މި އަހަރު ނިމުގެ ކުރިން ގުރޭޑް 10ން 12އާ ދެމެދުގެ ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިއީ އެޑިޔުކޭޝަން މިނިސްޓްރީއާއި ހެލްތް މިނިސްޓްރީގެ އިތުރުން މޯލްޑިވިއަން ބްލަޑް ސާވިސަށްއާ ގުޅިގެން ގެންދާ ޕްރޮގްރާމެކެވެ.
މި ޕޮރޮގްރާމް އިފްތިތާޙުކޮށް ދެއްވީ ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢާއިޝަތު ސަފޫރާއެވެ.

މި ޕްރޮގްރާމުގައި ފުރަތަމަ ސްކްރީން ކުރީ އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނެވެ. އެ ސްކޫލުގެ ގުރޭޑް 10ން 12ގެ ދަރިވަރުން މިހާރު ވަނީ ސްކްރީން ކޮށްފައެވެ.
ސްޓޭޓް މިނިސްޓަރު ސަފޫރާ، ދަރިވަރު ނޫހަށް ވިދާޅުވީ، މާލޭގެ ސްކޫލްތަކުގެ ގުރޭޑް 10ގައި ކިޔަވަމުންދާ ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ދިހައެއްގެ ދަރިވަރުންގެ އިތުރުން ގުރޭޑް 11 އަދި 12ގައި ކިޔަވަމުންދާ ދަރިވަރުން ސްކްރީންކޮށް ނިންމާލުމަކީ އެއީ އަމާޒެއް ކމަށެވެ.
އޭނާ ވިދާޅުވީ މާލޭގައި މިހާރު ކުރިއަށްދާ ސްކްރީނިންގ މަރުހަލާ ނިމުމާއެކު އަތޮޅުތެރޭގައި ވެސް ކުރިއަށްދާނެ ކަމަށެވެ.
" އަޅުގަނޑުމެންގެ ޓާގެޓަކީ މި އަހަރު ނިމުމުގެ ކުރިން 10ން މަތީގެ ދަރިވަރުން ސްކްރީންކޮށް ނިންމާލުން" ސަފޫރާ ވިދާޅުވިއެވެ.
ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި، ތެލެސީމިއާއާ ގުޅިގެން ލޭއަޅާ ކުދިން އުފަންވާ ރޭޓް 50 އިންސައްތައަށް މަދުކުރުމުގެ ގޮތުން ތެލެސީމިއާއަށް ސްކްރީން ކުރުމުގެ ޤައުމީ ކެމްޕޭނެއް ސަރުކާރުން ވަނީ ފަށާފައެވެ.
advertisment
ހިޔާލު