ލ. އޭއީސީގެ ދަރިވަރުންގެ ރާއްޖެއިން ބޭރުގެ ފުރަތަމަ ޢަމަލީ ތަޖުރިބާ މެލޭޝިއާއާއި ސިންގަޕޫރުން ހޯދައިފިއެވެ. މީގެ ކުރިން އެ ސްކޫލުގެ ދަރިވަރުން ތަޖުރިބާ ހޯދަމުން ދިޔައީ ރާއްޖޭގެ އަތޮޅުތަކަށް ދަތުރުކޮށްގެންނެވެ.

މި މަހުގެ 11އިން 18އަށް، ކުރި ދަތުރުގައި ލ. އޭއީސީގެ ގުރޭޑް 11ގައި ކިޔަވަމުންދާ ދަރިވަރުން ވަނީ ސިންގަޕޫރާއި މެލޭޝިއާގެ ޔުނިވަރސިޓީތަކާއި އެ ދަރިވަރުން ކިޔަވަމުންދާ ފިލާވަލުތަކާ ގުޅޭ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކޮށް މައުލޫމާތާއި ޢަމަލީ ތަޖުރިބާ ހޯދާފައެވެ.

" މިއީ ދަރިވަރުންގެ އުނގެނުމަށް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް. ކުރިން ނުފެންނަ އަދި ނޭނގޭ އެތައް ކަމެއް ބަލައި ދަސްކުރުމުގެ ފުރުޞަތު މި ދަތުރުން ލިބިގެން ދިޔަ" ލ. އޭއީސީގެ ޕްރިންސިޕަލް އަބްދުﷲ ނަޞީޙް ވިދާޅުވިއެވެ.
ނަޞީޙް ވިދާޅުވީ، މި ދަތުރުގައި ސައިންސާއި ބިޒްނަސް ސްޓްރީމްގެ ދަރިވަރުންނަށް ލިބުނު ތަޖުރިބާގެ އަލީގައި ކޮންމެ އަހަރަކު ވެސް މި ފަދަ ދަތުރެއް ރާއްޖެއިން ބޭރަށް ކުރަން ނިންމާފައިވާ ކަމަށެވެ.

" ރާއްޖެއިން ބޭރަށް، ދަރިވަރުން ކުރި ފުރަތަމަ ދަތުރުގެ ތަޖުރިބާއަށް ބަލައި ކޮންމެ އަހަރަކުވެސް އެފަދަ ދަތުރެއް ކުރަން އަޅުގަނޑުމެން ވާނީ ނިންމާފައި. މީގެ ސަބަބުން ދަރިވަރުންނަށް އެތައް ފުރުޞަތުތަކެއް، ކަންތައްތަކާ މެދު ވިސްނައި ދުނިޔެއަށް ލޯ ހުޅުވި ފިލާވަޅުތަކާ ގުޅޭ ގޮތުން ފުންކޮށް ވިސްނުމުގެ ފުރުޞަތު ތަނަވަސް ވެގެންދޭ" ދަރިވަރު ނޫހަށް ނަޞީޙް ވިދާޅުވިއެވެ.

ސިންގަޕޫރުގައި ދަރިވަރުން ޒިޔާރަތް ކުރި ތަންތަނުގެ ތެރޭގައި، އެތަނުގެ ސައިންސް ސެންޓަރާއި ބޮޓަނިކަލް ގާރޑަން އަދި ޓްރިކީ ޕާކް ހިމެނެއެވެ. މެލޭޝިއައިން ޒިޔާރަތް ކުރީ، މެލޭޝިއާ އެކުއޭރިއަމްއާއި ޖެންޓިންގ ހައިލޭންޑްގައި ހުންނަ ސްޓޯބަރީ ފާރމްއަށާއި މެލޭޝިޔާގައި ހުންނަ ޔޫސީއެސްއައި އިންޓަރނޭޝަނަލް ސްކޫލަށާއި ޔުނިވަރސިޓީ އަށެވެ.
ދަރިވަރުންނަށް އަމާޒުކޮށްގެން ތަފާތު ވޯކް ޝޮޕްތައް ވެސް މި ދަތުރުގައި ކުރިއަށް ގެންދިޔައެވެ. އޭގެ ތެރޭގައި އާޓިފިޝަލް އިންޓަރލިޖެންސްގެ ދާއިރާގެ މުސްތަގުބަލާއި އެ ދާއިރާއިން ކުރިއަށް ދިއުމާ ގުޅޭ ލެކްޗަރ ފާހަގަ ކޮށްލެވެއެވެ. އަދި ފުރާ އުމުރުގެ ކުދިންނަށް ސްޓްރެސް މެނޭޖްމަންޓާއި ކައުންސެލިންގެ ދައުރާއި ކުރިއަށް ދާނެ ދާއިރާތައް ކަނޑައެޅުމުގައި އަމިއްލަ ނިންމުން ފަދަ ކަންތައްތަކާ ގުޅޭ ގޮތުން ބޭއްވި ވޯކްޝޮޕްތައް ފާހަގަކޮށްލެވެއެވެ. އަދި ދަރިވަރުން ކިޔަވާ މާއްދާތަކާ ގުޅޭ ގޮތުން ވެސް މުހިންމު މައުލޫމާތު ތަކެއް ވެެސް ދަރިވަރުންނަށް މި ވޯކްޝޮޕްތަކުގެ ތެރެއިން ވަނީ ހިއްސާ ކޮށްފައިވެއެވެ.
މި ދަތުރުގައި، އެ ސްކޫލުގެ ތިން ޓީޗަރަކު ވަނީ މެލޭޝިޔާގެ ޔޫސީއެސްއައި އިންޓަރނޭޝަނަލް ސްކޫލުގައި ލިޓްރަސީއާއި ނިއުމަރަސީ އަދި ބެސްޓް ޕްރެކްޓިސްއާ ގުޅޭ ތަމްރީނު ތަކެއް ވެސް ހައްދަވާފައެވެ.
އަށް ސަތޭކައެއްހާ ދަރިވަރުން ކިޔަވަމުންދާ ލ. އޭއީސީން ޢަމަލީ ތަޖުރިބާ ހޯދަން ރާއްޖެއިން ބޭރަށް ކުރި ދަތުރުގައި އެ ސްކޫލުގެ ހަތް ޓީޗަރުންގެ އިތުރުން ހަތަރު ބެލެނިވެރިއަކު ބައިވެރިވިއެވެ.
advertisment
ހިޔާލު