ސްކޫލުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ އަންނަ ދިރާސީ އަހަރަށް ދަރިވަރުން ވައްދަން ހުޅުވާލެވެން ނެތްކަމަށް ހުޅުމާލޭގައި ހުންނަ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން ބުނެފިއެވެ.
ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް ހިންގާ ކޮލިޓެޓް އެޑިޔުކޭޝަންގެ މެނޭޖިންގ ޑިރެކްޓަރު، މޫސާ ރަޝީދު ވިދާޅުވީ ސްކޫލަށް ވަންނަން މިހާރުވެސް ގިނަ އަދަދެއްގެ ދަރިވަރުން ވެއިޓް ލިސްޓް ކޮށްފައިވާއިރު އެ ހުރިހާ ދަރިވަރުންނަށް ދޭނެ ޖާގަ ސްކޫލުގައި ނެތްކަމަށެވެ.
" އަހަރުގެ އެކި ދުވަސްތައް މަތިން ގިނަ އަދަދެއްގެ ކުދިން އެބަތިބި ވެއިޓް ލިސްޓްގައި. މިހާރުގެ ހާލަތަށް ބަލާއިރު އެ ހުރިހާ ކުދިންނަށްކަށްވެސް ނެތް ޖާގަ ދެވެން ނެތް. ވަރަށް މަދު ކުއްޖަކަށް ޖާގަ ދެވޭނީ. ޕްރި ނާސަރީ ،ނާސަރީ ފިޔަވައި އެހެން އެއްވެސް ގްރޭޑަކު ނެތް ޖާގައެއް. ޕްރި ނާސަރީ އަދި ނާސަރީގެ ޖާގަތަކަށްވެސް ގިނަ އަދަދެއްގެ ކުދިން ވެއިޓް ލިސްޓްގަ އެބަތިބި. ޖާގައެއް ހުސްވެޖެއްޔާ އެ ޖާގަ އެހެން ކުއްޖަކަށް ދެވޭނީ" 1100 އެއްހާ ދަރިވަރުން ތަޢްލީމް ހާސިލްކުރަމުންދާ ސްކޫލުގެ އެމްޑީ މޫސަ ވިދާޅުވިއެވެ.
" އެހެންވެ ޖާގަ ދަތިވީމަ މި އަންނަ އަހަރަށް ހުޅުވާނުލަން މި ނިންމީ. މިއީ ދަތި ނިންމުމެއް އެހެނަސް އިތުރު ގޮތެއް މިވަގުތައް ނެތީ"

މޫސަ ވިދާޅުވީ އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރަން އިތުރު އިމާރާތެއް އެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އާ އިމާރާތުގެ ކޮންސެޕްޓް ޑިޒައިނަށް އެޗްޑީސީގެ ހުއްދަ ނިމުނު ހަފްތާގައި ލިބިފައިވާކަން މޫސަ ފާހަގަ ކުރެއްވިއެވެ. އަދި ހޯދަން ޖެހޭ އެހެން ހުއްދަތައް ހޯއްދެވުމަށްފަހު ލަސްނުކޮށް އަމަލީ މަސައްކަތް ފަށޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލަކީ ރާއްޖޭގައި ހަމަ އެކަނި ސިންގަޕޫރު ކަރިކިޔުލަމަށް ކިޔަވައިދޭ ސްކޫލެވެ. އަދި މި ސްކޫލަކީ ސިންގަޕޫރުގެ އެގްޒަމިނޭޝަންސް އެންޑް އެސެސްމަންޓް ބޯޑްގައި ރަޖިސްޓަރީ ކުރެވި އެކްރިޓެޑް ކުރެވިފައިވާ ސެންޓަރެކެވެ. ސިންގަޕޫރުގެ އައިޕީއެސްއެލްއީ ( އިންޓަރނޭޝަނަލް ޕްރައިމަރީ ސްކޫލް ލީވާސް އެގްޒަމިނޭޝަން) ންއާއި ކެމްބްރިޖް އޯލެވެލް އިމްތިހާނުން އެ ސްކޫލްގެ ދަރިވަރުން ދަނީ ކޮންމެ އަހަރަކުވެސް މަތީ ނަތީޖާއެއް ހޯދަމުންނެވެ.
advertisment
ހިޔާލު