"ދިވެހި ޤައުމިއްޔަތު" މާއްދާ، އަންނަ ދިރާސީ އަހަރުން ފެށިގެން ކިޔަވައިދޭން ފަށަނީ

ޤައުމީ މުޤައްރަރުގައި ހިމަނައިގެން "ދިވެހި ޤައުމިއްޔަތު" މާއްދާ، އަންނަ ދިރާސީ އަހަރުން ފެށިގެން ސަރުކާރު ސްކޫލްތަކުގައި ކިޔަވައިދޭން ފަށަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް، ކެބިނެޓްގެ ނިންމުން ރައްޔިތުންނާ ހިއްސާ ކުރައްވައި މިއަދު ވިދާޅުވީ، އަންނަ ދިރާސީ އަހަރުން ފެށިގެން "ދިވެހި ޤައުމިއްޔަތު" ވަކި މާއްދާއެއްގެ ގޮތުގައި ޤައުމީ މަންޖަހުގައި ހިމަނައިގެން ސަރުކާރު ސްކޫލްތަކުގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ ވަކި ތާވަލެއް އެކުލަވާލައި އެ ތަވާލާ އެއްގޮތަށް ކަމަށެވެ.

" އެއް ފަހަރާ ހުރިހާ ގުރޭޑަކަށް ކިޔަވައި ނުދޭނެ. ތާވަލާ އެއްގޮތަށް ގުރޭތަކަށް ބަހާލައިގެން ކުރިއަށް ގެންދާނީ" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "ދިވެހި ޤައުމިއްޔަތު" ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައި ދިނުމުގެ ތާވަލެއް ތައުލީމީ ވުޒާރާއިން އެކުލަވާލާނީ ރައީސް އޮފީހާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

އޭނާ ވިދާޅުވީ، ވަކި މާއްދާއެއްގެ ގޮތުގައި "ދިވެހި ޤައުމިއްޔަތު" ކިޔަވައި ދެނީ ޤައުމިއްޔަތުގެ ރުކުންތަކަށް އިސްކަންދީ، ޤައުމިއްޔަތަށް ލޯބިކުރާ އަދި އޭގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ކަމަށެވެ.

ދިވެހި ޤައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ޤައުމީ މަންހަޖުގައި ހިމެނުމުގެ އިތުރުން، އެކަކު އަނެކަކަށް އިޙްތިރާމު ކުރުމުގެ އާދަ އަލުން އަށަގެންނެވުމަށް ޓަކައި ތަޢުލީމުގެ ޤައުމީ މަންހަޖަށް އިޞްލާޙު ގެނައުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *