ދަރުމަވަންތަ ސްކޫލުގެ އެކްޓިވިޓީ ކޯނަރ، ބެލެނިވެރިއެއްގެ ބޮޑު ހަދިޔާއެއް

ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކުޅެލާ، ފޮތް ކިޔާނެ މާހައުލެއް ހޯދައި ދިނުމަށް އެ ސްކޫލުގައި " އެކްޓިވިޓީ ކޯނަރ"އެއް ހުޅުވައިފިއެވެ.

އެ ސްކޫލުގެ 4 ވަނަ ފަންޑިފިލާގައި ހަދާފައިވާ އެކްޓިވިޓީ ކޯނަރ ހުޅުވައި ދެއްވީ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި، ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، އާއިޝަތު ސަފޫރާއެވެ.

ފޮތް ކިޔުމާއި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް ފަރުމާކޮށް، އެތަނަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދައި ދިނީ އެ ސްކޫލުގެ ބެލެނިވެރިއެކެވެ. އެއީ އެ ބެލެނިވެރިޔާގެ ފަރާތުން ދަރުމަވަންތަ ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ދިން ހަދިޔާއެކެވެ.

"އަޅުގަނޑުމެންނަށް އެ ބެލެނިވެރިޔާގެ ފަރާތުން ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް އެއީ. އެކަން ވީ އަޅުގަނޑުމެންނަށް ވެސް ލިބުނު ބޮޑު ސަޕްރައިޒަކަށް" ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ދީދީ (ޑީޑީ) ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

ޑީޑީ ވިދާޅުވީ "އެކްޓިވިޓީ ކޯނާއެއް" ހަދަން ފުރަތަމަ ވިސްނީ، ކުދިންނަށް ފަސޭހައިން ކުޅެވޭނެ ކުޅިވަރުތައް ހިމަނައިގެން ވީހާވެސް ޚަރަދުކުޑަކޮށް އެކަން ކުރާށެވެ. އެކަން ކުރަން ބެލެނިވެރިންނާ އެ ވާހަކަ ހިއްސާ ކުރުމުން، ބެލެނިވެރިއަކު އެކަމަށް އިސްނަގައި އަމިއްލަ ޚަރަދުގައި އެ މަސައްކަތް ކޮށްދިނީ ކަމަށް ޑީޑީ ވިދާޅުވިއެވެ.

ހަތަރު ވަނަ ފަންގި ފިލާގައި، ދެ ފަރާތަށް ވާގޮތަށް ހަދާފައިވާ އެ ކޯނާގައި، ކެރަމާއި ރާޒުވާ އެއަރ ހޮކީއާއި ބިލިޔާޑް ފަދަ ކުޅިވަރުތައް ކުޅެވެން ހުރެއެވެ. އަދި ދަރިވަރުންނަށް ފަސޭހައިން ފޮތް ކިޔޭނެ ގޮތަށް ސޯފާއާއި ބީންބޭގްތަކެއް ވެސް ވަނީ ބަހައްޓާފައެވެ.

ޑީޑީ ވިދާޅުވި ގޮތުގައި، އެ ސްކޫލް ފަރުމާކޮށްފައިވާ ގޮތުން ކޮންމެ ފަންގިފިލާއެއްގައި ވެސް، އެފަދަ ކުޅިވަރާއި ފޮތް ކިޔަން ތިބެވޭނެ ތަންތަން ހަދާނެ ޖާގަ އެބައޮތެވެ. އެ ތަންތަނުގައި ވެސް ކޯނާތަކެއް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޑީޑީ ވިދާޅުވިއެވެ.

 

" އެކި ފަންގިފިލާ ތަކުގައި ވެސް ތަފާތު ކުޅިވަރާއި ދަރިވަރުންގެ ހުނަރާއި ކުރިއެރުމަށް ހިތްވަރު ލިބޭ ފަދަ ކަންތައްތައް ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ހަދާނަން" ޑީޑީ ވިދާޅުވިއެވެ.

އެކްޓިވިޓީ ކޯނަރ ގެ ބޭނުން އެ ސްކޫލުގައި ކިޔަވަމުންދާ 750 އެއްހާ ދަރިވަރުންނަށް އޮތީ ހުޅުވާލާފައެވެ. އެ ފުރުޞަތު މިހާރު ދެނީ، ދަރިވަރުންނަށް ލިބޭ ބްރޭކް ގަޑިތަކުގައެވެ.

ޑީޑީ ވިދާޅުވި ގޮތުގައި އެކްޓިވިޓީ ކޯނާގެ ސަބަބުން އެކި ކުލާސްތަކުގެ ކުދިން އެއްތަނަކުން ބައްދަލުވެ ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށާއި ކުދިންގެ މެދުގައި ވާހަކަ ދެކެވި އެއްބައެއްގެ ގޮތުގައި ގުޅިގެން އުޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

" މިހާރު އަޅުގަނޑުމެންނަށް ކުދިންގެ ފަރާތުން ލިބޭ ޝަކުވާއަކީ އެތަނުގެ ބޭނުން ހިފަން ލިބޭ ވަގުތު މަދުވުން" ޑީޑީ ވިދާޅުވިއެވެ.

ދަރުމަވަންތަ ސްކޫލަކީ މާލޭގެ ސަރަޙައްދުގައި އެއް ދަންފަޅިއަށް ކިޔަވައިދޭ ތިން ސްކޫލުގެ ތެރެއިން އެއް ސްކޫލެވެ. އެ ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އިންޑޯ ކުޅިވަރުތަކަށާއި ބައެއް ހަރަކާތްތައް ހިންގާނެ ހޯލެއް ނެތުމެވެ. އަދި އެކަށީގެންވާ ޓާފްތަނޑެއްގެ ދަތިކަން ވެސް އެ ސްކޫލަށް އެބައޮތެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *