101 ވަނަ "ފުރާވަރު ކޭމްޕު" ޞަލާޙުއްދީން ސްކޫލުގައި

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ ފުރާވަރު ކޭމްޕުގެ 101 ވަނަ ކޭންޕު ހުޅުމާލެ، ފޭސް 2ގައި ހުންނަ ޞަލާޙުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ.

ޞަލާޙުއްދީން ސްކޫލްގެ 136 ދަރިވަރުންނާއެކު މި މަހު 8 އިން 10 އަށް ކުރިއަށް ގެންދިޔަ ފުރާވަރު ކޭންޕުގައި އެކި ދާއިރާތަކުން މައުލޫމާތު ދިނުމުގެ ކްލާސްތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންވަނީ، މި ކޭންޕުގެ ބައިވެރިންނަށް "ޤައުމިއްޔަތު" އުނގަންނަވައިދެއްވުމަށް، ޚާއްސަ ސެޝަނެއް ވެސް ނަންގަވައިދެއްވާފައެވެ.

މި ކޭންޕު ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ޞަލާޙުއްދީން ސްކޫލުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

2023 އޮގަސްޓު 6ވީ އާދީއްތަ ދުވަހު ކިޔަވައިދޭން ފެށި ޞަލާޙުއްދީން ސްކޫލަށް މިހާތަނަށް އެންމެ 189ދުވަސް ވެފައިވާއިރު، މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދަރިވަރުންނަށް އަމާޒުކޮށްގެން އެހާ ފުރިހަމައަށް މި ކޭންޕުގެ އެންމެހައި ކަންކަން ރާވާ އިންޒިތާމުކުރުމުގައި ދިވެހި ފުލުހުންގެ ފަރާތުން ލިބުނު އެހީތެރިކަން  ފާހަގަކުރައްވައި، އެ ފަރާތްތަކަށް ސްކޫލުގެ ޕްރިންސިޕަލް، ނާޞިޙާ އިދުރީސް ޝުކުރު ދެންނެވިއެވެ.  މީގެ އިތުރުން ދަރިވަރުންނަށް ހެޔޮ ތަރުބިއްޔަތެއް ދިނުމަށް ސްކޫލުން ހިންގާ ހަރަކާތްތަކުގައި ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަމުގެ ނަތީޖާ ފޮނިވާނެކަމަށް އުންމީދު ކުރައްވާކަމުގައި ވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ފުރާވަރު ކޭންޕު ކުރިއަށް ގެންދިއުމުގައި އެހެނިހެން ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ދިވެހި ފުލުހުންވަނީ ހަނދާނީ ފިލާ އަރުވާފައެވެ. މިގޮތުން ހަނދާނީ ފިލާ އެރުވި ފަރާތްތަކުގެ ތެރޭގައި ، ޞަލާޙުއްދީން ސްކޫލު، މާލެ ސިޓީ ކައުންސިލް، ހުޅުމާލެ ހޮސްޕިޓަލް، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް އަދި ހެޕީ މާކެޓް ޓްރޭޑިން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ. ހަމަމިއާއެކު، ދިވެހި ފުލުހުން ކޮށްދެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުން ޞަލާޙުއްދީން ސްކޫލުން ވެސް، ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހަނދާނީ ފިލާއެއް އަރުވާފައެވެ.

ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި ފުރާވަރު ކޭންޕު ފުރިހަމަކުރި 136 ދަރިވަރުންނަށް މަރުޙަބާ ދަންނަވައި، ދަރިވަރުންގެ އާންމު ދިރިއުޅުމުގެ އާދަތަކާ ޚިލާފަށް ކުރިއަށް ގެންދާ މިފަދަ "ރެސްޓްރިކްޓެޑް" މާޙައުލެއްގައި ދެތިންދުވަސް ހޭދަކޮށްލުމަކީ، އެކުއްޖަކަށް ލިބޭ ކާމިޔާބީއެއްކަމަށް ވިދާޅުވިއެވެ. އަދި އޯލެވެލް ޓޮޕް 10 ގެ ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންގެ އަދަދު ގިނަވުމަކީ ޤައުމަށް ބޭނުންތެރިކަމެއް ނަމަވެސް، އެއާއެކު ދިރިއުޅުމުގެ ހުނަރުތައް ދަރިވަރުންގެ ކިބައިގައި ހުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

މިފަދަ ކޭންޕުތަކުން ދަރިވަރުންގެ އުމުރުދުވަހަށް ބޭނުންތެރި ފިލާވަޅުތައް ލިބިގެންދާނެ ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *