ގުރޭޑް 10ގެ ދަރިވަރުންގެ މޮކް އެގްޒާމްއާ ދިމާވާތީ 36 ވަނަ ޤައުމީ ޤުރުއާން މުބާރާތް ފަސްކޮށްފިއެވެ. ފަސްކުރީ އެ ދަރިވަރުންނަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.
މި މުބާރާތް ބާއްވަން އިއުލާން ކޮށްފައި ވަނީ އަންނަ ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިއަދު ނެރުނު އިޢުލާނުގައި ބުނެފައި ވަނީ، ޤުރުއާން މުބާރާތް ބާއްވާނެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވާ ކަމަށާއި، ބާއްވާނެ ތާރީޚެއް އިއުލާން ކުރާނެ ކަމަށެވެ.
އެ މަރުކަޒުން ބުނީ، ޤުރުއާން މުބާރާތް ފަސްކުރަން ނިންމުމުން، އިތުރު މުއައްސަސާތަކާއި ބައިވެރިވާން އެދޭ ފަރާތްތަކަށް އަންނަ ހޯމަދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
އެހެން އަހަރު ތަކޭ އެއްގޮތަށް އަންނަ އަހަރު ބާއްވާ މުބާރާތުގައި ވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ސުކޫލުތަކުގެ ދަރިވަރުންނާއި، ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި، އިންސްޓިޓިއުޓް ނުވަތަ މަރުކަޒުތަކާއި، ޤުރްޢާން ކުލާސްތަކާއި، ޙާފިޡުންގެ އިތުރުން ކުލަބު ޖަމްޢިއްޔާތަކަށެވެ.

ކީރިތި ޤުރްޢާނާ ބެހޭ މަރުކަޒުން ބުނީ މި މިބާރާތުގައި ސްކޫލު ކުދިންގެ ބައިން ސިޓީތަކުގެ ސްކޫލްތަކުން ކޮންމެ ސްކޫލެއްގެ އަމިއްލަ ނަމުގައި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށާއި ސިޓީތަކުގެ ސްކޫލްތައް ފިޔަވާ އެހެން ސްކޫލްތަކުން މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ސްކޫލްތަކުގެ މެދުގައި ބާއްވާ އަތޮޅު މުބާރާތުން ހޮވޭ ދަރިވަރުންނަށް ކަމަށެވެ.
ޤައުމީ ޤުރުއާން މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން އަތޮޅު ފެންވަރުގައި ޤުރުއާން މުބާރާތްތައް މިހާރު ދަނީ ބާއްވަމުންނެވެ. ބައެއް އަތޮޅުތަކާއި ސިޓީ ކައުންސިލުން ވަނީ ބައިވެރިވާނެ ދަރިވަރުން ކަނޑައަޅާފައެވެ. އަތޮޅު މުބާރަތުން ޤައުމީ މުބާރަތަށް ބައިވެރިން ހޮވަނީ އަތޮޅު ކައުންސިލްތަކުންނެވެ.
މި މުބާރާތް ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ބަލައިގެން ކިޔެވުމުގެ ބަޔާއި ހިތުން ކިޔެވުމުގެ ބައެއެވެ.
35ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލަކީ އިސްކަންދަރު ސްކޫލެވެ. އެ ސްކޫލަށް މުޅި މުބާރާތުން އެއްވަނަ ލިބުމުގެ އިތުރުން އެއްވަނަ ދަރިވަރަކީ އެ ސްކޫލުގެ އާޔަން އަޙްމަދު އިނާނެވެ. މުޅި މުބާރާތުން ދެވަނަ ހޯދީ ވެސް އިސްކަންދަރުގެ ފާތިމަތު ޒާޔާ ޒާހިރެވެ.
advertisment
ހިޔާލު