ރ، ދުވާފަރުގެ އިތުރުން ހުޅުދުއްފާރާއި ގއ. ވިލިނގިއްޔާއި ފުވައްމުލައް ސިޓީގައި ދަނާލު އަޅަނީ

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ދަނާލު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމައި، ދަނާލް އެޅުމުގެ މަޝްރޫޢު، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އިފްތިތާޙްކޮށް ދެއްވައިފިއެވެ.

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދަނާލު އަޅަން ނިންމާފައި ވަނީ ރ، ދުވާފަރުގެ އިތުރުން ހުޅުދުއްފާރާއި ގއ. ވިލިނގިއްޔާއި ފުވައްމުލައް ސިޓީގައެވެ. ދަނާލް އެޅުމުގެ މަޝްރޫޢު، އިފްތިތާޙް ކޮށްދެއްވީ، ދަނާލު އަޅަން ރ، ދުވާފަރުން ހަމަޖެއްސި ބިން ހަވާލު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހަޔަރަ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، އަތޮޅުތަކަށް މަތީ ތަޢުލީމު ފުޅާކޮށް، ރަށުން ބޭރުގައި ކިޔެވުމަށް ފަސޭހަކަމާއެކު ތިބެވޭނެ އިންތިޒާމު ފަހިކޮށްދިނުމަށްޓަކައި ދަނާލު އެޅުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި އިޢުލާނުކޮށް ތަންފީޒުކުރަން ފެށުމުގެ ގޮތުން 4 ރަށެއްގައި ދަނާލު ބިނާކުރުމުގެ ތަންފީޒީ ތާވަލު ވަނީ އެކުލަވާލައިފައިވާ ކަމަށެވެ. ރ.ދުވާފަރުގައި މި މަސައްކަތް މިއަހަރު ތެރޭގައި ކުރަން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށާއި، ކޮންސެޕްޓް ރިވިޔު ކުރަމުންދާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހަޔަރަ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ދަނާލު މަޝްރޫޢުގެ ސަބަބުން، އަމިއްލަ ރަށުން ލިބެން ނެތް، މަތީތަޢުލީމުގެ ފުރުޞަތުތައް ހޯދުމަށް، އެހެން ރަށްރަށަށް ދާން ބޭނުންވާ ދަރިވަރުންނަށް އެ ރަށްރަށަށް ގޮސް ޢާއިލާގެ މީހުންނާއެކު އަގުހެޔޮކޮށް ތިބެވޭނެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށެވެ. މިކަމުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް މަތީތަޢުލީމު ހާސިލުކުރުމަށް ރަށްރަށަށް ގޮސް ތިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބި، ލުއި ފަސޭހަ ކަމާއެކު އެކަށޭނަ މާހައުލެއްގައި ކިޔަވަން ތިބެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށާއި އަދި، އަގު ހެޔޮ، ފެންވަރު ރަނގަޅު އެކޮމަޑޭޝަންގެ ފުރުސަތު އެރަށްރަށުން ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރ ޑރ.މާރިޔާ ވަނީ ރ.އަލިފުށްޓަށް ވަޑައިގެން އެ ރަށުގައި ތަރައްޤީ ކުރަމުންދާ ޓިވެޓް ސެންޓަރު އޮޕަރޭޝަނަލައިޒް ކުރުމުގެ ތައްޔާރީތަކާ ގުޅޭގޮތުން އަލިފުށީ ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރައްވައި މިނިސްޓަރ ޑރ.މާރިޔާ ދެއްކެވި ވާހަކަފުޅުގައި، މި އިންސްޓިޓިއުޓުން ފެންވަރު ރަގަޅު ޓިވެޓް ކޯސްތަކެއް ހިންގޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، މި ޓިވެޓް ސެންޓަރު ވެގެންދާނީ މި ސަރަޙައްދުގެ ޒުވާން އާބާދީއަށާއި އިޤްތިޞާދަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމުގައި ފާހަގަ ކުރެއްވިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރ.އަލިފުށީގައި ގާއިމުކުރާ ޓެކްނިކަލް އިންސްޓިޓިއުޓުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ބިލްޑިންގގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑުބައެއް ނިމި އެކްސްޓީރިއާ އަދި އިންޓީރިއާ ފިނިޝިންގ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މި ޕްރޮޖެކްޓުގެ %80 ނިމި، އިންސްޓިޓިއުޓް ހިންގަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު، ކިޔަވައިދޭނެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް ކުރިއަށް އެބަދެއެވެ. މިގޮތުން، ވޯލްޑް ބޭންކްގެ "މީރީ" ޕްރޮޖެކްޓުގެ އެހީގައި، ސްޓޭޓް-އޮފް-ދި-އާރޓް އައި.ސީ.ޓީ ލެބް ފަދަ ލެބޯޓަރީތަކަށް ބޭނުންވާ އިކުއިޕްމެންޓް އަދި ފަރުނީޗަރު ހޯދުމުގެ ޕްރޮކިޔުމެންޓް މަސައްކަތްތަކުގެ ބައެއް ބިޑް ކުރެވި، އަނެއްބައި މަސައްކަތްތައް ވަނީ އެވޯޑްކުރެވިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *