ތޮއްޑޫ ސްކޫލުގެ އެންވަޔަރަމަންޓް ކުލަބުން ރޯދަޔަށް ކިއުކަމްބާއާއި ކަރާ ހައްދަނީ

މަސައްކަތް ކުރަނީ 200 ކިލޯގެ ކަރާއާއި 30 ކިލޯގެ ކިއުކަމްބާ ބާޒާރަށް ނެރެން

އަންނަ ރޯދައަށް އަމާޒުކޮށް އއ. ތޮއްޑޫ ސްކޫލުގެ އެންވަޔަރަމަންޓް ކުލަބު (ގްރީންވޭވް)ގެ ދަރިވަރުން ކިއުކަމްބާއާއި ކަރާ ހައްދަން ފަށައިފިއެވެ.

ކަރާ ހައްދަން ތޮއްޑޫ މަޝްހޫރުވެފައި ވާއިރު، އެ ރަށު ސްކޫލުގެ ދަރިވަރުން ފުޅާ ދާއިރާއެއްގައި މި މަސައްކަތް ކުރާ މިއީ ފުރަތަމަ ފަހަރެވެ. ރޯދަޔަށް ޚާއްޞަކޮށްގެން ކިއުކަމްބާއާއި ކަރާ ހައްދަން ވަކި ސަރަޙައްދެއް އެ ސްކޫލުގެ ގޯތިތެރޭގައި ވަނީ ޚާއްޞަ ކޮށްފައެވެ.

މުޑުވަށް ކުރުމުން ފެށިގެން ގަސްތައް ބަލަހައްޓައި ފެންދިނުމުގައި ވެސް ހަރަކާތްތެރިވަމުން އަންނަނީ "ގްރީންވޭވް"ގެ ދަރިވަރުންނެވެ. އެ ދަރިވަރުންނަށް އިރުޝާދު ދެއްވުމުގައި އިސްކޮށް ހުންނެވީ ލީޑިންގ ޓީޗަރު ކަލީމް ސަރއެވެ. އަދި ޕްރިންސިޕަލާއި ސްކޫލުގެ ޓީޗަރުންނާއި ސަޕޯޓް ސްޓާފުންގެ އެހީތެރިކަން އެ ދަރިވަރުންނަށް ލިބެމުން ދެއެވެ. ޚާއްޞަކޮށް ސަޕޯޓް ސްޓާފް އާދަމްގެ އެހީތެރިކަން ލިބިފައިވެއެވެ.

ތޮއްޑޫ ސްކޫލުގެ ގޯތިތެރޭގައި ހެއްދި ކަރާވެލާއި ކިއުކަމްބާ ވެލުގައި ކިއުކަމްބާއާއި ކަރާ އަޅަން މިހާރު ވަނީ ފަށާފައެވެ.

ތޮއްޑޫ ސްކޫލުން ބުނީ، 200 ކިލޯ ކަރާއާއި 30 ކިލޯ ކިއުކަމްބާ ރޯދައަށް ނެރެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

އެ ސްކޫލުން ބުނީ، ދަނޑުވެރިކަމުގެ މަސައްކަތް އެ ސްކޫލުގައި ފެށީ، ޒަމާނުއްސުރެ އެ ރަށުގައި ކުރަމުން އަންނަ ދަނޑުވެރި މަސައްކަތަށް ދަރިވަރުން ލޯބި ޖެއްސެވުމާއި މަސައްކަތްތެރި ދަރިވަރުން ތަކެއް ނެރުމުގެ ބޭނުމުގައި ކަމަށެވެ.

ދަނޑުހެއްދުމުގެ ކުރިން އެކަމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ގްރީންވޭވްގެ ދަރިވަރުން ވަނީ އެކަމުގެ ތަޖުރިބާކާރުންގެ ކައިރިން ހޯދާފައެވެ.

" ގަސްތަކުގައި މޭވާ އަޅަން ފެށީމާ ދަރިވަރުންގެ ފަރާތުން ވެސް ފެންނަނީ އުފާވެރިކަން. އެ ދަރިވަރުން ކުރި މަސައްކަތް ކާމިޔާބު ވަމުންދާ ކަމުގެ ހިތްހަމަޖެހުން. އެ ކުދިން ތިބީ ވަރަށް އުފަލުން. ވަރަށް ބޮޑަށް ހިތްހަމަޖެހިފައި" ތޮއްޑޫ ސްކޫލުގެ ލީޑިންގ ޓީޗަރަކު ވިދާޅުވިއެވެ.

އެ ސްކޫލުން ބުނީ، ދަނޑުގެ މަސައްކަތް ފެށި ހިސާބުން އެ ސްކޫލުގެ ފައުންޑޭޝަން ކުދިންނާއި ކީ ސްޓޭޖް 1އަދި 2ގެ ދަރިވަރުން ވެސް ދަނޑު ތައްޔާރު ކުރުމާއި ގަސް ހެދި ބޮޑުވަމުންދާ ގޮތުގެ މައުލޫމާތު ފިލާވަޅާ ގުޅުވައިގެން އޮބްޒާވް ކުރަމުން ދިޔަ ކަމަށާއި، އެއީ ކުދިންގެ ކިޔެވުމަށާއި ފިލާވަޅުގައި ބުނާ އެއްޗެއް އަމަލީ ގޮތުން ތަޖުރިބާ ކުރަން ލިބުނު ފުރުޞަތެއް ކަމަށެވެ.

" ފައުންޑޭޝަންގެ ކުދިންނާއި ކީ ސްޓޭޖް އެކެއް އަދި ދޭއްގެ ދަރިވަރުންގެ ސައިންސް ފިލާވަޅާ ގުޅުވައިގެން ޕްލާންޓް ކިޔެވިއިރު، އޮބްޒަވޭޝަން ޗާޓް ފުރިހަމަ ކުރަން، އޮށް އިންދައި، ގަސް ފަޅާ ހެދޭ މުއްދަތު ރެކޯޑް ވެސް ކުރި"

ގަސްކާނާ ތައްޔާރު ކުރުން ފަދަ މުހިންމު މައުލޫމާތު އެ ދަރިވަރުންނަށް ކިޔައި ދިނީ ގްރީންވޭވްގެ ދަރިވަރުންނެވެ.

 

ކަރާ ހެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، ޒަމާން ތަކެއް ކުރިން ކަރާ ހެއްދި ގޮތަށް، ގަސްކާނާގެ ބަދަލުގައި އަޅި އަޅައިގެން ވެސް ގަސް އިންދިއެވެ. އެއީ އަޖުމަ ބެލުމުގެ ގޮތުން ކުރި ކަމެކެވެ.

" ދިހަ ވަޅުގައި ކަރާ އިންދީ، އޭގެ ތެރެއިން އެއް ވަޅުގައި ކަރާ އިންދީ ގަސް ކާނާގެ ބަދަލުގައި އަޅި އަޅައިގެން. ބޭނުމަކީ ތަފާތު ދެނެގަންނަން" ލީޑިންގ ޓީޗަރު ވިދާޅުވިއެވެ.

ތޮއްޑޫ ސްކޫލުގައި 400 އަށްވުރެ ގިނަ ދަރިވަރުން، ގުރޭޑް 12އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *