މާލެ ސަރަޙައްދުގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އަޙްމަދިއްޔާ އިންޓަރ ނޭޝަނަލް ސްކޫލުގެ 10 ބުރީގެ އާ އިމާރާތް މި އަހަރުގެ ފަހުކޮޅު ނިންމައި ބޭނުން ކުރަން ފަށާނެ ކަމަށް އެ ސްކޫލުން ބުނެފިއެވެ.
42 ވަނަ އަހަރީ ދުވަހު ބޭއްވި ޚާއްޞަ އެސަމްބްލީގައި ވާހަކަ ދައްކަވަމުން އެ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، އެ އިމާރާތް ބޭނުން ކުރަން ފެށުމުން ކިޔަވައިދިނުމުގައި އިހުނަށްވުރެ ބޮޑު ފަސޭހަތަކެއް، ޓީޗަރުންނަށާ، މެނޭޖުމަންޓަށް ލިބިގެންދާނެކަމާއި އެއީ ދަރިވަރުންނަށް ވެސް ލިބިގެންދާ، ވަރަށްބޮޑު ފަސޭހައެއްކަމަށެވެ.
ޕްރިންސިޕަލް ރަޝީދު ވިދާޅުވީ، ހުޅުމާލޭގާ ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ، އަހްމަދިއްޔާގެ އާ ޢިމާރާތުގެ ކޮންސެޕްޓު ޑްރޯވިން ނިމި، މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ފޮނުވާފައިވާ ކަމަށާއި، އެއީ، އަޙްމަދިއްޔާގެ އުޖާލާ މުސްތަގުބަލަށް ތަނަވަސްކަން ލިބި، ޚިދުމަތަށް އަލިކޮށްދޭނެ، އިތުރު ދަންމަރަކަށް ވެގެންދާނެ ކަމަށެވެ.

ރަޝީދު ވިދާޅުވީ، 10 ބުރީގެ އިމާރާތް ނިމުނު ކަމުގައިވިއަސް އަދިވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޕްރީ-ސްކޫލް ކުދިންނަށް އެކަށީގެންވާ ޖާގައެއް ނެތުން ކަމަށެވެ.
" މާލޭގައި އޮތް އެންމެ މަޝްހޫރު އެންމެ ކުދިންގިނަ ޕްރީ-ސްކޫލްގެ ގޮތުގައި ވޭތުވެދިޔަ ތަނުގައި އަޙްމަދިއްޔާ އޮތްކަމުގައި ވިޔަސް، ކްލާސްރޫމްތަކާ ގޯތި ތެރޭގެ މާހައުލާއި ޖާގަ އެފަދަ ތުއްތު ކުދިންނަށް އެކަށީގެންވާ ވަރަށް ނެތުމުގު ސަބަބުން، ޕްރީ-ސްކޫލް ހިންގުމުގައި ވަރަށްބޮޑެތި ދަތިތައް އަޙްމަދިއްޔާގައި އެބަހުރި" ރަޝީދު ވިދާޅުވިއެވެ.
" ޕްރީ-ސްކޫލް ކުދިންގެ ހައްޤުގައި މާލެ އިން ޕްރީ-ސްކޫލް ހިންގާނެ ބިންކޮޅެއް ލިބުމަކީ ވަރަށްގިނަ ބެލެނިވެރިންގެ އެދިވަޑައިގަތުމެއް" ޕްރީ ސްކޫލް ހިންގާނެ ބިމެއް ލިބޭތޯ މަސައްކަތް ކޮށްދެއްވުމަށް އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި މާލޭގެ މޭޔަރުގެ އާދަމް އާޒިމްއަށް އިޝާރާތް ކުރައްވައި ޕްރިންސިޕަލް ރަޝީދު ވިދާޅުވިއެވެ.
42 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ރަސްމިއްޔާތުގައި ވަނީ ޤައުމީ ދިދައާއި އެ ސްކޫލުގެ ދިދަ އަދި ހައުސްތަކުގެ ދިދަ ނަގާފައެވެ.

މި ރަސްމިއްޔާތުގައި، މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ " އަޅުގަނޑުމެން އެންމެންވެސް ބޭނުން ވާނީ، ތުއްތު ކުދިން މޮޅުވެގެން ބޮޑެތި މީހުންނަށް ވެގެންދާއިރުގައި އެކުދިންނަކީ އަޚްލާގު ރަނގަޅު ކުދިންތަކަކަށް ވެގެންދާން ކަމުގަ" އެވެ.
42 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ކުއިޒް މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުން ވެސް މި ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔައެވެ. ކުއިޒް މުބާރާތުން 1 ވަނަ ޙާޞިލްކުރީ 11 އޭގެ ދަރިވަރު މަރިޔަމް މިންހަތު މުޙައްމަދެވެ.
މި ރަސްމިއްުޔާތުގައި އަޙްމަދިއްޔާގެ 42 ވަނަ އަހަރީ ކޭކް ފަޅުއްވައި ދެއްވީ ޕްރިންސިޕަލް ރަަޝީދާއި މޭޔަރު އާޒިމެވެ.
advertisment
ހިޔާލު