"ވޯކް އެންޑް ބައިކް ޓު ސްކޫލް" ގެ ނަމުގައި ބ. ގޮއިދޫ ސްކޫލުގެ ދަރިވަރުން މަހަކު އެއްފަހަރު ބައިސްކަލުގައި ސްކޫލަށް ދާ ގޮތަށް ހަމަޖައްސައި އެކަން ފެށީ 10 އޮގަސްޓް 2022ގައެވެ. އެ ދުވަހު، ދަރިވަރުން ސްކޫލަށް ދިޔައީ ބައިސްކަލްގައެވެ. ބައިސްކަލް ނެތް ކުދިން ދިޔައީ ފައިމަގުގައެވެ. ދަރިވަރުންނާއެކު އެ ސްކޫލުގެ މުދައްރިސުންނާއި ބެލެނިވެރިން ވެސް ބައިވެރިވިއެވެ.

އޭގެ އެއް އަހަރު ފަހެވެ. މަހަކު އެއްފަހަރު ފެށި ހަރަކާތް ފުޅާވެ، މިއަދު އެ ސްކޫލުގެ 80 އިންސައްތަ ދަރިވަރުން ކޮންމެ ދުވަހަކު ސްކޫލަށް ދަނީ ބައިސްކަލުގައެވެ. ފައިމަގުގައި ދާ ކުދިން ވެސް ކުރިއަށްވުރެ އިތުރެވެ.
" އާންމު ކަމަކަށް ވީމާ މިހާރު ނުޖެހޭ ބައިސްކަލުގައި ދާކަށް ވަކި ދުވަހެއް ޚާއްޞަ ކުރާކަށް" ޕްރިންސިޕަލް މުޙައްމަދު ނިޒާމް ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު އެ ސްކޫލުގެ މަދު ކުއްޖެއް ފިޔަވައި ހުރިހާ ކުދިން ބައިސްކަލް ދުއްވުން އާދައަކަށް ހަދާފައިވާ ކަމަށެވެ. އަދި ހަވީރުފިންޏަށް ދުއްވަން ނުކުތުމާއި ބައިސްކަލުގައި ސެޓެންޓް ޖެންސުން ވެސް އާދައަކަށް ހަދައިފި ކަމަށެވެ.
ގޮއިދޫ ސްކޫލުގައި މިހާރު 160އަށްވުރެ ގިނަ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.

އޭރު ސްކޫލުން ބުނީ، މަހަކު އެއް ފަހަރު ބައިސްކަލުގައި ދާ ގޮތަށް ހަމަޖެއްސީ، ކޮންމެ ދުވަހަކު އެކަން ކުރަން އުނދަގޫތަކެއް ހުންނާނެތީ ކަމަށެވެ.
" މިހާރު ދަރިވަރުން ބެލެނިވެރިން އެކަމަށް ހޭނިއްޖެ. އެއީ ދިރިއުޅުމުގެ ބަޔަކަށް ވެއްޖެ" ނިޒާމް ވިދާޅުވިއެވެ.
advertisment
ހިޔާލު