ރާއްޖެއިން ބޭރުން އިމާމުން ތަމްރީނު ކުރުމުގެ ފުރަތަމަ ބުރު މައްކާގައި

މި މަހުގެ ސޯޅަ ވަނަ ދުވަހު 20 އިމާމުންނާއި ޚަތީބުން މައްކާއަށްދާނެ

އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ފުރާ ފުރަތަމަ ބުރުގައި 20 ބައިވެރިއަކު ބައިވެރިވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ، ފުރަތަމަ ބުރުގައި ތަމްރީނު ކުރާ 20 ބައިވެރިން އަންނަ ހުކުރު ދުވަހު މައްކާއަށް ފުރާނެ ކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ފޮނުއްވި މެސެޖްގައި ވިދާޅުވީ، އިމާމުންނާއި ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ދެވަނަ ބުރެއް އަންނަ ޝައްވާލު މަހުގެ ތެރޭގައި މައްކާގައި ކުރިއަށް ގެންދާނެ ކަމަށެވެ. އެ ބުރުގައި ބައިވެރިވާ އިމާމުންނާއި ޚަޠީބުންގެ އަދަދު އިތުރުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ، އިމާމުންނާއި ޚަޠީބުން، ސައުދީގެ އިތުރުން މިޞްރު، މެލޭޝިޔާ، ބުރޫނާއި. އިންޑޮނޭޝިޔާގައި ވެސް ތަޖުރިބާއާއި ތަމްރީނު ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.

އިމާމުން ތަމްރީނު ކުރުމުގެ ޤައުމީ މަޝްރޫއުގެ ދަށުން ފުރަތަމަ ބުރުގައި ތަމްރީނު ކުރާ 77 އިމާމުންނަށް ތަމްރީނު ދިނުމުގެ މަސައްކަތް ގއ. ގެމަނަފުށީގައި މިހާރު ކުރިއަށް އެބަގެންދެއެވެ.

ޑރ. ޝަހީމް ވިދާޅުވީ، އިމާމުންނަށް އަމާޒުކޮށްގެން މަތީ ތަޢުލީމުގެ ފުރުޞަތަށް ވެސް ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *