10 ބުރިއަށް އިމާރާތް ކުރާ އަރަބިއްޔާ ސްކޫލުގެ ޢަމަލީ މަސައްކަތް ފަށައިފި

42 ކުލާސް ހިމެނޭ އަލް މަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އާ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. އެ މަސައްކަތް ފައްޓަވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއެވެ.

ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު އަޅަނީ ކުރިން ކުނިކޮށީގެ ގޮތުގައި ބޭނުން ކުރި 381 ނަމްބަރު ކޮށީގައެވެ.

ދިހަ ބުރިއަށް އިމާރާތް ކުރާ އަރަބިއްޔާ ސްކޫލަކީ އެންމެ ޒަމާނީ ފެންވަރަށް، ހުރިހާ ވަޞީލަތެއް ފުރިހަމަވެފައި ހުންނާނެ ސްކޫލެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.  ސައިންސް ލެބާއި ލެބޯޓްރީ ތަކާއި މަލްޓިޕާޕަސް ހޯލާއި ކުދިން ކުޅޭނެ ޓާފް ދަނޑު، އެ ސްކޫލް ނިމޭއިރު ޤާއިމް ވެފައި ހުންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޕީއެސްއެމް ނިވްސްއަށް އެޑިޔޭޝަން މިނިސްޓަރު ވިދާޅުވެފައި ވަނީ، އަރަބިއްޔާ ސްކޫލް އިމާރާތް ކުރަނީ އެ ސްކޫލުގެ އަޑީގައި ޕާކް ކުރެވޭނެ އިންތިޒާމް ތަކާ އެކުގައި ކަމަށެވެ. 150 އެއްހާ ސައިކަލާއި އެ ސްކޫލަށް ބޭނުންވާ ހަތަރު ފުރޮޅުލީ ވެހިކަލް ޕާކް ކުރެވޭނެ އިންތިޒާމް އެތަނުގައި ހަމަޖެހިފައިވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރާ ހަވާލާ ދެއްވައި، އެ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

ދެ އަހަރު ދުވަހުން ނިންމާ ގޮތަށް އެ ސްކޫލުގެ މަސައްކަތް ކުރަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން އަމީން ކޮންސްޓްރަކްޝަނުންނެވެ.

ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ދުވަހުއެވެ. އޭރު އެ ސްކޫލް އިމާރާތް ކުރަން ނިންމީ ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *