ވިލާ ކޮލެޖްގެ މުވައްޒަފުން ރިސަރޗް ކުރުމަށް 500،000 ރުފިޔާގެ މާލީ އެހީ ދެނީ

ވިލާ ކޮލެޖުގެ މުވައްޒަފުން ރިސަރޗް ކުރުމަށް 500،000 ރުފިޔާގެ މާލީ އެހީތެރިކަން ފޮރުކޮށްދޭ ޕްރޮގްރާމެއް އެ ކޮލެޖުން ތަޢާރަފުކޮށް، އިފްތިތާޙް ކޮށްފިއެވެ. މި ގްރާންޓް އިފްތިތާހުކޮށްދެއްވީ ވިލާ ކޮލެޖުގެ ރިސާރޗް އެންޑް އިނޮވޭޝަން، ޑެޕިޔުޓީ ވައިސް ރެކްޓަރ ޑރ. މުހައްމަދު އާދިލް އެވެ.

ރިސާޗް ކުރަން ޝައުޤޫވެރިވާ އެ ކޮލެޖުގެ މުވައްޒަފުން އަންނަ އެޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށައަޅަން ޖެހެއެވެ.

މިއީ ވިލާ ކޮލެޖްގެ ފުލްޓައިމް މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުވާލި ފުރުސަތެކެވެ. ނަމަވެސް އެ މުވައްޒަފުންނާ ގުޅިގެން ޖޮއިންޓް އެޕްލިކޭޝަންތައް ހުށަހެޅުމަށް ވަރަށް ބޮޑަށް ހިތްވަރުދޭ ކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖުން ބުންޏެވެ.  ވިޒިޓިންގ ސްކޮލަރުންނާއި، ލޯކަލް އަދި އިންޓަރނޭޝަނަލް ޔުނިވަރސިޓީ/އިންސްޓިޓިއުޝަންތަކާއި، އިންޑަސްޓްރީ ޕާޓްނަރުންނާއި، ސިވިކް ސޮސައިޓީއާއި، އަދި އެހެނިހެން ފަރާތްތައް ހިމެނޭ ކޮލަބަރޭޓިވް ގްރާންޓް ޕްރޮޕޯސަލްސް ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ ކޮލެޖުން ބުނެއެވެ.

ޑެޕިޔުޓީ ވައިސް ރެކްޓަރ ޑރ. އާދިލް ވިދާޅުވީ، ރިސާރޗް ކުރުމަށް މާލީ އެހީތެރިކަން ދޭން ނިންމީ، ކިތަންމެ ކުޑަ ރިސަރޗެއް ކުރަން ވެސް ޚަރަދުތަކެއް ކުރަންޖެހޭ ކަމަށާއި، މާލީ އެހީގެ ސަބަބުން ރިސަރޗް ކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

ވިލާ ކޮލެޖުން ބުނީ، ރިސާޗް ގްރާންޓުގެ މަގުސަދަކީ ވިލާ ކޮލެޖުގެ ދިރާސާގެ ގާބިލްކަން އިތުރުކުރުމަށާއި ދުނިޔޭގެ ދެމެހެއްޓެނިވި ލަނޑުދަނޑިތަކާ އެއްގޮތަށް ހަގީގީ ދުނިޔޭގެ ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވެދޭ މަޝްރޫއުތަކަށް އެހީތެރިވުމެވެ.

ރިސާރޗް ގްރާންޓްއަށް އެދޭ ފަރާތްތަކުން އެމީހުންގެ ދިރާސާގެ މުހިންމުކަމާއި، އަމާޒުކޮށްފައިވާ އެސްޑީޖީތަކާއި ގުޅުންހުރި ކަންކަން ބަޔާންކޮށް ފުރިހަމަ ޕްރޮޕޯސަލް ހުށަހެޅުމަށް އެ ކޮލެޖުން ވަނީ އިލްތިމާސް ކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *