އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަޤާމަށް މުބާރިޤް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ މަޤާމަށް އެ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުގެ ޑީން އަބްދުއް ރަޙުމާނު މުބާރިޤް މިއަދު އައްޔަން ކުރައްވައިފިއެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރު، މަޤާމަށް މުބާރިޤް އައްޔަން ކުރެއްވީ ކުރިން އެ މަޤާމުގައި ހުންނެވި ހުސައިން ޙަލީމުގެ މަޤާމުގެ މުއްދަތު ހަމަވުމުންނެވެ.

މަޤާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، މުބާރިޤް ވިދާޅުވީ، މުވައްޒަފުންގެ ދުޅަހެޔޮކަމާއި އުފާވެރިކަމަށް މަސައްކަތް ކުރައްވާނެ ކަމަށާއި މުވައްޒަފުންނާ ގުޅުން ހުރި ހުރިހާ ކަމެއް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ވިދާޅުވީ، ޔުނިވަރސިޓީއަށް ލިބޭ އާމްދަނީ އިތުރު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ފައިސާ މެނޭޖް ކުރުމުގައި މިހާރު އަމަލު ކުރަމުންދާ އުޞޫލުތަކަށް ބަދަލުތަކެއް ގެނެސް ޒަމާނީ ނިޒާމަކަށް ބަދަލު ކުރައްވާނެ ކަމަށް ވެސް މުބާރިޤް ވިދާޅުވިއެވެ.

" އާމްދަނީ އިތުރު ކުރެވޭނެ ދާއިރާތައް އެބަހުރި. އާމްދަނީ އިތުރުވުމުން، ޔުނިވަރސިޓީން ކުރަން ބޭނުންވާ ކަންތައްތަކަށް މަގުފަހިވެގެން ދާނީ ވެސް" މުބާރިޤް ވިދާޅުވިއެވެ.

ޔުނިވަރސިޓީ އޮފް ވޭލްސްގައި މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ މުބާރިޤް ޤައުމީ ޔުނިވަރސިޓީއާ ގުޅިވަޑައިގެންނެވީ 2003ވަނަ އަހަރުއެވެ. 2008 ވަނަ އަހާރާ ހަމައަށް އެސިސްޓެންޓް ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، 2012ން 2015ށް މަސައްކަތް ކުރެއްވީ އެސޯސިއޭޓް ލެކްޗަރަރއެއްގެ ގޮތުގައެވެ. 2015ން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. 2016އިން 2018 ވަނަ އަހަރު ބިޒްނަސް ސްކޫލުގެ އެކްޓިން ޑީން ކަމުގެ މަޤާމް މުބާރިޤް އަދާކުރެއްވިއެވެ. ބިޒްނަސް ސްކޫލުގެ ޑީން ކަމުގެ މަޤާމް އަދާކުރައްވަމުން ގެންދެވީ 2018 ވަނަ އަހަރުން ފެށިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *