މެއި 26 ގައި ފަށާ ދިރާސީ އަހަރުގައި، ގުރޭޑް 1އަށް ވައްދާނީ 31 ޑިސެމްބަރަށް 6 އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިން

ދިރާސީ އާ އަހަރު، އަންނަ މެއި މަހުގެ 26 ވަނަ ދުވަހު ފަށާއިރު، ގުރޭޑް 1އަށް ވައްދާނީ ނިމުނު އަހަރުގެ ޑިސެމްބަރު މަހުގެ 31އަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ސަރކިއުލާއެއް އެ މިނިސްޓްރީން އިއްޔެ ވަނީ ނެރެފައެވެ.

ސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާތައް ބަލާނެ ގޮތް:

ބޭބީ ނާސަރީ- 2023 ޑިސެމްބަރު 31އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން.

ނާސަރީ – 2023  ޑިސެމްބަރު 31އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން.

އެލްޖޭޖީ- 2023 ޑިސެމްބަރު 31އަސް 4 އހަރު ފުރި 5 އަހަރު ނުފުރުން.

ޔޫކޭޖީ – 2023 ޑިސެމްބަރު 31އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން.

ގުރޭޑް 1 – 2023 ޑިސެމްބަރު 31އަށް 6 އަހަރު ފުރި ހަތް އަހަރު ނުފުރުން.

2023- 2024 ދިރާސީ އަހަރު ޖޫކޭޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ވަނަ އަހަރު ( 26މެއި 2024 ގައި ފަށާ) ގުރޭޑް 1އަށް ބަދަލުކުރެވޭނެ.

އެ ސަރކިއުލާގައި ބުނެފައިވާ ގޮތުގައި، އެއްވެސް ކުއްޖަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގުރޭޑުން އަނެއް ގުރޭޑަށް ބަދަލު ނުކުރެވޭނެއެވެ. އެލްކޭޖީއަށް ދަރިވަރުން ވެއްދުމުގައި 4 އަހަރު ފުރިހަމަވެފައި ވޭތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ދަރިވަރުން ވެއްދުމަށް އުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ދުވަހަށް 4 އަހަރު ފުރިހަމަ ވުމުންނެވެ.

އަދި ބުނެފައި ވަނީ، ދިރާސީ އަހަރު ފެށޭ ފަހުން 4 އަހަރު ވެފައިވާ ދަރިވަރުން، ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެލްކޭޖީއަކަށް ނުވައްދާނެ ކަމަށެވެ.

" އެލްކޭޖީއަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެމްބަރު 31އަށް އުމުރުން ހަތަރު އަހަރު ފުރިފައިވާ ކުދިން ކަމުގައި ކަނޑައަޅާފައިވި ނަމަވެސް ހިނގާ އަހަރުގެ 31 މާރޗްގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލްކޭޖީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖަކަށް ދެވިދާނެ" ތަޢުލީމީ ވުޒާރާގެ އެ ސާކިއުލާގައި ބުނެފައިވެއެވެ.

ތަޢުލީމީ ވުޒާރާއިން ބުނީ، އެ ވުޒާރާއިން ޢަމަލުކުރަމުންދާ އާންމު އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން އެއްވެސް ދަރިވަރަކު ހުރި ގުރޭޑެއްގައި ރިޕީޓް ނުކުރާނެ ކަމަށެވެ. ނަމަވެސް، ޚާއްޞަ ހާލަތެއް ނުވަތަ މަޤުބޫލު އުޒުރެއް އޮތުމުން މިހާރު ކިޔަވަމުންދާ ގުރޭޑްގައި ރިޕީޓް ކުރުމަށް ބެލެނިވެރިޔާ އެދިއްޖެ ހާލަތެއްގައި އެކަން ސްކޫލް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހެޅިދާނެ ކަމަށެވެ. އެ ފަދަ ހާލަތެއްގައި ވެސް ދަރިވަރަކު ރިޕީޓް ކުރެވޭނީ ހުށައެޅިފައިވާ ލިޔުންތަކަށް ރިއާޔަތްކޮށް އެ ވުޒާރާއިން، ލިޔުމުން ހުއްދަ ލިބުމުން ކަމަށް ވެސް އެ ސަރކިއުލާގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *