ރާއްޖޭގައި އަލަށް ފަށާ، މާސްޓަރސް އޮފް ސައިންސް އިން ކްލިނިކަލް ސައިކޮލޮޖީ ކޯސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ފަށަން ތައްޔާރުވެއްޖެއެވެ.
އެ ޔުނިވަރސިޓީން ވަނީ އެ ކޯހަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު މިއަދު ހުޅުވާލާފައެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހު ފަށާ އެ ކޯހަށް، ފެބުރުވަރީ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށައަޅަން ޖެހޭނެ ކަމަށެވެ. އެޕްލައިކުރާ ދަރިވަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ބެޗްލަރ އޮފް ސައިކޮލިޖީ ކޯހެއް ނިންމާފައިވުމާއި، ދަރިވަރުގެ ސީޖީޕީއޭ ދަށްވެގެން 2 އަށްވުރެ މަތިވާން ޖެހެއެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ލެކްޗަރަރ މަރިޔަމް އިފްޝަން އަޙްމަދު ވިދާޅުވީ، ސައިކޮލޮޖީ ދާއިރާއިން މާސްޓަރސް ޑިގްރީގެ ފުރަތަމަ ކޯސް ފެށީ، ނަފްސާނީ ދާއިރާގައި މަސައްކަތްކުރާ މީހުން ރާއްޖޭގައި އިތުރު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ ޔުނިވަރސިޓީން އެކަނި ވެސް ސައިކޮލޮޖީގެ ދާއިރާއިން ބެޗްލަރސް ކޯސް ނިންމާފައިވާ 170އަށްވުރެ ގިނަ ދަރިވަރުން އެބަތިބި ކަމަށާއި، އެ ދަރިވަރުން ކުރިއަށް ދިއުމަށް މިއީ މުހިންމު ކޯހެއް ކަމަށެވެ.
ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިން ފަރުމާ ކޮށްފައިވާ މާސްޓަރސް އޮފް ސައިންސް އިން ކްލިނިކަލް ސައިކޮލޮޖީ ކޯހުގައި، ނަފްސާނީ ބަލިތަކަކީ ކޮބައިކަމާއި އެ ބަލިތަކަށް ދެވޭނެ ފަރުވާތައް ކިޔަވައިދޭނެއެވެ.
އެމްއެންޔޫއިން ބުނީ، ކުރުމުއްދަތެއްގެ ތެރޭގައި ފަށަން އިއުލާން ކުރި އެ ކޯހަށް، 15 ދަރިވަރުން ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
އިފްޝަން ވިދާޅުވީ، ސައިކޮލޮޖީ ދާއިރާގެ އެންމެ ބޮޑު ލެބްހުރީ އެ ޔުނިވަރސިޓީގައި ކަމަށާއި، މާސްޓަރ ކޯސް ފެށުމުގެ ކުރިން އެ ލެބަށް އިތުރު އިކްއިޕްމަންޓް ގެނެސްފައިވާ ކަމަށެވެ.
advertisment
ހިޔާލު