަންތަކާ ގުޅުންހުރި ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ އެފުރުޞަތުގެ ދަށުން 14 ދަރިވަރުންނަށް އެހީދޭން ނިންމާފައިވާއިރު، ކޮންމެ ދަރިވަރަކަށް ގިނަވެގެން އެއްލައްކަ ރުފިޔާގެ އެހީ ދޭނެ ކަމަށެވެ.  އެހީ ބޭނުންވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ކޮންސެޕްޓް ނޯޓާއި ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް endheri@environmet.gov.mv ހުށައެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އެ ފުރުޞަތު އޭޕްރީލްމަހުގެ 15 ވަނަ ދުވަހުގެ 14:00 އާ ހަމައަށްވަނީ ހުޅުވާލާފައެވެ.

އެހީއަށް އެދި ހުށައަޅާއިރު ދިރާސާކުރުމަށް ކަނޑައަޅާފައިވާ ދާއިރާއާއި މަސައްކަތަކީ އެހީ ދިނުމުގެ އުޞޫލްތަކަށް ފެތޭ އެ ދަރިވަރަކު ތަޢުލީމް ހާސިލްކުރަމުންދާ ޔުނިވަރސިޓީއަކުން ރުހުންދީފައިވާ މަސައްކަތަކަށް ވާންޖެހޭނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *