މާސްޓަރސްއަށް ހިލޭ ކިޔަވަން ޗައިނާއިންދޭ 200 ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ.
މިއީ " ޔޫތް އޮފް އެކްސަލެންސް ސްކީމް އޮފް ޗައިނާ ޕްރޮގްރާމް" ގެ ދަށުން ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން ހިންގާ ޕްރޮގްރާމެކެވެ. މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ހަމަޖައްސައި ދެނީ ވެސް އެ ކައުންސިލުންނެވެ.
އެ ސްކޮލާޝިޕްތަކަށް ކުރިމަތި ލެވެނީ ޑިގްރީ ނިންމައި، އުމުރުން 45 އަހަރު ނުވާ މީހުންނަށެވެ.
މި ސްކޮލަރޝިޕްތަކަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަންނަ އެޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ.
200 ސްކޮލަރޝިޕްގެ ތެރޭގައި އިންޖިނިއަރިންގ، ސިއްހަތާއި ފައިނޭންސްއާއި ލޯ އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންއާއި ޕަބްލިކް ރިލޭޝަންސްއާއި ދަނޑުވެރިކަމާ ގުޅޭ ކޯސްތައް ހިމެނެއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މި ކޯސްތަކަށް ހޮވޭ ދަރިވަރުން ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލު ކުރާ އިންސްޓިޓިއުޓެއްތޯ ޔަގީން ކުރުމަށެވެ. އަދި ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށެވެ.
advertisment
ހިޔާލު