ހިތަދޫ ސްކޫލުގެ "ޤައުމިއްޔަތު" ލަވައަށް އެންމެންގެ ތަޢުރީފު

ފާއިތުވި އާދީއްތަ ދުވަހަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްކޫލްތަކުގައި" ދިވެހި ޤައުމިއްޔަތު" މާއްދާ ކިޔަވައިދޭން ފެށި ދުވަހެވެ. 11 ސްކޫލެއްގައި އެ ދުވަހު ޕައިލެޓް ކުރި އެ މާއްދާ ކިޔަވައިދޭން ފެށީ އެ ސްކޫލު ތަކުގެ ގުރޭޑް 4ގެ ދަރިވަރުންނަށެވެ. ޤައުމިއްޔަތު މާއްދާ ކިޔަވައިދޭން ފެށުން އެ ސްކޫލްތަކުގައި ކުލަގަދަކޮށް ފާހަގަ ވެސް ކުރިއެވެ.

އައްޑޫ ސިޓީ ހިތަދޫ ސްކޫލުން ވެސް އެކަން ފާހަގަކުރަން ޚާއްޞަ އެސަމްބްލީއެއް ބޭއްވިއެވެ. ޤައުމިއްޔަތާ ގުޅުން ހުރި، އެ މުނާޞަބަތަށް ޚާއްޞަ ލަވައެއް އެ އެސަމްބްލީގައި ހުށަހަޅައިދިނެވެ. ރަތް ކުލައިގެ ލިބާސް ލައިގެން ތިބި ދަރިވަރުންގެ ނެށުމުގެ ހަރަކާތްތަކާއެކު ގެނެސްދިން އެލަވައަށް އެތައް ބައެއްގެ ޝުކުރާއި ތަޢުރީފު ލިބުނެވެ. ހިތަދޫ ސްކޫލުގެ ފޭސްބުކު ޕޭޖުން މި ލަވަ، މިހާތަނަށް 96 ހާހަށްވުރެ ގިނަ މީހުން ބަލައިފިއެވެ. އަދި ހާހެންހާ މީހުން އެ ލަވައަށް ތައުރީފުކޮށްފައި ކޮމެންޓް ކޮށްފައިވެއެވެ.


ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ ވިދާޅުވީ، މުނާސަބުތައް ފާހަގަ ކުރަން، ޚާއްޞަ ލަވަތަކެއް މީގެ ކުރިން ވެސް އެ ސްކޫލުން ގެނެސްދީފައިވާ ކަމަށާއި، މި ފަހަރުގެ ލަވައަކީ ވެސް ސްކޫލުގެ ދަރިވަރުންގެ އިތުރުން އާންމު ރައްޔިތުންނަށް މެސެޖްތަކެއް ދިނުމަށް ކުރި މުހިންމު މަސައްކަތެއް ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ލަވަ ކަމުދާނެ ކަމުގެ ޔަޤީންކަން އޮތް ނަމަވެސް އެހާ ގިނަ ބައެއްގެ ސަމާލުކަން ލިބޭނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށެވެ.

" ވަރަށް އުފާވި ލަވައަށް ގިނަ ބައެއްގެ ތަރުޙީބު ލިބުނީމާ" ޑރ. އާސިޔަތު ވިދާޅުވިއެވެ.

އާސިޔަތު ވިދާޅުވީ، އެއީ ކުޑަ ޚަރަދަކުން ކުރި މުހިންމު މަސައްކަތެއް ކަމަށާއި، ލަވައިގެ ހުރިހާ މަސައްކަތަކީ ވެސް އެ ސްކޫލާ ގުޅުން ހުރި ފަރާތްތަކެއްގެ މަސައްކަތް ކަމަށެވެ.

ލަވައިގެ ޅެން ހެއްދެވީ އެ ސްކޫލުގެ ލީޑިންގ ޓީޗަރު، އާތިފާ ސަޢީދެވެ. ލަވަ ކިޔާދިނީ އެ ރަށުގެ ޒުވާނެއް ކަމަށްވާ ހަސަން ސިނާނެވެ. ލަވައިގެ ވީޑިއޯ ނަގައިދިނީ އެ ސްކޫލުގެ ކުރީގެ ދަރިވަރު، ހަސަން ރާއިޒު ރިޔާޒެވެ. ޑަރިރެކްޝަން ހެއްދެވީ އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަޒުފާ ސަޢީދާއި ޓީޗަރުން ކަމަށްވާ ހައްވަ މިސްއާއި ނާޒިރާ މިސްގެ އިތުރުން ޝަޒޫ މިސްއެވެ.

ޑރ. އާސިޔަތު ވިދާޅުވީ އެ ލަވައިގެ ވީޑިއޯއަކީ އެންމެ ދުވަހެއްގެ މަސައްކަތެއް ކަމަށެވެ.

ލަވައިގެ ޅެންހެއްދެވި އާތިފާ މިސްގެ ހުނަރަށް ވެސް ޑރ. އާސިޔަތު ތަޢުރީފު ވެސް ކުރެއްވިއެވެ.

" އާތިފާއަކީ ހުނަރުވެރި ޓީޗަރެއް، މީގެ ކުރިން، އިނާމް ދިނުމުގެ ޖަލްސާއަށް ވެސް ވަރަށް ރީތި ލަވައެއް ހައްދަވައިދެއްވި. އަޅުގަނޑުމެން ބޭނުން ވަނީ ޓީޗަރުންނާއި ދަރިވަރުންގެ އެ ހުނަރު ތަރައްޤީ ކުރުމުގެ ފުރުޞަތު ތަފާތު ޕްލެޓްފޯމް ތަކުން ހޯދައިދޭން" ޑރ. އާސިޔަތު ވިދާޅުވިއެވެ.

އާތިފާ ހެއްދެވި ލަވައިގައި ސާފުސިދާ ބަހުން އެންމެންނަށް ބުނެދީފައި ވަނީ ދިވެހި ވަންތަ ދަރިއެކޭ ބުނަން ފަޚުރިވެރިވާކަމެވެ. އެ ލަވަ ފަށަމުން، ބުނެފައި ވަނީ:

" ކާކުހޭ އަހާލުމުން ކެރޭ މަށަށް ބުނަން.

ބާރުލާފައި ވަންތަ ދިވެހި ދަރިއެކޭ ބުނަން"

ދަރިވަރު ނޫހަށް އާތިފާ ވިދާޅުވި ގޮތުގައި އެ ލަވައަކީ ކޮވީޑްގެ ތެރޭގައި ހެއްދެވި ލަވައެއް ކަމަށާއި، ޤައުމިއްޔަތު މާއްދާ ތަޢާރަފު ކުރުމުގެ ރަސްމިއްޔާތަށް އެ ލަވަ ގެނެސް ދިނީ ރާގާއި ޅެމަށް ވެސް އިތުރު ފުރިހަމަކަމެއް ގެނައުމަށްފަހުއެވެ.

އޭނާ ވިދާޅުވީ، އެ ލަވައަށް ދަރިވަރުން ވަރަށް ބޮޑަށް ތައްޔާރުވި ކަމަށާއި، ލަވައިގައި ބުނާ އިޙްސާސް ދަރިވަރުންގެ ފަރާތުން ފެނިގެން ދިއުމަކީ ވެސް އެ ލަވަ ގިނަ ބަޔަކަށް ކަމުދިޔަ އެއް ސަބަބު ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *