ރ. ފައިނު ސްކޫލުގެ ގުރޭޑް 6ގައި ކިޔަވަމުންދާ 11 އަހަރުގެ ޔޫނުސް މުޙައްމަދު ޤުރުއާން ހިތުދަސްކޮށް، އެރަށް ބޮޑު ޝަރަފެއް ހޯދައިދީފިއެވެ. ޔޫނުސްއަކީ ފައިނުގެ ފުރަތަމަ ހާފިޒެވެ. އެ އަތޮޅުގެ ދެވަނަ ގާފިޒެވެ.
މިދިޔަ އާދީއްތަ ދުވަހު ރަށަށް ދިއުމުން ފައިނުގެ ހުރިހާ ރައްޔިތުން ޔޫނުސްއަށް ރަތްދޫލައިގެ މަރުޙަބާއެއް ވަނީ ކިޔާފައެވެ. އެކަން ފާހަގަ ކުރުމުގެ ގޮތުން ފައިނު ސްކޫލުން ވެސް ޚާއްޞަ އެސަމްބްލީއެއް ބޭއްވިއެވެ.

ޔޫނުސް ބުނީ، އެލްކޭޖީގައި އުޅުނު ދުވަސްވަރުން ފެށިގެން ޤުރުއާން ކުޔެވުމަށް ޝައުޤު ހުންނަ ކަމަށާއި ޤުރުއާން ހިތުދަސް ކުރަން ފެށީ އުމުރުން 10 އަހަރުގައި ކަމަށެވެ.
ޔޫނުސް ބުނީ، ޤުރުއާން ހިތުދަސްކުރީ މަންމައާއި ބައްޕަގެ އެހީތެރިކަމާއެކު، ކުރިއަށް އޮންނަ ދުވަހު ދަސްކުރަން ޖެހޭ ބައިގެ ކޮންމެ އާޔަތެއް ވަކިން ދިހަ ފަހަރު ނުވަތަ ވިހި ފަހަރު ބަލައިގެން ކިޔައިގެންނެވެ. އަދި މި ގޮތަށް ބަލައިގެން ކޮންމެ އާޔަތެއް ކިޔާއިރު، ކޮންމެ އާޔަތެއް ދިހައެއް ނޫނީ ވިހި ފަހަރު ކިޔައި ނިމުމުން، އޭގެ ކުރިން އެ ސަފްޙާގައި ދަސްކުރި އާޔަތްތައް އެއްކޮޅުން އަނެއް ކޮޅަށް ތިން ފަހަރު ކިޔައި ގުޅުވާ ކަމަށެވެ.
" ކޮންމެ ރެއަކުވެސް ދިހައެއް ޖެހުމުގެ ކުރިން ނިދައި، ފަތިސް ނަމާދަށް ހޭލައިގެން ސްކޫލަށް ދިއުމާ ދޭތެރޭ އެ ލިބޭ ވަގުތުގައި، ނިދުމުގެ ކުރިން ފަރިތަ ކުރި ބައި ދިހަ ފަހަރު މަންމައާއި ބައްޕައަށް ކިޔައިދެން" ޔޫނުސް ދަސްކުރި ގޮތް ކިޔައިދިނެވެ.
ޔޫނުސް ބުނީ، ހިތުދަސްކުރީ ދޮޅު އަހަރު ދުވަހުން ކަމަށާއި މުރާޖައާ ކުރީ ތިން މަސް ދުވަހުން ކަމަށެވެ.
ހާފިޒު ކަމުގެ އިމްތިޙާނުގައި ބައިވެރިވީ ހުސްވި އަހަރުގެ ޑިސެމްބަރު 16ގައެވެ. ނިންމާލީ މިމަހު 16ގައެވެ.
advertisment
ހިޔާލު